ދުނިޔެ / ރޮހިންޖާ

ރޮހިންޖާ ރެފިއުޖީން އިންޑޮނީޝިއާއަށް ފޭބުން ހުއްޓުވައިފި

އިންޑޮނީޝިއާއަށް އިއްޔެ ދިޔަ މިއަންމާގެ ރޮހިންޖާއިން ބޯޓުގައި: އެ މީހުން ފައިބަން އިންޑޮނީޝިއާއިން ވަނީ ހުއްދަ ނުދީފައި. -- ފޮޓޯ: އޭއެފްޕީ

30 ޖެނުއަރީ 2025 - 06:09

ރޮހިންޖާ ރެފިއުޖީންގެ 75 ވަރަކަށް މީހުން އިންޑޮނީޝިއާގެ ރިސޯޓް ރަށަކަށް ބޯޓެއްގައި ކައިރިކޮށް ފައިބަން އުޅެނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރޮހިންޖާއިންނަކީ ހަރުކަށި ބުޑިސްޓުންގެ ބާރު އޮންނަ މިއަންމާގައި ވަރަށް ބޮޑަށް އަނިޔާ ލިބެމުންދާ ބައެކެވެ. އެހެންވެ އެ މީހުންގެ ތެރެއިން އެތައް ބަޔަކު ކޮންމެ އަހަރަކު ވެސް، މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނީޝިއާ އާއި މެލޭޝިއާއަށް އެތެރެވާން ކަނޑުމަގުން ނުރައްކާތެރި ދަތުރުތައް ކުރެ އެވެ.

އިންޑޮނީޝިއާގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ރިޒާލިހާދީ ވިދާޅުވި ގޮތުގައި ހަތަރު ކުޑަކުދިންނާ އެކު ރެފިއުޖީންގެ އެންމެ މި ގްރޫޕް އަޗޭ ޕްރޮވިންސްގެ ގޮނޑުދޮށަށް ގާތްކުރީ އިއްޔެ މެންދުރު ފަހު 2:00 ގަ އެވެ.

"ލިއުޖް ބީޗަށް ފައިބަން އުޅުނީ 75 ރޮހިންޖާ މުސްލިމުން. އޭގެ ތެރޭގައި ތުއްތު ހަތަރު ކުދިން ހިމެނޭ،" ރިޒާލިހާދީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.

އިންޑޮނީޝިއާއަށް އިއްޔެ ދިޔަ މިއަންމާގެ ރޮހިންޖާއިންނަށް އާންމުން ކާބޯތަކެތި ދެނީ. -- ފޮޓޯ: އޭއެފްޕީ

ސެކިއުރިޓީ އޮފިސަރުން ވަނީ ރެފިއުޖީން ފައިބައިން ހުރަސް އަޅައި، ބޯޓުގައި މަޑުކުރުމަށް އަންގާފައި ކަމަށް އެ ސަރަހައްދުގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުންޏެވެ.

"މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ މިވަގުތު އެމީހުންނަށް ފައިބަން ހުއްދައެއް ނެތް. ވަރަށް ގިނަ (ޓޫރިސްޓުންގެ) ހަރަކާތްތައް ކުރިއަށް އެބަދޭ... ޓޫރިސްޓުންނާ މައްސުނިވެ މި މީހުން ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް،" ރިޒާލިހާދީ ވިދާޅުވި އެވެ.

"މި ވަގުތު މި ގެންގުޅޭ ސިޔާސަތަކީ އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ މަންދޫބުން އަންނަންދެން އެ މީހުން ބޯޓުގައި ތިބުން."

ގޮނޑުދޮށް މޮނިޓާ ކުރުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއިރު، އެ ސަރަހައްދުގެ ރައްޔިތުން ވަނީ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.

އިންޑޮނީޝިއާއަށް އިއްޔެ ދިޔަ މިއަންމާގެ ރޮހިންޖާއިން ތިބ ބޯޓު ކައިރިއަށް މީހުން ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

މި މަހުގެ ކުރީކޮޅު ވެސް 260 އަށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން އަޗޭއަށް އެރި އެވެ.

އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިރުމަތީ އަޗޭގެ އައްސޭރިފަށުން ބޯޓު އަޑިއަށް ދިއުމުން 100 އަށް ވުރެ ގިނަ ރެފިއުޖީން ވަނީ ސަލާމަތްކޮށްފަ އެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރޮހިންޖާ ދަރިކޮޅުގެ 152 ރެފިއުޖީއަކު ސައުތު އަޗޭ ޑިސްޓްރިކްޓްގެ އައްސޭރިފަށުގައި އެތައް ދުވަހެއް ވަންދެން ބަނދަރުކޮށްގެން ތިބެން ޖެހުނެވެ. އެއީ އެ މީހުން އިންޑޮނީޝިއާ އަށް ބާލާނާތޯ ނުވަތަ އަނބުރާ ފޮނުވާލާނީތޯ ނުނިންމިގެންނެވެ. އެކަމަކު ފަހުން އެ މީހުން ފޭބުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އިންޑޮނީޝިއާއަކީ އދ.ގެ ރެފިއުޖީންގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އެހެންވެ މިޔަންމާގެ ރެފިއުޖީންނާ ހަވާލުވާން މަޖުބޫރު ނުކުރެވޭނެ ކަމަށާއި ކުރަންވީ ކަމަކީ އަވަށްޓެރި ގައުމުތައް ގުޅިގެން މި މީހުންނާ ހަވާލުވެ އެކި ގައުމުތަކުގައި ރަނގަޅު ގޮތުގައި ވަޒަންވެރިކުރުވުން ކަމަށް އިންޑޮނީޝިއާއިން ބުނެފައިވެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454