އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތް އިރު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު ހިނގާލުމެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ޖެނުއަރީ 2025 - 13:26
ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަންގައި އޮތް ޕީޕީއެމް އުވާލާފައިމިވަނީ ޕާޓީ އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކުރުމާ ގުޅިގެންނެވެ.
ޕީޕީއެމް އުވާލައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ގެޒެޓު ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން އެ ޕާޓީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް އުވާލިއިރު އެ ޕާޓީއަކީ 2013-2018 އާ ހަމައަށް ވެރިކަން ކުރި ޕާޓީ އެވެ.
ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރްޕީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރްޕީ" ފެކްޝަނުގެ ތެރެއިންނެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
ޔާމީންގެ ވެރިކަމުގައި މައުމޫނާ ހިޔާލު ތަފާތުވެ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޕީޕީއެމުން އެ މަނިކުފާނު ބޭރުކުރި އެވެ. އަދި ޔާމީންގެ ފުލް ކޮންޓްރޯލާ އެކު 2016 ވަނަ އަހަރުން ފެށިގެން ޕީޕީއެމް ހިންގަމުން ދިޔަ އެވެ.
ނަމަވެސް، ވެރިކަން ގެއްލުމުން ޕީޕީއެމްގެ ބާރު އަނެއްކާވެސް މައުމޫނަށް ފުރޮޅިދާނެ ކަމުގެ ބިރު އޮތުމުން ޕީއެންސީގެ ނަމުގައި ޔާމީން އާ ޕާޓީއެއް އުފެއްދެވި އެވެ. ކޯޓުން މައްސަލަ ނިމުނު ގޮތުން ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ދެމި އޮތްއިރު އެ މަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ދެ ޕާޓީ ވެސް ގެންދެވީ ހިންގަމުންނެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނެ ގޮތް ޔާމީނަށް ނުވުމުން ޕީއެންސީގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދެއްވި އެވެ. ޕީއެންސީގެ ތެރޭގައި ބޭއްވި އިންތިހާބެއްގައި އެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. އޭގެ ބަދަލުގައި ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީ ވަރުގަދަ ކުރުމުގެ މަސައްކަތް ފެށި އެވެ. މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ހުރިހާ ކެންޑިޑޭޓުން ނެރުނީ ޕީއެންސީގެ ނަމުގަ އެވެ.
ޕީޕީއެމްގައި ތިބި ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އެންމެ ގިނަ މެންބަރުން ތިބި އެއް ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލިއިރު ވެސް އެ ޕާޓީގައި 12،174 މެންބަރުން ތިއްބެވެ.
ރައީސް މައުމޫން އުފެއްދެވި ޕީޕީއެމް އުވާލިއިރު، އެމަނިކުފާނު ޕީޕީއެމް ދޫކުރައްވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ވެސް އިއްޔެ ވަނީ އުވާލައި، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ.
ސިޔާސީ ޕާޓީއެއް އުވައިލާތާ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއެއްގެ ކުލަ އާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި ފަހުން ވަނީ އިސްލާހެއް ވެސް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިންކޫ
30 January 2025
ފިނިފެންމާޕާޓީ އުވާލީމާ ސައީދު ހާދަ ދެރަވާނޭ.
ވަގު ތީ
30 January 2025
ވެރިކަމަށް ގެނެސް ދިން ޕާރޓީއަށްވެސް މިދިނީ ދޯކާ! ޕީޕީއެމް އަށް މިދިނީ ފެންކައްކާ ބޮލީގެ އިއްޒަތްތ!. މި މައްސަލަ ކޯޓަށް ވެއްދުމަށް ޕާރޓީގެ މުއައްސިސް އަހުމަދު ފާރިސް މައުމޫނަށް ގޮވާލަން.
ހިތާމަ
30 January 2025
ހާދަ ދެރައޭ ދެން. ފުރަތަމަ ޑީއާރުޕީ. ދެން ޕީޕީއެމް.
ސުނާރު
30 January 2025
މިގޮތައްވެސް ޕާޓީ އުވާލެވޭތަ؟ ޕާޓީގައި ތިބެން ބޭނުންނުވާ ބަޔަކު އިސްތިއުފާދީފަ ދިޔާމަ ނިމުނީނު ، 12000 މެމްބަރުންގެތެރެއިން ބަޔަކު ނިކުމެ ޕާޓީ ހިންގަން ފުރުސަތުލިބެންޖެހޭނެ ކަމަށް ދެކެން
ކަތްދައްތަ
30 January 2025
ސިޔާސީ ޕާޓީއަކީ ގާނޫނީ މީހެއްކަމަށްވާއިރު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދައުވާ ކުރާ މީހަކު ހުރިތޯ ރެޑިޔޮލުން ނުގޮއްވާ ސިޔާސީޕާޓީއެއް ވަޅުލެވޭތަ؟ މިހާރުވެސް ޑީއަރުޕީގެ ދަރަނި މިލިޔަނުން އެހެރެ އުޅެނީ ކޯޓުތަކުގަ. ޖަނާޒާމެން ޕާޓީން ކެޑުތާހެން ޑީއާރުޕީ ވަޅުލައިފި ދަރަންޏެއް އޮތްތޯ ނުބަލާ.
އެހެންނޫވޭނެ
30 January 2025
ރާއްޖޭގައި އުފެދުނު އެއްމެބޮޑުޕާޓީ. ފެހި ގާނޫނުއަސާސީގެދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަކުރި ފުރަތަމަޕާޓީ. 12ހާސް ސައްހަ މެންބރުތިބި ޕާޓީ. ތިހެން ކަހާތަން ހިރުވާނުލާހެން އުވާލެވޭތަ. ކޮބާ މެންބަރުންގެ ހައްގު. ދެންއަންނަދައުރެއްގައި ތިޕާޓީން ނުކުންނަމީހަކަށް ވެރިކަންލިބުން ގާތޭހީވާތީ ބިރުފުޅުން އުވާލީ.
ގައުމީ ދޫ
30 January 2025
ސިޔާސީ ޕާރޓީ ތަކަކީ ފަރުދުންތަކެއް ޝާމިލުވާ ގާނޫނީ ޝަޚްސެއް. ޢެ މުއައްސަސާ ހިންގުމަށް ވަކި މުއްދަތަކަށް އިންތިޚާބު ކުރެވޭ ބަޔަކަށް ޕާރޓީއެއް އުވާލުމަށް ފުރުސަތު ލިބިގެންދިއުމަކީ ހައިރާންވާންޖެހޭކަމެއް!
ފުދިއްޖެ ފުނޑިއްޖެ
30 January 2025
ކޮބާ އަދުރޭ ރޫޅާލުންގަނޑު ކިހިނެއް ދަނީ؟
ފެނުޖެހުނީ
30 January 2025
އިދިކޮޅު މީހުންނަށް ހުރިހާދޮރެއް ބަންދުވެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ
ޙެހެހފ
30 January 2025
މުޔަފުޅުވީތޯ؟
މެމްބަރެއް
30 January 2025
އަހަރެމެން ލީޑަރޝިޕެއް އިންތިޚާބުކުރީ ޕާރޓީ އުވާލާކަށް ނޫން، ޕާރޓީ ހިންގަން. އާއްމު މެމްބަރުންގެ ބަހެއް ނެތި ، ރާއްޖޭގެ ވެރިކަން ކުރި ބޮޑު ޕާރޓީއެއް އުވާލުމަކީ ގައުމުގެ މުއައްސަސާއެއް ގަތުލުކޮށްލުން. ޕާރޓީގެ ލީޑަރޝިޕުން ޕާރޓީ އުވާލަން ހުށަހެޅުމުން ، އެމީހުން އިސްތިއުފާ ދިނުމަށްފަހު އެހެން ލީޑާރޝިޕަކަށް ފުރުސަތު ދޭން ޖެހޭ. ލީޑަރޝިޕްގައި ތިބި މީހުން ސަރުކާރުން ލިބޭ މަގާމުތަކާއި މަންފާގެ ދަހިވެތިކަމުގައި ޕާރޓީ އުވާލަން ޖާގަ ދީގެން ނުވާނެ!