ރައީސް ޑރ މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވަނީ. އެގައުމުން ރާއްޖެއަށް ދޭން ކަނޑައެޅި އެހީ ވަނީ ބޮޑުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
01 ފެބުރުއަރީ 2025 - 14:52
އިންޑިއާގެ 2025-2026 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މިދިޔަ އަހަރަށް ކަނޑައެޅި ވަރަށް ވުރެ އިތުރުކުރަން ނިންމައިފި އެވެ.
މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު ފާސްކުރި 2024-2025 ގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) ގެ ބަޖެޓެކެވެ. އެއީ އެ އަހަރަށް ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. އެ އަހަރު އެންމެ ފުރަތަމަ ރާއްޖެއަށް ދޭ އެހީގެ ގޮތުގައި ލަފާކުރީ 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ.
އިންޑިއާއިން ގައުމުތަކަށް އެހީގެ ގޮތުގައި ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދޭން ނިންމާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދެނީ ނޭޕާލަށެވެ. އެގައުމަށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ އެހީ ދޭން ނިންމާފައިވެ އެވެ.
ދެވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ ރާއްޖެއަށެވެ. އެއީ އެގައުމުން އެހެން ގައުމުތަކަށް ދޭން ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 25 ޕަސެންޓެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި އޮތަސް، އެގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އަންނަނީ ވަރުގަދަވަމުންނެވެ. މިދިޔަ މަހު އެގައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލު ވެސް ވަޑައިގެންނެވި އެވެ.
އިންޑިއާއިން ތިން ވަނައަށް އެންމެ ބޮޑު އެހީއެއް ދެނީ މޮރިޝަސްއަށެވެ. އެގައުމަށް 58 މިލިއަން ޑޮލަރު (894 މިލިއަން ރުފިޔާ) ދޭން ކަނޑައަޅާފައިވެ އެވެ.
އެ ތިން ގައުމުގެ އިތުރުން އިންޑިއާއިން އަންނަނީ އަފްޣާނިސްތާން، ބޫޓާން، ބަންގްލަދޭޝް، މިޔަންމާ، ލަންކާ، މޮންގޯލިއާ، ސީޝެލްސް އަށް ވެސް އެހީވަމުންނެވެ.
އެގައުމުން މި ނިމުނު އަހަރުގެ ބަޖެޓުން ގައުމުތަކަށް އެހީވުމަށް 293 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) ގެ ބަޖެޓެއް ފާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުހަމް ހަލީމް
03 February 2025
މި ހަބަރު ކިޔާފަ އެމްޑީޕީ މީޙުންނަ ނިކަން އުދަގޫވާނެ. އެމީހުން ހީކުރީ އެމީހުންގެ ވެރިކުގަ އެކަނި ކަމަށް މިކަން ވާނީ. ހެހެ
ލަބީން
02 February 2025
ޔާމީން ރުޅިއަޔަސް މިއަދަކު އިންޑިއާ ސިފައިން މިގައުމަކުއެއްނެތް، ހުދު އޭނަވެސް މިހާރު އެވާހަކަ ނުދައްކާ. މުއިއްޒު ދެކެ ރުޅިއަންނަނީ އެހެން ކަމެއްވެގެން. ވެރިކަން އަތުން ގެއްލުނީމަ
މުރުޝިދް
02 February 2025
އަހަރުމެންގެ ގައުމުގެ ބޮޑުބައެއް ވިއްކާ ނުލާވެސް އިންޑިއާ ގާތް ގުޅުމެއް ބޭއްވިދާނެކަން މިހާރު ދިވެހި ރައްޔިތުން ގަބޫލުކުރޭ. އެކަން ގަބޫލު ނުކުރަނީވެސް ހަމަ އެންމެ ބައިގަނޑެއް. އެއީ އެމްޑީޕީ
ލުފްޝާން
02 February 2025
އަހަރުމެންގެ އެންމެ ގާތް އަވަށްޓެރި ގައުމު އިންޑިއާގެ ބޭނުން މިއަދުގެ ސަރުކާރުން މިހިފަނީ އެންމެ ރަނގަޅަށް. އިންޑިއާ އިން މިހާރު ހިލޭ އެހީ ދިނަސް ކަމަކަށް ޑިމާންޑު ކުރާތަނެއްނުފެނޭ.
ހުމާމް
02 February 2025
ގައިމު މިހާރު މިގައުމުގަ ނުދައްކާ އިންޑިއާ ސިފައިން ތިބި ވާހަކައެއް. ސިފައިން ބާލާފަ އަހަރުމެން އެންމެ އެދޭ ގާތް ގުޅުމެއް މިހާރު މިއޮތީ
ހަމްދޫންް
02 February 2025
އިންޑިއާ ގުޅުން ބަދަހި ކުރުމުގެ ނަތީޖާ މިފެނިގެންދަނީ. ޔާމީންގެ މަޅީގަ ނުޖެހި ގައުމުގެ މަސްލަހަތު އިސްކޮށް ރައީސް މުއިއްޒު ނެންގެވި ހަރުދަނާ ފިޔަވަޅުގެ ނަތީޖާ މީ
އަންމި ޝަމީމް
02 February 2025
ރައީސް މުއިއްޒު ތަފާތުވާނެ. އަންނަނީ ތަފާތު ދައްކަމުން. މި ގައުމަށް ލާރި ވަންނަ ކޮންމެ ދޮރެއް ހުޅުވަމުންދާތަން ފެންނަމުންދަނީ
ލާމިއު
02 February 2025
އެމްޑީޕީ އިން މޭކަރާނެ. އެމީހުންގެ ސަރުކާރު އޮތްއިރު އިންޑިއާއިން ނުވާ އެހީ މިސަރުކާރަށް ދޭކަމީ ފެންނަ ހަގީގަތެއް
މިރުޒާގް
02 February 2025
މުއިއްޒު ވަރަށް ކޮލެޓީ އިނގޭ ގައުމުތަކާ ގުޅުން ބާއްވަން. އެއޮށްބޮޑު އިންޑިއާ އާ ޗައިނާ ދެމެދު ގާތް ގުޅުމެއް އޮތްތަން ފެނިގެން މިދަނީ. މީ އަދި މިގައުމުގެ އެއްވެސް ވެރިޔަކަށް ވެފައޮތް ކަމެއްނޫން
ނައްބަތު
02 February 2025
ހިލޭ އެހީގެ 69 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމި ނިންމުމުން ދޭހަވާނީ މިސަރުކާރާމެދު އިންޑިޔާއިން ފުރިހަމަ އިތުބާރާ ޔަޤީންކަން ދޭކަން