ހައި ކޯޓު: ވަކިކުރި ސިޔާސީ މުވަަައްޒަފުންގެ މައުލޫމާތު ހާމަނުކުރުމަށް ސަރުކާރުން ވަނީ ހައި ކޯޓަށް ހުށަހަޅާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ފެބުރުއަރީ 2025 - 18:26
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އެނާޓީ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެެއިން އެކި މިނިސްޓްރީތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި އިއުލާން ކުރައްވައިފަ އެވެ. އެކަމަށް ކަނޑައެޅި މުއްދަތު ހަމަވިއިރު 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި އެވެ.
އެކަމަކު، އެ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމާއި ވަކިކުރީ ކޮން ބައެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ.
ނަމަވެސް ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުން އައިކޮމްގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ.
އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓު މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އެ މީހުން ވަކި ކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ސަރުކާރުގެ އެކި އިދާރާތަކުން "މިހާރު" އާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެއްޔާ
03 February 2025
ނަމަކީ އޭގެ ޒާތުގައި ސިއްރުކުރެވޭނޭ ޒާތީ މައުލޫމާތުކަމަށް ގަބޫލުކުރާނީ ވިސްނުން ކޮށިވީމައެވެ. އެހެނެއްނޫން، ނަމާއި އެއްކޮށް ހުންނަ (ގާނޫނުތަކުން ސިއްރުކަމަށް ކަނޑައަޅާ) ބައެއް މައުލޫމާތަކީ ސިއްރެވެ. ނަމުގެ މައިގަނޑު ބޭނުމަކީ އެކަކު އެނެކަކަށް ތައާރަފުވުމެވ. އެއީ ޕަބްލިކް ރެކޯޑެކެވެ. ރައީސް އޮފީހުން އެ ހަވާލާދޭ ގަޒިއްޔާގެ ދައުވާލިބޭ ފަރާތުންވެސް ވަނީ އެކުންފެނީގެ ވެރިންގެ ނަންތައް ވެބްސައިޓާއި ޕަބްލިކެޝަންތަކުގައި އާންމުކޮށްފައިއެވެ
އަސްލީ
03 February 2025
މި ހީވަނީ ދައުލަތުގެ ފައިސާ އަކީ މި މީހުންގެ އަމިއްލަ އެއްޗެއް ހެން. ދައުލަތުގެ ފައިސާ ހޭދަކުރާގޮތް ރައްޔިތުންނަށް ސިއްރު ކުރުމަކީ ޚިޔާނަތް. އެކަން ބަލައި މައުލޫމާތު ފޮރުވަން އުޅޭ މީހުންނަށް އަދަބު ދޭންޖެހޭ.
އުދުހޭ
03 February 2025
ރައްޔިތުންގެ ފައިސާއާ ހަވާލުވަންޏާ އެއީ ކާކުތޯ ރައްޔިތުންނަށް އެގެންޖެހޭނެ. މުސާރަ ވިޔަސް އަދި ފްރޮޖެކްޓްވިޔަސް.
އިސްމާލު2.0
03 February 2025
ރައީސް އޮފީސް ދައުލަތުގެ އިދާރާއަކަށް ނުވާ ގޮތެއް، ނުނީ އެތަނުގައި ވިޔަފާރި މަސްލަހަތު އޮންނާނޭ ގޮތެއް، އަޅުގަނޑަށް ވިސްނާ ވިސްނާ ނޭނގުނު. ބީއެމްއެލް ގަޒިއްޔާގައި ޒާތީކަމަށް ބުނެފައި އޮތީ މަގާމާއި މުސާރަ ހިމަނައިގެން ނަންކަމަށް ބޮޑަށް ބެލެވެނީ. އަދި، ފަނޑިޔާރުން ބުނެފައިވޭ އެ މައުލޫމާތުތަކަކީ ދޫކުރަންޖެހޭ ފަދަ ފުޅާ އާންމު މަސްލަހަތެއް އޮތް މައުލޫމާތެއް ވެސް ނޫންކަމަށް. ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގައި އޮތީ ކިހާ ބޮޑު މަސްލަހަތެއްތޯ؟
ހަމަދު ސަލީމް
02 February 2025
ހައިކޯޓުން ނިންމާނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް، ފަނޑިޔާރުންވެސް އެމީހުންގެ މަގާމަށް ވިސްނަނާނެނު. މަޖިލޫގެ ލަގަންއޮތީ ރައީސް އަތުގަ.
މިއައު
02 February 2025
ފައިސަލް ވަކިކޮށްފަ ވެސް ނޭނގި ނަމަ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
02 February 2025
އިބޫ 700. މުއިއްޒު ކުޑަ، ލުއި ސަރުކާރުގާ 1400. ހިސާބުޖެހީ ކާކުތޯއެވެ؟ މިހާރު ކަންތައް ގޮއްސާއޮތްހިސާބުން އަދުރޭ ހެދި ހިސާބަކަށްމިނުވާނެ. ދެން ސުވާލަކީ ކާކުބާއޭ؟
އަހްމަދް
02 February 2025
މިވަރަށް މިކަން ދިޔާމަ ހާމަ ކުރަން ބޭނުމަސް ހާމަ ކުރެވޭނީ މީހަކު ވަކި ކުރިނަމަތާ..
މިހާލް
02 February 2025
މުއިއްޒު ވިދާޅުވި ރައްޔިތުންނަށް ފޮރުވަނެ ކަމެއް ނޯންނާނޭ ހުރިހާ މައުލާމާތެއް ދޭނަމޭ..ރައީސްއޮފީހުން ކަންކުރަނީ މުއިއްޒުއާއި ދެކޮޅަށްބާ.
ކާނިި
02 February 2025
އާދެ. އެއީވެސް ބޭންކުރިފަދަ ބަޣާވާތީ ވައްތަރެއް.
ޢަލްޓިކޯ
02 February 2025
ޢިސްޜާފެއްނު ކުރަނީ އެކި ގޮއިގޮތުން ވަޒީފާގެ ޒިއްމާ އެއްނެތި ކުރަންޖެހޭ މަސައްކަތެއްނެތި ސިޔާސީގޮތުން ބޮޑުމުސާރަދީގެން މީހުން ގެންގުޅެނީ.އަދި މޮޅު ތަންކޮޅަކީ އެމީހުން ގޭމް ކުޅެން މޮޅެތި ކޮމްޕިއުޓަރ ސިސްޓަމް ކައިރީ ބައިންދާއިރު ބުރަކޮށް މަސައްކައިކުރާ ސިވިލް ސަރވިސް މުވައްޒަފު އިންނަނީ ކޮމްޕިއުޓރ ކައިރީ ލޯޑިންގަ..ނިކަން ބައްލަވާ 1.4މިލިޔަން ރުފިޔާ ގައުމެއް ބަލަން ކޮބާރައްޔިތުންނަށް ވީ ފައިދާއެއް