ޔޫއެސްއެއިޑް ބަންދުކުރުމުގެ ކަންބޮޑުވުމާ އެކު އެތަނުގެ އޮފީސް ކައިރީގައި ހޯމަ ދުވަހު ބަޔަކު މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
04 ފެބުރުއަރީ 2025 - 06:27
އެމެރިކާ ސަރުކާރުން އެހީގެ މަސައްކަތްތައް ހިންގާ ބޮޑު އެޖެންސީ ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ މައި އޮފީސް ހޯމަ ދުވަހު ބަންދުކޮށް އެތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ކަނޑާލައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ޔޫއެސްއެއިޑާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް ފަހު އޮފީސް ބަންދުކުރި އިރު އެތަނުގެ ވެބްސައިޓް ވެސް ޑައުންކޮށްލި އެވެ. އެއާ އެކު ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ އެ ޖަމިއްޔާ އޭނާގެ ކޮންޓްރޯލްގެ ދަށަށް އަންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރުބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "އެމެރިކާގެ މަސްލަހަތު ޒިންމާދާރުކަމާ އެކު ގައުމުން ބޭރުގައި ކުރިއެރުވުމުގެ އަސްލު މަގްސަދާ އެ އެޖެންސީން ހިލާފްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ" ކަމަށެވެ. އޭނާ ވިދާޅުވީ ޔޫއެސްއެއިޑް ރިވިއުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރުބިއޯ މިހެން ވިދާޅުވި އިރު ޔޫއެސްއެއިޑްގެ 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެ މީހުންގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް އެކްސެސް ވެސް މިހާރު ނުލިބޭ ކަމަށް އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ.
މި ކަންބޮޑުވުންތަކާ އެކު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުންނާ އެކު ފަންސާހަކަށް މީހުން ވަނީ ޔޫއެސްއެއިޑްގެ އޮފީސް އިމާރާތުގެ ކައިރީގައި "ސޭވް ޔޫއެސްއެއިޑް" ޖަހާފައިވާ ލިޔުންތަކާ އެކު މުޒާހަރާ ވެސް ކޮށްފަ އެވެ. އެކަމަކު ސެނެޓަރުން ޔޫއެސްއެއިޑް އޮފީހުގެ ޕަބްލިކް ލޮބީއާ ހިސާބަށް ވެސް ވަނަ ނުދީ ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ.
އެމެރިކާގެ ފޮރިން ޕޮލިސީގެ ދަށުން އެހީ ދޭ ގޮފި ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެންމެ ފަގީރު ސަރަހައްދުތައް ހިމެނޭގޮތަށް ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްހީ އަދި އިމަޖެންސީ ޕްރޮގްރާމްތަކަށް ފަންޑުކުރެ އެވެ. ޔޫއެސްއެއިޑަކީ ޓްރަމްޕުގެ އެކުވެރި ބިލިއަނަރު މަސްކުގެ ވިޔަފާރީގެ މަސްލަހަތު ވަރަށް ބޮޑަށް އޮންނަ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ "ސޮފްޓް ޕަވަ" ގެ މުހިންމު ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯވަ.
04 February 2025
ފިރުއައުނު ވެސް ހަލާކުވާންވީމަ ގާރޫނު ގެނެސް އަރިސްކުރި. އޭނާގެ ލަފަޔާ އިރުސާދުގެދަށުން ފިރުއައުނުގެ ތަށިމަތިން ކާންދިން އެތައްސަތޭކަ ޔަތީމުކުދިންގެ ކޮށްތު ކަނޑާލި. ބޭކާރު ހަރަދު ކުޑަކުރަން. މި އެމެރިކާ ވެސް ނިމިގެންދާނެ ވަގުތު ޖެހުނީ. ބިން ފަސާދަކުރާ އަނިޔާވެރިންގެ ނިމުން އަންނާނީ ދާދި އެއްގޮތަކަށް.
ބޯފަން ބުޅާ
04 February 2025
ފަލަސްތީނު އެއިޑު ނަމުގައި ލިބޭ ފައިސާ ހޭދަ ކުރާ ގޮތުގެ ހިސާބުތައް ހާމަ ނުކުރާ ޖަމިއްޔާ އެއް ރާއްޖޭގައި ވެސް އޮވޭ.
ޓެރިފްމޭން
04 February 2025
ކެމްޕޭންތެރޭގަ ވެސް ބުނެފައޮތް ކަންކަންމީ. މިކަހަލަ އެއިޑްތަކަށް ޑިޕެންޑްނުވާންވީ. ރާއްޖޭގަވެސް މިއެއިޑުގެ ދަށުން މަސައްކަތްތައް ހިނގާ