04 ފެބުރުއަރީ 2025 - 09:48
ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ މިހާރު ކޯޗުކޮށްދޭ ވެސްޓް ހޭމް 2-1 ން ބަލިކޮށް ޗެލްސީން ޕްރިމިއާ ލީގުގައި ރޭ ފެންވަރު ދައްކާލައިފި އެވެ.
ޗެލްސީގެ ކޯޗުކަމުން 2022 ގައި ޕޮޓާ ވަކި ކުރި ފަހުން ރޭގެ މެޗަކީ ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖަށް އޭނާ އަލުން އެނބުރި އައި ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެރާޑް ބޯވެން ވެސްޓް ހޭމް އަށް ލީޑު ނަގައިދިނެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ޕެޑްރޯ ނެޓޯ އެވެ. ދެ ވަނަ ލަނޑަކީ ނެޓޯ ނަގައިދިން ބޯޅައެއްގައި ކޯލް ޕާމާ ފޮނުވާލި ބޯޅައިން ޖެހި ލަނޑެކެވެ. އެކަމަކު އެ ލަނޑު ވެސްޓްހޭމްގެ ކޮޅަށް ވަދެފައި ވަނީ އެ ޓީމުގެ އާރޮން ވަން ބިސާކާގެ ގައިގައި ޖެހިފަ އެވެ. އެ ލަނޑު ލިސްޓްކޮށްފައި ވަނީ އޭނާ އަތުން ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގަ އެވެ.
ވެސްޓް ހޭމްގެ ކޯޗު ގްރަހަމް ޕޮޓާ
މިއީ 2013 ގެ ފަހުން އަމިއްލަ ދަނޑުގައި، ފުރަތަމަ ހާފުގައި ފަހަތުގައި އޮތުމަށް ފަހު ދެ ވަނަ ހާފުގައި ޗެލްސީ އަށް ނަތީޖާ ބަދަލުކޮށްލެވުނު ފުރަތަމަ މެޗެވެ. އަމިއްލަ ދަނޑުގައި ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން އެހާ ދިގު މުއްދަތެއް ޗެލްސީ އަށް ހޭދަވުމުން އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ހުރީ ހައިރާން ވެފަ އެވެ.
"އަހަރެން މިހުރީ އުފަލުން. ސަބަބަކީ އަހަރެން މި މެޗު ބަލަނީ ނަފުސާނީ ގޮތުން އަހަރެމެންނަށް އެންމެ އުނދަގޫ މެޗުގެ ގޮތުގައި،" މެޗަށް ފަހު މަރެސްކާ ބުންޏެވެ.
"ކެތްތެރިވާން ޖެހޭނެ. އަހަރެމެންގެ ކޮޅަށް ގޯލް ވަނީ އަހަރެމެންނަށް ހެދުނު ގޯހަކުން. އެހާހިސާބުން އަހަރެމެން ޖެހޭނެ ނަފުސާނީގޮތުން ވަރުގަދަ ވާން. ދެ ވަނަ ހާފުގައި އަހަރެމެންނަށް ޖާގަތައް ލިބެގެން ކުޅެލެވުނު. ބެންޗުން އެރި ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު."
ކުރިން ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިހާރު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ޗެލްސީން ރޭ ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމުން ހަތަރުވަނަ އަށް ޖެހިލީ ސިޓީގެ މައްޗަށް ދެ ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ތިން ވަނަގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ. ދެ ވަނައިގައި އާސެނަލް އެވެ. އެއް ވަނައިގައި އޮތީ ލިވަޕޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯގެ ބޭބެ
04 February 2025
ވެސްޓްހޭމް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަންގޯލަކުން މޮޅުވީމަ ވެސް ސުރުހީގަ މި އޮތީ ފެންވަރު ދެއްކި ވާހަކަ، އަޅެ ފަހެ އަޖައިބުން އަންތަރީސް ނުވާނެތަ؟
ބްރޯގެ ބޭބެގެ ބްރޯ
04 February 2025
މެޗު ނުބަލަންޔާ ނޭނގޭނެދޯ ބްރޯގެ ބޭބެ އަކަށް.