ހުޅުމާލޭގެ ކެންސަރު ސެންޓަރުގައި، ބަލި މީހަކަށް ނަރުހަކު ފަރުވާ ދެނީ.-- ފައިލް ފޮޓޯ: މިހާރު
04 ފެބުރުއަރީ 2025 - 11:36
ސަރުކާރުގެ ދެ ހޮސްޕިޓަލުން ކެންސަރަަށް ފަރުވާ ހޯދަން 1،600 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަބްދުﷲ މުއާޒު އާދަމް ވިދާޅުވީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުން 2019 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ދަފްތަރުގައި 1،400 މީހުން ތިއްބަސް، އެ އަދަދު މި އަަހަރުގެ މިހާތަނަށް 1،617 އަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ފަސް މަސް ތެރޭގައި، ގާތްގަނޑަކަށް 217 މީހުން ވަނީ ރަޖިސްޓްރީ އަށް އިތުރުވެފަ އެވެ.
އެ އެޖެންސީން މިހާރު ވެސް ދަފްތަރު އަޕްޑޭޓްކުރަމުން އަންނާތީ އެ އަދަދު އިތުރުވާނެ އެވެ.
މުއާޒު ވިދާޅުވީ ކެންސަރު ދަފްތަރުގައި މަރުވެފައި ތިބި މީހުން ވެސް ހިމެނޭ ކަމަށެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ނިމޭއިރު މަރުވެފައި ތިބި މީހުންގެ އަދަދު ވަކިން އެނގޭނެ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ދަފްތަރުގައި ތިބި ފިރިހެނުންގެ މެދުގައި އެންމެ ގިނައީ ފުއްޕާމޭގެ ކެންސަރެވެ. އަންހެނުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އުރަމަތީގެ ކެންސަރެވެ.
ފިރިހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ ވަރު އިތުރުއިރު، ޑަބްލިއުއެޗްއޯގެ އެހީގައި އެމްއެންޔޫ އިން 2021 ވަނަ އަހަރު ހެދި ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވަނީ އަށް އަހަރުގަ އެވެ. އެ ދިރާސާގައި 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި އެވެ.
އެޗްޕީއޭއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ ބުނީ ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
- ދުފުން
- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން
ކެންސަރު ސޮސައިޓީން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ބަލީގެ ދުވަހު، ކުރިއަށް އޮތް ތިން އަހަރަށް ގެންދާ ކެމްޕެއިން ބިނާކޮށްފައިވަނީ "އެފަދަ ދެވަނައެއް ނެތް ގުޅުން" ޝިއާރަށެވެ.
ކެންސަރުގެ 200 އަށް ވުރެ ގިނަ ވައްތަރު ހިމެނޭއިރު، ކޮންމެ ކަހަލަ ކެންސަރަކަށް ވެސް ދޭން ޖެހޭ ފަރުވާ ތަފާތު ކަމަށާއި އެ ތަފާތުތަކަށް ރަނގަޅަށް މުހާތަބުކުރަން ކެންސަރާ މެދު އެކަނި ވިސްނުމުގެ ބަދަލުގައި ސިއްހީ ފަރުވާ އިންތިޒާމް ކުރާނީ ފަރުދުންނާއި މުޖުތަމައުގެ ބޭނުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުންޏެވެ.
ވަކިވަކި މީހުންނަށް އިސްކަންދީގެން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓެލެމެޑިސިންގެ ޒަރިއްޔާއިން ހިދުމަތް ލިބޭނެ ގޮތާއި ބަލި މީހާއަށް އެންމެ ބޭނުންވާ ވަގުތު ސިއްހީ ފަރުވާ އަދި އެހެނިހެން އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ސިޔާސަތުތައް ރާވާއިރު ކެންސަރު ތަޖުރިބާކޮށްފައިވާ މީހުންގެ ބައިވެރިވުން ހިމަނަން ޖެހޭ ކަމަށް ވެސް ބުންޏެވެ.
"މިގޮތަށް ކަންކަންކުރުމުގެ ނަތީޖާއަކަށް ވާނީ ބަލި މީހާގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެ އަދި ލިބިދެވޭ ސިއްހީ ހިދުމަތުގެ ފެންވަރުމަތިވެ ބަލި މީހާގެ އިތުބާރު ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ލިބި، ބަލި މީހާއާ އާއިލާގެ ހިތްހަމަޖެހުން އިތުރުވެ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފަރަގު ކުޑަކުރެވި ސިއްހީ ނިޒާމު ހަރުދަނާވުން،" ބަޔާނުގައި ވެ އެވެ.
ސޮސައިޓީން ބުނި ގޮތުގައި ކެމްޕެއިންގެ ފުރަތަމަ އަހަރުގެ މަގުސަދަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުގައި ދިމާވާ ހުރަސްތަކާއި ދަތިތަކަށް އަލިއަޅުވާލައި ބަލި މީހާއަށް އަމާޒުކޮށް ސިއްހީ ފަރުވާ ދެވޭނެ އެންމެ ރަނގަޅު ގޮތް ދެނެގަތުމެވެ.
މީގެ 13 އަހަރު ކުރިން އުފެއްދި ކެންސާ ސޮސައިޓީން އަންނަނީ އެ ބަލި ތަހައްމަލުކުރާ މީހުންނާއި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ހާއްސަކޮށްގެން ސަޕޯޓު ގްރޫޕެއް ވެސް ހިންގަމުންނެވެ. އެ ގްރޫޕުގައި 260 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ. މިއީ، އެ ގްރޫޕު އުފެއްދިތާ ނުވަ އަހަރު ފުރޭ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބުސީބެ
05 February 2025
އަދިކިރިޔާ މިވިސްނުނީ ސިގިރޭޓު އަގުބޮނޑު ކުރި ސަބަބު ތިބޭފުޅުން ހިއްވަރެއް ހުރިޔާ ރިސާރޗު ކޮއްލަވާ 5 އަހަރުފަހުން ނަފުސާނީ ބަލިޖެހިގެން އުޅޭޒުވާނުންގެ ރަޖިސްޓުރީ، އަދި ރާއްޖޭގައި ވައްކަމާ ފޭރުމުގު ކަންކަން އޮތް މިންވަރު،،
މުސްތަފާބެ
04 February 2025
އިންޑިޔާ ، ބަންގާޅު ވަލުން ގެންނަ ފޭކް ބޭސް ކައި ކައި މީހުން ހަލާކުވަނީ ، މުޅި މާލޭ ގަ ކާރު އަދި ، ސައިކަލު ގަރާޖް ، މުޅި ރަށަށް ރޯ ދަވާދު ސްޕްރޭކުރުން ، އެކަކަށް ވެސް ނެތް ސަލާމަތެއް.
ލަތީފާ
04 February 2025
އަދިވެސް މާލެއަށް ތޮއްޖައްސާ، މެޑިކަލް މާފިޔާރ އަށް ސިޔާސީ ބާރުވެރިކަންދީ، ދިވެހިން ހޭލުންތެރި ނުކޮށް އުޅެލާ! ހެވެއްނު، ސިޔާސީ ވެރިންގެ ގެ 15 ބުރިއަށް ހިއްލާލާ، 150،000ރ ކުރީގެ ރައީސްގެ އިނާޔާތް ނަގާ ދިވެހިން ނިކަމެތިކޮށޮލާ
ރަނާވަތު
04 February 2025
ރާއްޖޭގެ ސިއްހީ ދާއިރާގެ ދޯހަޅިކްމުން ރާއްޖޭގައި އުފައްދާ ދަނޑުވެރި ކަމުގެ ބާވަތްތަކާއި އަދި ތައްޔާރީ ކާނާތަކުގައި ހުންނަނީ ރަހަ ހެޔޮވަރުކުރަން ބާރުގަދަ ކެމިކަލްތައް އަޅާފައި. ދުންފަތައްވުރެ މާ ނުރައްކާ
ޢެޑްމުންޑޯ
04 February 2025
ކަލޯ އެމެރިކާގެ އެންމެގިނައިން މީހުންމަރުވާ ދެވަނަ ބައްޔަކީ ކެންސަރ ، އެއީ ސިއްހީނިޒާމް ދޯހަޅިވެގެންތަ ،
ރަނާވަތު
04 February 2025
ލާމުގަ ހުންނާނެ ފައްޔާޒް އިސްމާއިލް އަޅައިދިން ކެންސަރ ހޮސްޕިޓަލް
ގޮއްޔެ
04 February 2025
މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ ކެންސަރ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިންވެސް ބަލިމީހުން ހޯދިފައި އެބަހުރި. ނަމަވެސް ޝައްކުކުރެވޭމީހުން އިތުރަށް ޓެސްޓްކުރުމުގެ ކަންތައް އޮތީ އިންތިހާއަށް ދޯހަޅިކޮށް. ބަލީގެ ވީހާވެސް ކުރީކޮޅުގައި އެކަން ދަނެގަނެވުމަކީ އެބަލި ފެތުރިގެންދިއުން ކުޑަކޮށްލަދޭ ކަމަކަށްވިއަސް އައި.ޖީ.އެމް.އެޗުން ކޮލޮނޮސްކޯޕީގެ ހަދަންވެސް 2މަސް 3މަސްނަގާ. އެހެންނޭކިޔާފައި އެކަމަށް ސަރުކާރުން ޙައްލެއްހޯދައިދޭކަށްނޫޅޭ.
އަބްޑޫޅް +
04 February 2025
ބަލަ، މާލޭ ދަފުރަތު އެނދި އިރު، ކެންސަރުގެ ދަފްތަރު ނާދަނީދޯ؟
ހާސަރު
04 February 2025
މި ރާއްޖޭގައި ކެއިން ބުއިމަށް މިގެންގުޅޭ ތަކެތި ހުރިހާވެސް މައްސަލަ އަކީ ، ދެން މި މާލެ ! މި މާލެ މިއީ މިހާރު އިންސާނުން އުޅެން ހެޔޮވާވަރަށް ވުރެ ވައި ނުސާފުވެފަ އޮތް ތަނެއް! އެކަމަކު ހަމަ އަދިވެސް ހުއްޓުމެއްނެތި އިމާރާތް ކުރަނީ!!!!!!
ޖަހާމް
04 February 2025
އެފަދަ ދެވަނައެއްނެތް ގުޅުން ޝިޢާރުގެ ދަށުން ކާބޯތަކެތި ވިއްކާ ހުރިހާ ތަނެއް ފިހާރަތަކާއިއެކު ޗެކްކޮށްލަ ދެއްވާ ގެއްލުންވާ ތަކެތި ހުރިތޯ..ހެލްތްއިން ނުކުރާނެ އެހެން ނަމަ މިވީހާތަނަށް ކުރީސް..މުދާ އެތެރެކުރާމީހުން ބޭނުން އެޗެއް އެތެރެކޮށް ވިއްކަނީ..މިފަހުން 18އަހަރު ނުފުރޭ ގިނަ އަދަދެއްގެ ކުދިންވެސް ލޭގެ ކެންސަރ ޖެހުނު ކަމަށްވޭ..އަނެއްކާ އުރަމަތީ ކެންސަރ މިހާރު އޮތީ ވަރަށް އާއްމުވެފަ.
ޙަޒްމާ
04 February 2025
ދުންފަތުގެ ދުމުން ސަލާމަތްވާނީ ކިހިނެތް އަދިވެސް ހުޅުމާލޭ ޕޭވްމަންޓް ކެޕޭތައް އޮޕަރޭޓް ކުރަނީ. ސްކޫލް ކަންމަތީ ގައި ދުންފަތުގެ އިސްތިއުމާލު. މުޅި ހިސާބުގަނޑުގައި އޭގެ ވަސް.