ރިޕޯޓް / ކެންސަރު

ކެންސަރު ބަލި މިއަށްވުރެ ސީރިއަސްކޮށް ނަގަންވެއްޖެ

ފަސް އަހަރުގެ ތެރޭގައި 66،000 ދިވެހިން ކެންސަރަށް ފަރުވާ ހޯދައިފައިވޭ. އޭގެ ތެރޭގައި ޝައްކުވެގެން ފަރުވާ ހޯދި ގިނަ ބަޔަކު ވެސް އެބަތިބި.

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކެންސަރު ސެންޓަރު: މި ސެންޓަރުން މިހާރު ވެސް އެތައް ބަޔަކު ފަރުވާ ހޯދާ.-- ފައިލް ފޮޓޯ: މިހާރު

ވާގޮތެއް ނޭނގެ އެވެ. އެކަމަކު، ފ. އަތޮޅުގެ މި ކުޑަކުޑަ ރަށް، ދަރަނބޫދޫގައި ވެސް 10 ވަރަކަށް މީހުންނަށް ކެންސަރު ޖެހި، ބައެއް މީހުން އެ ބަލީގައި މަރުވެ، އަނެއް ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ހަރު މީހުންނެވެ. އެއް ބަޔަކު ގަބޫލުކުރަނީ އެއީ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. ނޫނީ ތަޣައްޔަރުވެފައިވާ ފެން ބުއިމަކީ އޭގެ އެއް ސަބަބު ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

އެ ކަންބޮޑުވުންތައް ބޮލާލައި ޖަހާލެވޭކަށް ނެތެވެ. ކެންސަރާ މެދު މިއަށްވުރެ ސީރިއަސްކޮށް ދެކި، 500،000 މީހުން ވެސް ހަމަނުވާ މި ކުޑަކުޑަ ގައުމުގައި އެ ބަލި އެހާ އާއްމުވާ ސަބަބު ބަލަން އެބަޖެހެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އަނގައިގެ އަދި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުންހުރި ކަންތައްތަކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުފުމަކީ އެ ކެންސަރުތަކަށް މަގުފަހިވާ ކަންތައްތައް ކަމަށްވާތީ، އެ ބަލިތައް މެދުވެރިވާ ބައެއް ސަބަބުތައް މިހާރު ވެސް ދެނެގަނެވިފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭގައި ހުންނަ އޮންކޯ ސެންޓަރުގައި ބޭސްތަކެއް ރައްކާކޮށްފައި.-- ފައިލް ފޮޓޯ: މިހާރު

އެ އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 2021 ވަނަ އަހަރު ހެދި ދިރާސާގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަން ދެނެގަނެވިފައިވެ އެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވަނީ އަށް އަހަރުގަ އެވެ.

ދިރާސާގައި ބައިވެރިވެފައި ވަނީ 15-39 އަހަރާ ދެމެދުގެ 3،104 މީހުންނެވެ.

ރާއްޖޭގައި ކެންސަރު ކިތައްމެ އާއްމުވިއަސް، އެ ބައްޔަށް ސީދާ ފަރުވާ ހޯދާ މީހުންގެ އަދަދެއް އެޗްޕީއޭއަކަށް ސާފެއްނުވެ އެވެ. އެ އެޖެންސީގެ އޮފިޝަލް ވިދާޅުވީ ކެންސަރު ރަޖިސްޓްރީ ޑިޖިޓައިޒްކޮށް، އަޕްޑޭޓުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ފަށާފައިވާ ކަމަށާއި އޭގެ މަސައްކަތް ނިމުމުން އެ މަންޒަރު ސާފުވާނެ ކަމަށެވެ.

އޭގައި ބަލަމުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތިބި ކެންސަރު މީހުންގެ އަދަދު އަދި މަރުވާ މީހުންގެ އަދަދުތަކެވެ.

"މިހާރު އަޅާފައިވާ ޑޭޓާތަކުން ވެސް ކެންސަރު އިތުރުވެފައިވާކަން ދައްކާ. އޭގެ ސަބަބުތަކުގެ ތެރޭގައި ސްކްރީނިން އިތުރުވުމާއި މީހުން ހޭލުންތެރިކަން އިތުރުވުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ކެންސަރުގެ ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބު.-- މައުލޫމާތު: އާސަންދަ

ނަމަވެސް، އާސަންދަ ކުންފުނިން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، ކެންސަރާ ގުޅުން ހުރި ކަންކަމުގައި މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އޭގެ ތެރޭގައި އެ ބައްޔަށް ޝައްކުކުރެވޭ އަދި ބަލި ޖެހިފައިވާކަން ޔަގީންވެ، އަސްލު ފަރުވާ ނަގާ މީހުން ހިމެނެ އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި 66،000 އަށްވުރެ މީހުން ކެންސަރު ބައްޔަށް ޝައްކުވެގެން އަދި ފަރުވާ ހޯދި އެވެ. ނަމަވެސް، އަސްލު ބަލި ޖެހިފައިވަނީ ކިތައް މީހުންނަށް ކަމެއް ސާފެއްނުވެ އެވެ.

އެޗްޕީއޭއިން މިހާރު އަންނަނީ، ކެންސަރު ޖެހިފައި ތިބި މީހުންނަށް، އެ ބަލި ޖެހުނު ސަބަބު ބަލަން އައިޖީއެމްއެޗާ ގުޅިގެން ދިރާސާއެއް ހަދަން ތައްޔާރުވަމުންނެވެ.

ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވެސް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ކެންސަރު ޖެހުމުގެ ރިސްކް ފެކްޓާއެއް ކަމަށެވެ. އެހެންވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އެ މީހަކު އަމިއްލައަށް ކުރެވޭނެ ކަމަކަށް ވިއަސް، ކިތައްމެ ރަނގަޅަށް ދިރިއުޅުމުގެ ވައްޓަފާޅި ހުއްޓަސް ކެންސަރު ޖެހުމުގެ ފުރުސަތު އެބައޮތްކަން ޖުވޭރިޔާ ފާހަގަކުރެއްވި އެވެ.

އެކަމަކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކު ރަނގަޅަށް ކެންސަރު ފަރުވާ ހޯދާނަމަ، އެ ބަލިން ރަނގަޅުވުމުގެ ފުރުސަތު، ސިއްހީ އެހެން ކަންކަން ހުންނަ މީހުންނަށް ވުރެ މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންސަރަށް ހޭޅުންތެރިކަން އިތުރުކުރަން ބޭއްވި ޕިންކް ރިބަން ހިނގާލުމުގެ އިވެންޓު.

"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާއާ ހެލިފެލިވެ އުޅުމަކީ ވަރަށް މުހިއްމު ކަމެއް." ޖުވޭރިޔާ ވިދާޅުވި އެވެ.

ކެންސަރު ސޮސައިޓީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ސްކްރީނިން ޕްރޮގްރާމް ގެންދަމުންނެވެ. އެ ހަރަކާތް 2016 ވަނަ އަހަރު ފުޅާކުރުމަށްފަހު، ކޮވިޑުގެ ސަބަބުން 2020-2021ގެ ސްކްރީނިން މަޑުޖައްސާލުމަށްފަހު، އަލުން ފަށާފައިވަނީ 2022 ވަނަ އަހަރެވެ.

ޖުވޭރިޔާ ވިދާޅުވީ ސްކްރީނިންގެ ތެރެއިން ޝައްކުވާ ކޭހެއް ފެނިއްޖެ ނަމަ، އިތުރު ޓެސްޓުތައް ހެދުމަށް އަވަހަށް މާލެ އައުމަށް ބާރުއަޅާ ކަމަށެވެ. ސްކްރީނިންގެ ކޮންމެ ދަތުރެއްގައި 5-7 މީހުން ކެންސަރަށް ޝައްކުވާ ކަމަށް އެ ސޮސައިޓީން ބުންޏެވެ.

ކެންސަރު ގިނަވާ ސަބަބުތައް ބަލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ހެލްތު މިނިސްޓްރީން ފެށިއަސް އޭގެ ނަތީޖާ ފެންނަން އަދި އަހަރުތަކެއް ނަގާނެ އެވެ. ރާއްޖޭގެ އޮންކޮލޮޖިސްޓުންނާ ގުޅިގެން ފަސް އަހަރުގެ ޕްރިވަލެންސް ރިސާޗު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަސްލު ރިސާޗުގެ މަސައްކަތް ފަށާނީ އޭގެ ފަހުންނެވެ. އެހެންވެ، އެ ދިރާސާ ނިމޭއިރު ރާއްޖޭގައި ކެންސަރު އޮންނާނީ ކޮން ހާލަތެއްގައި ކަމެއް ނޭނގެ އެވެ.

33 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބޫ

02 June 2024

ޜާއްޖޭގައި ތިޔަ ސާވޭއެއްް ނެހެދޭނެ. ދާނީ ޗޮކުން. ޢެއިން ސޯޓުބޭލޭނީ މުއްސަނދިން. ލޯކޮލިޓީ ފަޑުއްކަ ގެނެސް އާއްމުންނަށް ކާންދެނީ...

The name is already taken The name is available. Register?

އަހުމަދު ޝިޔާމް

14 May 2024

އަހަރެމެންގެ ކާބަފައިން ދިޔާ ހަކުރާއި ކާއްޓާއި ކައިގެން އުޅުނީ މާ ފުރިހަމަ ސިއްހަތެއްގައި. މިހާރު ކޮންމެ ފިހާރައެއްގެ ހަރު ފުރިފައި ހުންނާނީ ވިހަ މާއްދާތަކުން ހަދާފައި ހުންނަ ކާބޯތަކެތިން..

The name is already taken The name is available. Register?

ފައިދާ

10 May 2024

އިންޑިއާއިން އެތެރެކުރާ ނުރައްކާތެރި ކާބޯތަކެއްޗާ ބޭހާ ކައިގެން ބަލިވެގެން އިންޑިއާއަށް ޓެސްޓްކުރާށާ ބޭސްކުރަން ދިއުމުންނާ މިގައުމުގަ ހުރެގެން ބޭސްކޮށްގެންވިއަސް އިންޑިއާގެ ބޭސްތައް ބޭނުންކުރީމަ އަދި މިގައުމުގަ އިންޑިއާ ޑރން ގިނަވީމަ ހުރިހާ ގޮތަކުންވެސް ފައިދާވަނީ އިންޑިއާއަށް.

The name is already taken The name is available. Register?

ރޮބެޓް

10 May 2024

ރާއްޖޭގެ ދަނޑުތަކުގައި ނުރައްކާތެރި ކެންސަރުއުފައްދާ ކެމިކަލްތައް ކޮންޓްރޯލްއެއް ނެތި ދަނޑުބަލަހައްޓާ މީހުން (ބިދޭސީއިންނާއި ދިވެހިން) ބޭނުންކޮށްފައި ގެނެސް ވިއްކަނީ. އަހަރުމެން އެކައި ނަގަނީ. އޮޑިދޯނި ފަހަރު ބަންނަ ރަށްރަށުގައި ފައިބަރ ގްލާސް ކެމިކަލް ތަކާއި ކުނޑިތައް ކޮންޓްރޯލްއެއް ނެތި ޖައްވަށް ފޮނުވަނީ. ޑްރަގްއާއި ސިނގިރޭޓް ވޭޕް ދުވަހުން ދުވަހަށް އިތުރުވަނީ. އިންޑިއާ އޭ ކިޔައިގެން ނިންމާލެވޭކަށް ނެތް!

The name is already taken The name is available. Register?

ބިގްފާރމާ

10 May 2024

މަމެންނަށް ލިބެމުން މި ދާ ލާރިތައް ނުލިބޭގޮތަކަށް އެއްކަމެއް ވެސް ބަދަލެއް ނުކުރެވޭނެ. މަރުވަންދެން ބޭސް ކާލަކާލަ ތިބޭ

The name is already taken The name is available. Register?

ސޮރުބެ

10 May 2024

ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލާ ކެންސަރާއި ހުރިގުޅުން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗާއި ކެންސަރާއި ހުރިގުޅުން އާންމު ތަންތާ ދުންފަތް ބޭނުންކުރުމާއި ކެންސަރާއި ހުރިގުޅުން ސަޕުލައިފެނާ ކެންސަރާ ހުރި ގުޅުން ވާރޭފަނާއި ކެންސަރާއި ހުރިގުޅުން ކަނޑުމަހާއި ކެންސަރާއި ހުރިގުޅުން ރާއްޖެގައި މީގެން އެއްވެސް ކަމަކާ ގުޅޭ ދިރާސާއެއް ހެލުތުން ހަދައިފަ ފެންނަން ނެތް ދެން ހެލްތުން ކުރާ ކަމަކީ ކޮބާ

The name is already taken The name is available. Register?

އާއި

09 May 2024

ކޮންމެ އހަރަކަށް ބޮލަކަށް ޖެހެވަރު ވަކިވަކިން ބަލާލަބަަލަ. 2023 ވަނަ އަހަރު ޑަބަލްގިނަ. ހިސާބު ރަނގަޅުތަ؟ ނޫނީ ހަމަ އަސްލެއްތަ؟

The name is already taken The name is available. Register?

އައްޓަމަސް

09 May 2024

ރަނގަޅަށް ހޯދާބަލާ ތިޔަ ރައްރަށުގައި ފައިބަރު މަސައްކަތް ކުރޭތޯ ރާއްޖޭގެ ކެންސަރު ބަލީގެ ގިނަބަޔަކީ ސިނާއީ މަސައްކަތް ކުރާ ރަށަކަށް ނިސަބަތްވާ ބަޔެއް މިސާލަކަށް ރ. އަލިފުށި އެއްވެސް ހާކެއްގައި ނުބުނަން ދުނަފަތުން ކެންސަރު ނުޖެހެއެކޭ

The name is already taken The name is available. Register?

އަހުމަދު....

09 May 2024

ރާއްޖެ އަށް އެތެރެ ކުރާ ތަރުކާރީ އާ މޭވާ، ކުކުޅާ، މީޓް ގައި ކެމިކަލް ހުންނަވަރު ޓެސްޓް ކުރުމުގެ ޒިންމާ ބޮލުއަޅައިގެން ތިބި މީހުން މުސާރަ ނަގައިގެން ނިދާފަ. ރާއްޖޭގަ ހައްދާ ބާވަތް ތަކަށް ބޭސް ޖެހުން ހައްދުން ނެއްޓިފައި. މާރުކޭޓުގަ މޭވާ ދޮންކުރަން ބޭސް ބޭނުންކުރޭ. މެޑިސިންގެ ސޭފްޓީއެއް ނުބަލާ. ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ވަނީ ހިޔާނާތް. ހެލްތު ޕުރޮޓެކްޝަން އާއި ހެލްތު މިނިސްޓްރީ ވަނީ ފެއިލްވެފައި.

The name is already taken The name is available. Register?

މީނާ

09 May 2024

ކުޑައިރުންސުރެން މިޖަހާ ވެކްސިން ސަބަބުން ކުދިން އޯޓިސްޓުވެ އާބާދީގެ ބޮޑުބައެއް މިހާރު އެއީ އޯޓިޒަމް ތަހައްމަލް ކުރާ ބައެއް . އާއްމުކޮން ކޮންމެ އާއިލާއެއްގައި އޯޓިސްޓު ނުވަތަ ޑައުން ސިންޑްރޯމަށް ފަރުވާކުރާ ކުދިން މީ ސީދާ ކުޑައިރު ޖަހާ ވެކްސިންގެ ސަބަބުން ދިމާވާ ނިއުރޮލިގިކަލް މައްސަލައެއް. ދެން ވެކްސިނުން ދިމާވާ އަނެއްޙާލަތަކީ ކެންސަރު ޚާއްސަކޮން ފަހުން މިޖެހި ކޮވިޑު ވެކްސިންގެ ސަބަބުން ކެންސަރު ޖެހޭލެ ވަރަށް އާއްމު އަދި ލޭގަނޑުވުން ......

The name is already taken The name is available. Register?

ހީހީ ސުލީހް

09 May 2024

ކިހިނެއްތީ ސީރިޔަސް ބައްޔެއްގޮތުގަ ނަގާނީ. ދުވާލަކުދެދަޅަޔަށްފެނޭ މީ ބައްޔެއްނޫނޭ ކިޔާފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454