ކްރިމިނަލް ކޯޓު ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: ކޯޓުތަކުގައި ޖާގަ ނެތުމަކީ ހަގީގަތެއް - ފޮޓޯ: ނިޝާން އަލީ / މިހާރު
05 ފެބުރުއަރީ 2025 - 07:27
ކޯޓުތަކުގެ ޖާގައިގެ ދަތިކަމާ ހެދި ޝަރީއަތްތައް ލަސްވާ މައްސަލައިގައި، ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިސާލެއް ޖެއްސެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން ވެލިގަނޑުމަތީ ފުޓްބޯޅަ ކުޅުނަސް ރަށްރަށުގައި ވެސް ފުޓްސަލް ދަނޑެއްގައި ނޫނީ މިހާރު ފުޓްބޯޅަ ކުޅެން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ. މިއީ ފަނޑިޔާރުން ވެސް ޖާގައިގެ މައްސަލައިގައި ތިއްބެވި ގޮތް ކަމުގައި ސިފަކުރެއްވި އެވެ.
މިނިސްޓަރު ސިފަކުރެއްވި ގޮތުގައި ފަނޑިޔާރުން އުޅުއްވަނީ ޒަމާނީ ފެންވަރަށް ހަދާފައިހުރި މޮޅު ކޯޓު ރޫމެއް ނުލިބިގެންނެވެ. އެކަމަކު، ކޯޓު ރޫމެއް ނެތަސް، ސްކޫލެއްގެ ތެރޭގައި ވެސް ޝަރީއަތް ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީއަތްތައް ލަސްވެގެން އުޅޭ ސަބަބަކީ ޖާގަ ނެތިގެންކަން ނޫންކަން ދޭހަވާ މޭރުމުން މިނިސްޓަރު ދެއްކެވި މި ވާހަކަތައް ޝަރުއީ ދާއިރާގެ ގިނަ ބޭފުޅުންނަށް ކަމަކު ނުދިޔަ އެވެ. އަދި އެއީ ހަގީގަތާ ދުރު ވާހަކައެއްކަން އޭގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ގިނަ ކޯޓުތަކެއް ހުރި ނަމަވެސް، އެ ކޯޓުތަކުގެ އިމާރާތްތަކާއި ވަސީލަތްތަކަކީ އެންމެ ފެންވަރު ދަށް ތަންތަނެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިގު ތާރީހެއް އޮތްއިރު އެ ދާއިރާއަށް ހާއްސަކޮށް ހުރީ މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ ޖަސްޓިސް ބިލްޑިން އެކަންޏެވެ. މާލޭގެ އެހެން ކޯޓުތައް ހިންގަމުން ދަނީ ވަގުތީ އިމާރާތްތަކުގަ އެވެ.
ޖިނާއީ އެންމެ ގިނަ ޝަރީއަތްތައް ހިންގާ ކްރިމިނަލް ކޯޓު މިވަގުތު އޮތީ އެންމެ ހާލުގަ އެވެ. އިހުގެ ބާ އިމާރާތެއްގައި ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު، އެ އިމާރާތުގެ ބޮޑު ބައެއް މިހާރު ބޭނުމެއް ނުކުރެވެ އެވެ. އެތަން ހުރީ ކިރިޔާ ބޮލަށް ނުވެއްޓި އެވެ. ސަލާމަތީ ގޮތުން ވެސް ރައްކާތެރިއެއް ނޫނެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ޝަރީއަތްތައް މެދުކަނޑާލަން ޖެހުން އާންމު ކަމަކަށް ވެފަ އެވެ.
ދެން އެންމެ ގިނަ ޝަރީއަތްތައް ހިންގާ ސިވިލް ކޯޓަކީ ވެސް ޖާގައިގެ ގޮތުން އެއްވެސް މިންވަރަކަށް އެކަށީގެންވާ ތަނެއް ނޫނެވެ. އެތަނުގެ ޝަރީއަތުގެ މަޖިލީހަކަށް ގިނަ ބަޔަކު ވަންނަން ޖެހިއްޖެ ނަމަ، އެކަން އޮންނަނީ ނުވެފަ އެވެ. މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް ވެސް ނެތެވެ. ފެމިލީ ކޯޓަށް ބެއްޔަސް އެ ހާލަތުގަ އެވެ. ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހާލަތު އަދި އެއަށް ވުރެ ދަށެވެ.
ރިޔާސީ ގަނޑުވަރުގެ ގޮތުގައި، ބަޔަކު ދިރިއުޅޭ ތަނެއްގެ ގޮތަށް ޑިޒައިންކޮށްފައިވާ ތީމުގޭގައި ހިންގާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ވެސް ހާއްސަ އިމާރާތެއް ނެތްއިރު، ވަގުތީ ގޮތުން އެ ދެ ކޯޓު އެ ތަނުގައި ހިންގާތާ މިވީހާ އަހަރެއްވީ އެވެ. މިހާރު ވެސް އެ ތަނުން ފެން ލީކުވުމުގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. ފެން ލީކުވެ ފެން ބިލް ބޮޑުވާތީ، ރަސްމީ ގަޑިއަށް ފަހު އިމާރާތުން ފެން ކަނޑާލަން މަޖުބޫރުވެފަ އެވެ. އެހެންވެ، ރަސްމީ ގަޑި ނިމުމަށް ފަހު އެ ތަނުގެ މުވައްޒަފަކަށް ފެނެއް ނުލިބެ އެވެ.
ކޯޓުތަކުގެ ޖާގައަށް އޮތް މި ދަތިކަމުގެ ހަގީގަތް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ގަބޫލުކުރައްވަ އެވެ. ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ހާއްސަކޮށް އެންމެ އިމާރާތެއް ހުރިއިރު، އެކަން ހައްލު ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.
ނަމަވެސް، ހޯމް ލޭންޑް މިނިސްޓަރުގެ ވިސްނުމަކީ އެއީއެއް ނޫނެވެ. ޖާގައިގެ ދަތިކަން އޮތްކަން ގަބޫލުކުރެއްވިޔަސް މިނިސްޓަރު ވިދާޅުވީ ޝަރީއަތްތައް ލަސްވަނީ ހަމައެކަނި ޖާގައިގެ ދަތިކަމާ ހެދިގެން ނޫން ކަމަށެވެ. އެހެންވެ، އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ޝަރީއަތްތައް ދިގު ދަންމާ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގާނޫނުގައި ފުލުހުންގެ މައްޗަށް އެކި ކަންކަން ކުރަން މުއްދަތުތައް ކަނޑައަޅާފައި ހުންނައިރު ކޯޓުތަކަށް އެފަދަ މުއްދަތުތަކެއް ކަނޑައަޅާފައެއް ނުހުރެ އެވެ. ގާޒީއެއްގެ ކުރިމައްޗަށް މައްސަލަ ހުށަހަޅާތާ ވަކި މުއްދަތެއްގެ ތެރޭ މައްސަލަ ނިންމަން ޖެހޭނެ ކަމަށް ބަޔާން ކުރާ މުއްދަތެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވެ، މައްސަލަތައް ދިގުދަންމައިގެން ގާޒީން ތިބެނީކަމަށް ދޭހަވާ ގޮތަކަށް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.
ހޯމް މިނިސްޓަރު އިހުސާން: މިނިސްޓަރު ވިދާޅުވީ ކޯޓުތަކުގައި ޖާގަ ނެތް ނަމަ ސްކޫލެއްގައި ވިޔަސް ޝަރީއަތް ހިންގިދާނެ ކަމަށް. -- ފޮޓޯ: މިހާރު
ހޯމް ލޭންޑް މިނިސްޓަރު މިހެން ވިދާޅުވިއިރު ފަނޑިޔާރުން ޖަވާބުދާރީކުރުވައި، އެ ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު ވެސް އޮވެ އެވެ. އަދި ޖުމްލަކޮށް ކޯޓުތައް ޖަވާބުދާރީކުރުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވެސް އޮވެ އެވެ. ސަބަބެއް ނެތި، ޝަރީއަތްތައް ލަސްކުރާ ނަމަ މައްސަލަ ބެލޭނެ ފުރިހަމަ ބާރު އެ އިރެއްގައި އޮންނަ ސަރުކާރަކަށް ލިބޭ ގޮތަށް ނިޒާމު އެބަ އޮތެވެ.
ކްރިމިނަލް ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ގާޒީއަކު ވިދާޅުވި ގޮތުގައި އެ ކޯޓުގައި ޝަރީއަތްތައް ދިގުލައިގެންދާ އެންމެ ބޮޑު ސަބަބަކީ ކޯޓުގެ ޖާގައިގެ ދަތިކަމެވެ. ކުރިއަށް ވުރެ މިހާރު އެ މައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެން ބައެއް ސަބަބުތައް ވެސް ހުންނާނެ. އެކަމަކު ޖާގައަކީ އެންމެ ބޮޑު ސަބަބު، އެކަމާ ދެބަހެއް ނުވެވޭނެ. ތާވަލު ހަދައިގެން ޝަރީއަތް މާލަންތައް ކުއްޔަށް ނަގާ އުސޫލުން ޝަރީއަތްތައް ބާއްވަން ޖެހުނީމާ އެކަމެއް އެހެނެއް ނުދާނެ. ގާނޫނުގައި ބުނާ މުއްދަތުތަކަށް ވެސް ނުބެލޭނެ އަދި ޝަރީއަތުގެ ތާވާލެއް ވެސް ކުރިއާލައި ނުހެދޭނެ،" އޭނާ ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން ކޮންމެ ގާޒީއަކަށް ޝަރީއަތްތައް ބާއްވާލާނެ ޖާގައެއް ލިބުނަސް ވަރަށް ބޮޑު ތަން ހައްލުވާނެ."
ކޯޓުގެ ހާލަތު ހުރި ގޮތުން ކަންބޮޑުވުމަކީ ގާޒީ ވިދާޅުވި ގޮތުގައި ހަމައެކަނި ޝަރީއަތްތައް ލަސްވުމެއް ނޫނެވެ. ބައެއް ޝަރީއަތްތައް ކުރިއަށްދާ ގޮތުން ދިގުލައިގެންދާއިރު ވަކީލުންނާއި ދައުވާ ލިބޭ މީހުންނާއި އަޑުއެހުންތަކަށް ހާޒިރުވާ މީހުން ކޯޓުގައި ގިނަ ވަގުތު ހޭދަކުރަން ޖެހެ އެވެ. އެކަމަކު، އެމީހުން މަޑުކޮށްލައިގެން ތިބޭނެ ޖާގައެއް ވެސް ނެތެވެ. ކުޑަ ގޮޅިއެއްގެ ތެރޭގައި ވަކީލުން ތިބޭއިރު، ތުހުމަތުގައި ހާޒިރުކުރާ މީހުން ބައިތިއްބަން ވެސް ހުރީ ކުޑަ ތަންކޮޅެކެވެ.
ކޮންމެ ދުވަހަކު ކުށްތަކުގެ ތުހުމަތުގައި ބަންދުގެ މުއްދަތަށް އެތައް ބަޔަކު ގެންދާއިރު، އެ ކުޑަ ޖާގައިގެ ތެރޭގައި ކޯޓުން އެކަން އިންތިޒާމް ކުރެވެނީ އޭނާ ވިދާޅުވި ގޮތުގައި އެތަނުގެ މުވައްޒަފުންގެ ހުޝިޔާރުކަމުންނެވެ.
"އެތަނަށް ވަދެ ހާލަތު ބަލައިލާ ކޮންމެ މީހަކަށް ވެސް އެނގޭނެ، އެ ތަނާއި ވަސީލަތްތައް ހުރި މިންވަރުން މަސައްކަތްތަކެއް ކުރެވޭ ކަން،" އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ގަސްދުގައި ޝަރީއަތްތައް ލަސްކޮށް، ޖާގައަކީ މާބޮޑު މައްސަލައެއް ނޫން ކަން ދޭހަވާ ގޮތަށް މިނިސްޓަރު ވާހަކަ ދެއްކުމަކީ ގާޒީކަން ކުރެއްވި ބޭފުޅާ ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރަށް އޮތީ އެ ޖާގަ އާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަރުއީ ދާއިރާއަކީ ވަކި ބާރެއް ކަމަށްވީ ނަމަވެސް، އެ ތަނަށްވީ ބަޖެޓާއި މުވައްޒަފުންނާއި އޮފީސް އިމާރަތްތައް މި ހަމަޖައްސައިދެނީ ސަރުކާރުން. ސަރުކާރުން ދިން ވަރަކަށް ޝަރުއީ ދާއިރާއަށް ދެމެވޭނީ. އުމްރާނީ ގޮތުން މި ބާރު ތަރައްގީ ކުރެވޭނީ ސަރުކާރަށް،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިވީހާ ތަނަށް ވެސް އެއްވެސް ސަރުކާރަކުން އެކަމަށް އިސްކަމެއް ދިން ތަން ނުފެނޭ. އެހެން ނަމަ، ބޮޑެތި އާ އެތައް އިމާރާތްތަކެއް ކުރެވިގެންދާއިރު ޝަރުއީ ދާއިރާއަށް ހަމަ އެންމެ އިމާރާތެއް ވެސް ނޭޅި ނޯންނާނެ."
ކްރިމިނަލް ކޯޓު ހިންގާ އިމާރާތްތުގެ ޝީޓުތަކުގައި ދަގަނޑު ހޮޅި ވިއްދާފައި: މި އިމާރާތް ހުރީ މީހުން ވަދެ އުޅެން ނުވާ ވަރަށް ހާލަތު ގޯސްވެފައި.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކިއެކި އޮފީސްތަކާއި އިމާރާތްތަކުގެ އިސްވެރިންގެ ކެބިންތަކާއި މީޓިން ރޫމްތައް ފެނިފައި އެކަންކަމަށްދޭ ސަމާލުކަން ހާމަވެ އެވެ. ކޮންމެ މިނިސްޓަރަކު އެ މިނިސްޓަރަކު ބޭނުންވާ ގޮތަށް ތަން ބަދަލުކޮށް ބޮޑެތި ހަރަދުކުރަން ފައިސާ ސަރުކާރުގައި ހުންނަ ކަމަށާއި ނަމަވެސް، އެންމެ އަސާސީ ޝަރުއީ ދާއިރާގެ ކޯޓެއްގެ ފުރާޅުން ފެން ފޭބުން ހުއްޓުވޭނެ ހާލަތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"...ހަގީގަތުގައި ފެންވަރު ރަނގަޅު ކޯޓު ރޫމްތަކެއް ބޭނުންވެގެނެއް ނޫން ފަނޑިޔާރުން އުޅެނީ، އެ ފަނޑިޔާރުން ބޭނުން ވަނީ އެކަށީގެންވާ ތަނެއް. ވަކީލުންނަށް ވެސް ހަމަޖެހިގެން ވަކާލާތު ކުރެވޭނެ ތަނެއް. މޮޅެތި ކެބިންތަކުގައި ނުތިއްބެވިގެން އުޅުއްވަނީ މިނިސްޓަރުން،" އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ވެސް ބުނީ ކަމާ ގުޅުން ހުރި އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ވެސް ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޯޓުތަކުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ހަމަ އެއާ އެކު ޝަރީއަތްތައް ލަސްވާ ހަމައެކަނި ސަބަބީ ޖާގައިގެ ދަތިކަމެއް ވެސް ނޫނެވެ. އެކަމަކު މި ނިޒާމްގެ ތެރެއިން ރައްޔިތުންނަށް އަވަހަށް އިންސާފު ފޯރުކޮށްދީ، ޝަރީއަތައް އަވަސް ކުރަން ބޭނުން ނަމަ، އެންމެ ފުރަތަމަ ކުރަންވެފައި އޮތް ކަމަކީ ޖާގައިގެ ދަތިކަން ހައްލުކުރުމެވެ. އެކަން ހައްލުކޮށްފި ނަމަ، މިހާރު އޮތް ވަރަށް ގިނަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރަފަ
05 February 2025
ޝަރީއަތް ލަސްވުމާ އަވަސްވުން އޮންނަނީ ދައުވާ ކުރެވޭ މީހަކާ ގުޅިފަ. އެކަން އެނގޭނެ ރައީސް ޔާމީންގެ ޝަަރީއަތް ގެންދިޔަ ގޮތުން ވަރަށް ރީއްޗަށް
ޖާގަ
05 February 2025
ކޮންތާކު ޖާގައޮތީ؟
ކޖބަސކދކްއހ
05 February 2025
ސަރުކާރަކުން ނުކުރާނެ. ކުށްވެރިންނާ ސަަރުކާރު ހަވާލުކޮށްފަ ކޯޓަށް ޚަރަދު ކުރަން ބުންޏަކަސް ނުކުރާނެ. އެމީހުނެއް ބޭނުމެއް ނުވާނެ ޝަރީެއަތްތަށް އިންސާފުން ރަނގަޅަށް ހިނގާކަށް. މޫސުން މޫސުމަށް ނޫސްވެރިން ކުރިމަށްޗަށް އަރާ ގާޒީން ބޮލަށް ހުރިހާ ކަމެއް ޖަހާފަ ޒިންމާއިން ރެކެން އެނގޭނީ. ކޯޓުން ޗަންދާއެއް ފަށަން ފެންނަނީ މިކަމަށް.
ސަނާހޫ
05 February 2025
މި އާޓިކަލް ލިޔުނު ނޫސްވެރިޔާއަށް މި ދައުރުގެ ތެރޭގައި ފާރަލައި ޖިނާއި ތަޙުޤީގެއް ހިންގައި ދަޢުވާނުކޮށްފިއްޔާ ރަނގަޅު. އިޙުސާނު ފުލުހުން ލައްވައި ބަރާބަރަށް ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ހުރިހާ ފަނޑިޔާރުންނާއި ދެންވެސް އިސްމަގާމެއްގައި ހުރި މީހެއްގެ ފޯނު ކޯލު އަޑުއަހާ ރިޕޯޓު ހަދާ. އަޑުއަހަން ކޯޓު އަމުރު ހޯދަނީ ހަމައެކަނި އެމީހާ ހައްޔަރު ކުރަން ބޭނުންވީމަ. ޒާތީ މުޢާމަލާތް އަޑުއެކުމަކީ މަނާކަމެއް. އެކަމަކު ފުލުހުން މިކަން ކުރޭ. 110 ޕަސެންޓް.
ޒަމާނީ
05 February 2025
އޮންލައިންކޮށް އޫޅެންނޭގޭ ބައެއް މިއީ.
ޗާޗާ،
05 February 2025
މިނިސްޓަރ ބުއްޏޭ ޖާގޭ ކިޔާއިގެން ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ޚިޔާލު ފާޅުކޮށް ކޮމެންޓު ލިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ދޯ
ފަހު ސުވާލު
05 February 2025
މީ ކާކު؟
ވަކީލު
05 February 2025
ސިވިލް ކޯޓުގެ ގާޒީ މަތީން އަދި ގާޒީ ފައްޔާޒު މެން ޝަރީއަތް ކުރާ ކޮޓަރިއަށް އެވަރަށް ފެން ފާބާއިރު ޝަރީއަތް ކުރާނެ ހާލު ވިސްނާލާ. ބާލިދީ ލަފައިން ޝަރީއަތް ކުރަނީ. މިކަހަލަ ކަންކަން ބަލާނެ އިދާރާއެއް ނެތް. ފެނުނަސް ނުފެންނަ ލޯ ހައްތަހާވެސް. އެ ގާޒީން ތިބޭ ހާލު ފެނި މަ ދެރަ ނުވާން ހުއްޓަސް ދެރަވޭ. އެހާވެސް ހާލަތު ދަށް އެތާ.
ކެކެ
05 February 2025
ޖޯކެއްނު
ދޭހިލޭ
05 February 2025
ޑިމޮކްރަސީއޭ ޙައްގު މިންވަރު ރައްޔިތުންނަށް ނުލިބެއޭ ކިޔައި މަކަރާއި ހީލަތް ހަދައި ދައުލަތުގެ މުދާތައް އަމިއްލަ ޖީބަށްލީ. އެބުނާ ޑިމޮކްރަސީއަކަށް 15 ފުރި ބާލިޣުވިއިރު ސަރުކާރުގެ އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަރީއާއި ދެން ހުރި ތަނެއްވެސް މިއޮތީ ކަތުރުފަނި ކައި ހުސްވެފައި. ބާވެ ހަސްފަސް ނެތިފައި. ދެން މިކަމުން އަރައިގަނެވޭނީ ލައްކަ ބޮޑު ގުރުބާނީއެއް ވެގެން. އެކަމަކު މިގައުމުގެ ރައްޔިތުންގެ މިހިރަ ނުބައިކަމަކާހެދި އެއީވެސް ފަސޭހައިން ވާން އޮތް ނޫން.
ކެޕް
05 February 2025
މިހާރު މިނިސްޓަރު އިހުސާނު ހުރީ ބިން ނުފެންނަޙާ އުހަށް އަރާ. ހިތުން ލައްކަ މޮޅު ވާހަކައެއް ދައްކާފަ އެހުރީ.