މިދިޔަ 2025 އަހަރަށް އަހަރެމެން އަލްވަދާއު ކިޔާފައިވާއިރު، އެންމެ ބުރަ އެއް ތަނަކީ ޝަރުއީ ދާއިރާ އެވެ. ބޮޑެތި ބަދަލުތަކެއް ޝަރުއީ ނިޒާމަށް އައިއިރު، ބޮޑެތި ތުހުމަތަކާއި އެކި ކުށްތަކުގެ ޖަލުގެ ތޭރިތަކުގެ ތެރެއަށް ބޮޑެތި ނަންތަކެއް ވެސް ވަނީ ވަދެފަ އެވެ. އެއާ އެކު، ޝަރުއީ ނިޒާމަށް އިދާރީ ގޮތުން ވެސް ބަދަލުތަކެއް 2025 ވަނަ އަހަރު ވަނީ އައިސްފަ އެވެ.
އެފްއޭއެމްގެ ވައްކަން: ބައްސާމްގެ ބޮޑު ހުކުމް
އޮކްޓޯބަރު، 18 ގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. މި ހުކުމް ވެގެންދިޔައީ އެތައް ގޮތަކުން ފާހަގަކުރެވުނު ކަމަކަށެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އިންތިހާ އަށް ދަށް ހާލަތެއްގައި އޮތް އިރު، އޭގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހެނީ ބައްސާމް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.
އޭނާ އުޅެމުންދިޔަ މުއްސަނދި ދިރިއުޅުމުގެ ފަހަތުގައި އޮތީ އެފްއޭއެމްގެ ފައިސާ ކަަމަށް ކުޅިވަރުގެ އެތައް ބަޔަކު ވެސް ކުރަމުންދިޔަ ތުހުމަތުތައް އެންމެ ފަހުން ޝަރުއީ ކޯޓެއްގައި ސާބިތުވެ، ބައްސާމް، އެފްއޭއެމްގެ ރައީސް ކަމުން ކުށްވެރިއަކަށް ބަދަލުވީ އެވެ. އޭގެ ފަހުން ވެސް ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ހުކުމެއް އިއްވާފައިވެ އެވެ. އަދި، މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އެހެން ދައުވާއެއްގެ ޝަރީއަތް އޭނާގެ މައްޗަށް ހިނގަމުންދެ އެވެ.
ރާއްޖޭގެ ރިކޯޑް ހުކުމްތަކެއް
ކްރިމިނަލް ކޯޓުން 2025 ގައި ވަނީ ރާއްޖޭގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ގިނަ ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ. އެއީ ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އިއްވި 390 އަހަރުގެ ހުކުމެކެވެ.
އެ ހުކުމް އޭނާގެ މައްޗަށް އިއްވީ ޓެކުމުގެ 46 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ސާބިތުވެގެންގެނެވެ. މަންޑޭގެ އާދަޔާހިލާފު މުއްސަނދި ދިރިއުޅުމުގެ ތެރެއިން މާފުށީ ޖަލުގެ ތޭރިތަކުގެ ތެރެއަށް މަންޑޭ ވެސް ދިޔުމުން ވެސްވީ 2025 ގެ ހައިލައިޓަކަށެވެ.
މަންޑޭއާ އެކު ކޭޕާކް ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 159 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޖައިޝާންގެ މައްޗަށް އިއްވި ހުކުމަކީ، މީހެއްގެ މައްޗަށް ދެވަނަ އަށް އިއްވި އެންމެ ދިގު ޖަލު ހުކުމަށް ވަނީ ވެފަ އެވެ.
މި ލިސްޓްގެ ތިންވަނައަށް އޮތް ހުކުމަކީ ވެސް 2025ގެ ތެރޭގައި އައި ހުކުމެކެވެ.
ޑިސެމްބަރު، 18 ގައި ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
ކޮންޓްރޯލާ ޝައްމާން ވާނުވާ ބަންދަށް
މާޗު 22، 2025 އަކީ ކްރިމިނަލް ކޯޓަށް ވަރަށް ހައި ޕްރޮފައިލް ބޭފުޅެއް ގެންދިޔަ ދުވަހެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތާއި ފޭރުމުގެ ތުހުމަތު އަދި މަނީ ލޯންޑްރިންގެ ތުހުމަތުގައި ބަންދުކުރަން ކޯޓަށް ގެންދިޔައީ، މި ސަރުކާރުގެ އެންމެ ޓްރެކްރެކޯޑް ރަނގަޅު ކަމަށް ދައްކަމުން އައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދެވެ.
އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކާ އެކު، ތިން ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތަކީ މި އަހަރުގެ ތެރޭގައި ހިނގާ އެންމެ ޝައުގުވެރި ޝަރީއަތެވެ. ޝަރީއަތުގެ ސްޕީޑް ވެސް އަވަސް މި ޝަރީއަތް ހުކުމާ ގާތްވެފައިވާއިރު، ޝަމްއާން ހުރި ވާނުވާ ބަންދުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފެނަކަ އަދި މޯލްޑިވް ގޭހުގެ އެމްޑީން ވެސް ޖަލަށް
ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ގިނަ މައްސަލަތަކެއް ނިންމި މި 2025 ގައި ދެން ފާހަގަކޮށްލެވޭ އަނެއް ހުކުމަކީ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމެކެވެ. މިދިޔަ ސަރުކާރުގައި އެންމެ ބާރާއި ނުފޫޒުގައި ހުންނެވި އެމްޑީގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
އެ ހުކުމްގައި ބުނީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެފައިވާ ކަމަށް ބުނެ، ސައީދުގެ މައްޗަށް އިއްވީ ވެސް ދައުވާގެ އަދަބަށް ދެވޭ ބޮޑު ހުކުމެވެ.
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ސެޕްޓެމްބަރު 29 ގައި ހުކުމްކުރި އެވެ. އެއް އިރެއްގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ މައުމޫން މިވަގުތު ހުންނެވީ މާފުށީ ޖަލުގެ ބަންދުގަ އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ.
މަސްތުވާތަކެތީގެ ބޮޑުންނަށް ބޮޑެތި ހުކުމްތަކެއް
ކޮރަޕްޝަނާއި ފަސާދަ އަދި ރިޝްވަތުގެ މައްސަލަތަކާ އެކު، މަސްތުވާތަކެތީގެ ކުށްތަކުގެ ޝަރީއަތްތައް 2025ޗގައި ކްރިމިނަލް ކޯޓުގައި ޝައުގުވެރިކަމާ އެކު ކުރިއަށް ގެންދިޔަ އެވެ.
އޭގެ ތެރެއިން ހޮވާލެވޭ އެއް ހުކުމަކީ ރާއްޖެ އަށް މި ފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދަކަށް ޑްރަގް އެތެެރެކުރި މައްސަލައިގައި އެންމެ އިސްކޮށް ތިބި މީހުންނަށް ބައި ގަރުނުގެ ޖަލުހުކުމެއް އިއްވުމާ އެކު 10 މިލިޔަން ރުފިޔާއިން ކުރި ޖޫރިމަނާ އެވެ. ކްރިމިނަލް ކޯޓުން ކަނޑައެޅި މި ޖޫރިމަނާއަކީ މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށް ވާއިރު، މިއީ މިހާތަނަށް މި ގާނޫނުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރެވެ.
އެ މައްސަލައިގެ އިސް ދެ މީހުންނަކީ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ. މީގެ ތެރެއިން ޝަހީބަކީ ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރި، ސިޔާސީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުނު މީހެކެވެ.
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ މައްޗަށް އުމުރުގެ ދުވަހުގެ ޖަލު ހުކުމަކީ ވެސް 2025ގެ ބޮޑު ހުކުމެކެވެ. އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރުގެ ހުކުމެއް އަބުޗާގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހިންގި ޝަރީއަތްތަކަށް ފަހު އެވެ.
ސިނގިރޭޓް ވައްކަން؛ މަޝްހޫރު ދެ ވިޔަފާރިވެރިން ވާނުވާ ބަންދަށް
އެމްޕީއެލް ވިޔަފާރި ބަނދަރުގެ ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލައި ހިންގި ސިނގިރޭޓްގެ ބޮޑު ވައްކަމުގެ މައްސަލައިގައި މަޝްހޫރު އަދި ނުފޫޒުގަދަ ދެ ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނުން ވެގެންދިޔައީ އަހަރުގެ ބޮޑު ވާހަކައަކަށެވެ.
ފައިސާއިން އަގު ކުރާ ނަމަ މި ފަހުން ރާއްޖޭގައި ކުރި އެންމެ ބޮޑު އެއް ވައްކަމުގެ މޭސްތިރިންގެ ގޮތުގެ އެ ދެ ވިޔަފާރިންނަށް ތުހުމަތު އޮއްއިރު، ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް، މި ފަހުން ވަނީ އެ އަމުރު ދައުލަތުން އެދިގެން ބާތިލްކޮށްފަ އެވެ. އަދި އޭގެ ފަހުން އެ ދެ މީހުން ވެސް ހިމެނޭ ގޮތަށް އެ މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.
ތިން ފަނޑިޔާރުން ވަކިކޮށް، ސުޕްރީމް ކޯޓަށް ބޮޑު ބަދަލެއް، ހައި ކޯޓު ފަނޑިޔާރުން ވަކިވަނީ
ކޮންމެ އާ ސަރުކާރަކާ އެކު، ފުރަތަމަ ނުވަތަ ދެ ވަނަ އަހަރު ވެގެންދަނީ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ބޮޑެތި ރޯޅިތައް އަންނަ އަހަރުތަކަކަށެވެ. އެގޮތަށް 2025 ވެސް ތަފާތެއް ނޫނެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، އުއްތަމަ ފަނޑިޔާރު ވެސް ވަނީ ބަދަލުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން ވަކިކުރުންވީ 2025 ގެ ޝަރުއީ ދާއިރާގެ އެންމެ ބަނަ ދުވަސްތައް ގޮތުގަ އެވެ. ސުލޫކީ މައްސަލަތަކެއް ބަލަން ފަށައި، އެކި ތުހުމަތުތައް ކުރަމުން ފެށުމުން ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވިއިރު، އެ ބޭފުޅުން ވިދާޅުވާ ބޭއިންސާފު، ހައްގުތައް ކަށަވަރުކޮށް ނުދޭ އިޖުރާއަތާ ހިލާފު ތަހުގީގާ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު ގަދަކޮށް ކުރިމަތިލެއްވި އެވެ. އެ ދެ ބޭފުޅުން ވެސް މަޖިލީހުން މަގާމުން ވަކިކުރަންދެން އެ ގޮތުގައި ތިއްބެވި އެވެ.
އޭރުގެ އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން، އެކަންކަން ހިނގަމުންދިޔައިރު ހަމަހިމޭނުން ހުންނެވުމަށް ފަހު، ވަރަށް މަޑުމައިތިރިކަމާ އެކު މަގާމުން ރިޓަޔަ ވެސް ކުރެއްވި އެވެ. އެމަނިކުފާނު ރިޓަޔަ ކުރެއްވުމާ އެކު އެ މަގާމަށް ދެން އައްޔަން ކުރެއްވީ މީގެ ކުރިން ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި އަބްދުލްޣަނީ މުހައްމަދު އެވެ. މިހާރު ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ހައި ކޯޓުގައި ފަނޑިޔާރު ކަމުގެ ދުވަސްވީ ތަޖުރިބާ އޮތް ޣަނީ އެވެ.
ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައި ކޯޓުގެ ބެންޗަށް ވެސް ބަދަލުތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ އައިސްފަ އެވެ. ހައި ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ފަނޑިޔާރުކަމުން ޑިސެމްބަރު 2025 ގައި ރިޓަޔާ ކުރެއްވި އެވެ. އޭނާ ރިޓަޔަ ކުރެއްވިއިރު، އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ފައިސަލް އިސްތިއުފާ ދެއްވީ މަނީ ލޯންޑިންގެ މައްސަލައެއްގެ ތަހުގީގު ފުލުހުން ހުށަހަޅައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށުމާ އެކު އެވެ. ފައިސަލްގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ މައްޗަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވުނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި "ބޮޑެއް" އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން ފާއިޒް އަމުރުކޮށްފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ނިންމައި، މަޖިލީހުން އޭނާ ވަކިކުރަން ފާސްކުރި އެވެ.
އާ ކޯޓު އިމާރާތަކާއި ބަޖެޓަށް ބަދަލެއް
ޝަރުއީ ދާއިރާއިން އެދެމުންދިޔަ ދުވަސްވީ ދެ ކަމެއް މި އަހަރުގެ ތެރޭގައި ހާސިލްވެފައިވެ އެވެ. އެގޮތުން ޖާގައިގެ ދަތިތައް އިންތިހާއަށް އޮތް ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ވަނީ ލިބިފަ އެވެ. ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިމަނައިގެން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ވަނީ ވަގުތީ އިމާރާތެއް ހަމަޖައްސައިފަ އެވެ. ޝަރީއަތް ކުރާ ގިނަ މާލަންތަކާ އެކު، މިހާރު އެ ދެ ކޯޓު ހިނގަމުންދަނީ އެތަނުގަ އެވެ. މިއީ ޝަރީއަތްތައް އަވަސްވެގެން ދާނެ ކަމެއް ކަމަށް އެ ދެ ކޯޓުން ވެސް ދެކެ އެވެ.
ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ބްލޮކް ގްރާންޓުގެ ގޮތުގައި ޝަރުއީ ދާއިރާ އަށް ލިބުމަކީ އެ ދާއިރާގެ ގިނަ ބޭފުޅުން ހުށަހަޅަމުންދިޔަ ކަމެކެވެ.
އެގޮތަށް ނިންމައި، ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ޝަރުއީ ދާއިރާ އަށް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން 2025 ގައި ވަނީ ނިންމައިފަ އެވެ. އަދި ބްލޮކް ގްރާންޓް ދެވޭނީ ޝަރުއީ ދާއިރާގެ ފުރިހަަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭ ގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ، މާލީ އަޅުވެތިކަމެއްގެ ތެރޭގައި އޮތް ޝަރުއީ ދާއިރާއަށް މާލީ ގޮތުން ހިންދެމިލެވޭނެ ކަމެކެވެ.