ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާ 50 އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް މަންޑޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި 364 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެހެންވެ، މަންޑޭއަށް އިއްވި ޖުމްލަ ޖަލު އަދަބަކީ 393 އަހަރެވެ.

އެހެންވެ، މިއީ މިހާތަނަށް ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމެކެވެ. މީގެކުރިން ރާއްޖޭގެ އެންމެ ދިގު ޖަލު ހުކުމްގެ ރެކޯޑް އޮތީ ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއުގެ މައްޗަށް އިއްވި 109 އަހަރުގެ ޖަލު ހުކުމުގަ އެވެ.

އެ ހުރިހާ ދައުވާތަކެއްގެ ހުކުމް ތަފްސީލާއެކު އިއްވާނަމަ މަދުވެގެން ހައެއްކަ ގަޑިއިރު ނަގާނެތީ، ދައުލަތާއި ދައުވާލިބޭ މީހުން ވެސް ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހަމައެކަނި އިއްވީ ކޮންމެ ދައުވާއެއްގައި އަދަބު ކަނޑައެޅި މިންވަރެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އެ ހުރިހާ ދައުވާތަކުގެ އަދަބުގެ މިންވަރު ވަކިވަކިން އިއްވަން ވެސް ގަޑިއިރަށް ދޮޅު ގަޑިއެއްހާއިރު ހޭދަވި އެވެ.

މަންޑޭގެ މައްޗަށް ކުރި ހުކުމުގެ ހުލާސާ

ޖުމްލަ 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމް

ފައިސާ ނެގި މީހުންނަށް އެ ފަައިސާ ދޭން އަމުރުކުރި

މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ. އަދި އެ މައްސަލާގެ ތަހުގީގުގެ ތެރެއިން އެ އެޕާޓްމެންޓް ކުރިން ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

މަންޑޭގެ އެޕާޓްމެންޓުން ފުލުހުން ހިފެހެއްޓި ތަކެތި --- ފޮޓޯ/މިހާރު
މަންޑޭގެ އެޕާޓްމެންޓުން ފުލުހުން ހިފެހެއްޓި ތަކެތި --- ފޮޓޯ/މިހާރު

އެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ 159 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 140 އަހަރަށް ވުރެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 12 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

އެ ދެ މީހުން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް އެ ހުކުމުގައި އެ ދެ މީހުންނަށް އަމުރުކޮށްފައިވެ އެވެ.

މަންޑޭ އާއި ޖައިޝާން ކުރީގެ އަޑުއެހުމެއްގައި
މަންޑޭ އާއި ޖައިޝާން ކުރީގެ އަޑުއެހުމެއްގައި

އެ މައްސަލާގައި ހުކުމުގެ އެއް ބައި ގޭ ބަންދާއި ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމަށާއި ހުކުމުގެ ފުރަތަމަ ބައި ގޭ ބަންދުގައި ތަންފީޒު ކުރަން އަމުރުކުރަން ޖައިޝާންގެ ފަރާތުން އެދުނަސް، ގާޒީ ނަދީމް ވިދާޅުވީ ކުށްކުރި ގޮތަށް ބަލާއިރު ގޭ ބަންދުގެ އަދަބެއް ނުދެވޭނެ ކަމަށެވެ.

"އެހެން މީހުންނަށް އިބްރަތަކަށް ވާވަރުގެ އަދަބެއް ދޭންޖެހޭ"

ގާޒީ ނަދީމް ވިދާޅުވީ އެ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި އެ މީހުން ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބްރަތަކަށް ވާނެ ފަދަ އަދަބެއް އެ ދެ މީހުންނަށް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެ ސަބަބެއްގެ ގޮތުން ގާޒީ ވިދާޅުވީ މަންޑޭ އާއި ޖައިޝާން ބައިވެރިވެގެން ފައިސާ އަތުލި އުމުރުން ދުވަސްވީ އަންހެނަކު ކޯޓުގައި ދިން ހެކިބަހެވެ. އެގޮތުން އެ މީހާގެ ހެކިބަހުގައި، އޭނާ ފްލެޓް ގަތުމަށް ފައިސާ ދެއްކީ މުޅި އުމުރު ދުވަހު ކުރި މަސައްކަތުން އޭނާ އެއްކުރި ފައިސާއިން ކަމަށާއި އަދި އެ ފައިސާ ގެއްލުމުން އިތުރަށް ފައިސާ ހޯދާނެ ދުވަހެއް އުމުރުގައި ބާކީ ނެތް ކަމަށް އެ މީހާ ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އަދަބުތައް އިއްވަވަމުން ގެންދެވިއިރު، ވަކީލަކާ ނުލައި ހުރި މަންޑޭގެ މޫނުމަތިން މާ ބޮޑު ހާސްކަމެއް ނުފެނެ އެވެ.

އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ދެން ކުރި 16 ދައުވާތައް ސާބިތުނުވާ ކަމަށް ގާޒީ ނިންމެވި އެވެ.

މީގެކުރިން އެންމެ ދިގު ޖަލު ހުކުމް ޝިފާއުގެ މައްޗަށް އިއްވީ ވެސް ގާޒީ ނަދީމެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއު ކުރިއިރު، މަންޑޭގެ ޖަލު ހުކުމުގެ މުއްދަތަކީ 397 އަހަރު ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އަދި ރަނގަޅު ގޮތަކީ އޭނާއަށް އިއްވި ޖުމްލަ އަދަބަކީ 393 އަހަރެވެ.