ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ، ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާ އެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ގާޒީ ނަދީމް ވިދާޅުވީ އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ޖައިޝާން ކަމަށްވާތީ އެއީ އެނގި ތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުން ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެޕާޓްމެންޓްތައް ނިންމައި، ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލު ކޮށްފައި ނުވާތީ ޓެކުމުގެ ދައުވާތައް މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަންޑޭގެ ޝަރީއަތުގެ ހުލާސާ
- މިހާތަނަށް 94 ދައުވާއެއް ސާބިތުވި
- ބާކީ ހުރި ދައުވާތަކާއި އަދަބު ކަނޑައެޅުން އަންނަ އަންގާރަ ދުވަހު ބާއްވާނެ
- މަންޑޭ ގަނެފައިވާ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް އަމުރުކުރި
ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް މަންޑޭ ގަނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް އަމުރު ކުރެއްވި އެވެ.
ބާކީ ހުރި ދައުވާތަކާ މެދު ގޮތެއް ނިންމުމާއި އަދަބު ކަނޑައެޅުމުގެ މަޖިލިސް އަންނަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ދައުވާތަކެއް މަންޑޭގެ މައްޗަށް ސާބިތުވިއިރު، ފަސްލައްކަ ރުފިޔާއަށް ވުރެ މަތީގެ އަދަދެއްގެ ފައިސާއިން ޓެކުމުގެ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ. އެހެންވެ، އެގޮތަށް ބަލާނަމަ، 100 އަހަރަށް ވުރެ ބޮޑު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހަށް ޖަލަށްލުން ކަމަށްވާތީ، 44 ދައުވާގައި 15 އަހަރަށް ވުރެ ބޮޑު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި މަނީ ލޯންޑްރިންގެ ކުށަކީ މަދުވެގެން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލެވޭ ކުށެކެވެ.
ނަމަވެސް އެއް ބާވަތެއްގެ ގިނަ އަދަދެއްގެ ދައުވާ ސާބިތުވާ ހާލަތުގައި ކޮންމެ ދައުވާއެއްގައި އަދަބުގެ މިންވަރަށް ބަދަލު ގެނެވޭތީ، އެއަށް ވުރެ އަދަބު ލުއިވުމުގެ ފުރުސަތު އަދި ކުށް ކުރުމުގައި އަމަލުކުރި ގޮތަށް ބަލައި، އަދަބުގެ މިންވަރު މަތިކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
އެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރު ނުވުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ވެސް ބަންދުގައި ބަހައްޓައިގެންނެވެ. އަދި އެ މައްސަލާގައި ދައުވާލިބުނު ޖައިޝާންގެ މައްޗަށް ކުރިން ވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ އެއް ދައުވާ ސާބިތުވެފަ އެވެ.
މަންޑޭގެ މައްޗަށް އެ ދައުވާތައް ސާބިތުވުމާއެކު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ވަނީ އަމުރުކޮށްފަ އެވެ.