ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އަދަބު ކަނޑައެޅުން މާދަމާ އަށް ފަސްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން ފައިސާ ނެގި މައްސަލާގައި 104 ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ. އެގޮތުން ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރިއިރު، އެއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެހާ ގިނަ ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.
އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމުގައި މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު، އަދަބު ކަނޑައެޅުން މިއަދު ބާއްވަން ހަމަޖެއްސި ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ބަލައި، އަދަބު ކަނޑައެޅުން މާދަމާ ހެނދުނު ބާއްވަން ނިންމެވީ ކަމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން އެދުނީ މަނީ ލޯންޑްރިންގެ ކުށުގައި އެންމެ ބޮޑު އަދަބު ކަމަށްވާ 15 އަހަރުގެ ޖަލު ހުކުމަކާއި މަންޑޭ ލޯންޑާކުރި ޖުމްލަ ފައިސާގެ އަދަދުގެ ފަސް ގުނަ އަދަދުން ޖޫރިމަނާކޮށް ދިނުމަށެވެ. އަދި ޓެކުމުގެ 50 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގައި ފުރިހަމަ އަދަބު ކަނޑައެޅުމަށާއި އަދި އޮޅުވާލުމުގެ ކޮންމެ ދައުވާއެއްގައި އަދަބުގެ ދެ ބައިކުޅަ އެއްބައި އަދަބު ކަނޑައަޅަން ދައުލަތުން އެދުނެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި މަންޑޭ ބުނީ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
އެ މައްސަލާގައި ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ވެސް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން 86 ދައުވާއެއް ސާބިތުވާ ކަމަށް ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި ބާކީ ހުރި ދައުވާތައް ވެސް މިއަދު ވަނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.
ޖައިޝާންގެ ފަރާތުން އެދުނީ ހުކުމުގެ ތިން ބައިކުޅަ އެއްބައި ގޭ ބަންދަށް އަދި އަނެއް ބައި ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށެވެ. އަދި ޖަލު އަދަބުގެ ބަޔަށް ވުރެ ކުރިން ގޭ ބަންދުގެ ބައި ތަންފީޒުކުރަން އަމުރުކޮށް ދިނުމަށް އޭނާގެ ފަރާތުން ވެސް އެދުނެވެ.
އެގޮތަށް އެދުނީ އޭނާ މިހާރު ބަލަމުންދާ ކުޑަކުއްޖަކު ހުރުމުން ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން ބުނީ ހުކުމުގެ ތިން ބައި ކުޅަ އެއްބައި ގޭ ބަންދުގެ ބަޔަކަށް ބަދަލުކުރަން ދެކޮޅު ހަދާ ކަމަށެވެ. އަދި ޖޫރިމަނާގެ އަދަބު ކަނޑައަޅަން ދެކޮޅު ހަދާ ކަމަށް ދައުލަތުން ބުންޏެވެ.
ހުކުމުގެ ފުރަތަމަ ބައިން ދެތިން މަސް ގޭ ބަންދުގެ ހުކުމަކަށް ބަދަލުކުރަން ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގައި މަންޑޭ ހުޅުމާލެއިން ގަނެފައިވާ އެޕާޓްމެންޓް ފާސްކޮށް، ގިނަ އަދަދެއްގެ އަގުބޮޑު މުދާތަކާއި އެޕާޓްމެންޓް ފުލުހުން ކުރިން ހިފެހެއްޓި އެވެ. އަދި އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.