ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން ގެންދާ ފްލެޓުތައް އެ ކުންފުނީގެ އެމްޑީ ހަމްދާން ބައްލަވާލެއްވުން -- ފޮޓޯ: އެފްޑީސީ
05 ފެބުރުއަރީ 2025 - 13:02
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން އަންނަ ފްލެޓުތައް ހަވާލުނުކުރެވި ދިގުލައިގެން ދިޔަ ނަމަވެސް، އެ ތަން އަޅަން ނަގާފައިވާ ލޯނުތަކުން ދައުލަތަށް ގެއްލުންވަމުން ދާ ކަމަށް ބުނެ އެ ކުންފުނީގެ ވެރިކަން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4000 ފްލެޓަށް އިންޑިއާއިން ނަގާފައިވާ ލޯނަށް މަހަކު 23.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދައްކަމުން އަންނަ ކަމަށެވެ.
ސިޓީގައިވާ ގޮތުން މިހާރު ނިމިފައި ހުރި 744 ފްލެޓާއި ކޮމާޝަން ޔުނިޓުތައް ހަވާލުކުރެވިއްޖެނަމަ، މަހަކު 10.8 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.
މި ފްލެޓުތައް ލިބޭ މީހުން ކަނޑައެޅިފައިވީ ނަމަވެސް، މި ކުއްޔާއި ފީތައް ނުނެގި އޮތީ މި ސަރުކާރުން މިހާރު ބަލަމުން ދާ ފްލެޓު ލިސްޓު މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށް ސިޓީގައިވެ އެވެ.
ފްލެޓުތައް ހަވާލުކޮށްގެން ދައުލަތަށް ލިބޭ ފައިސާއިން ލޯނު ދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ލޯނު ދައްކަމުން ދަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ކުޑޫ ވިދާޅުވެފައިވެ އެވެ.
ގޯތި ގެދޮރުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި މިގޮތަށް ކަންކަން ހިނގަނީ ކީއްވެކަން ސާފުކުރުމަށް، އެފްޑީސީގެ ވެރިން މަޖިލީހުގައި އަލަށް އުފައްދާފައިވާ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭން ނިންމި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ މި ފަހުން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މުއްތަލިބް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ 4،000 މީހުންގެ ފްލެޓް ލިސްޓް ވެރިފައި ކުރުމަށް ފަހު، ފައިނަލް ލިސްޓެއް ނެރުމަށެވެ.
އެ ލިސްޓު ރޯދައިގެ ކުރިން ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
05 February 2025
ބަޔަކު މަޖިލީހަށް ހާޒިރުކޮށްގެން ލިބުނު ކުރިއެރުން ތަކުގެ ތަފާތު ހިސާބު ލިބެން ހުރިއްޔާ ޖަހާލަބަލަ.
ކުރުސި
05 February 2025
އެޗް.ޑީ.ސީ ބޯޑު .މެމްބަރުންގެ ކޮރަޕްޝަން މައްސަލަ ބަލަންޖެހޭ .
ޢިދްރީސް
05 February 2025
އަސްލު ހަގީގަތުގަ ތިޔަ ލޯން ދައްކަން ފައްޓަންވެސް ވާނީ ތިޔަ ފްލެޓް ތައް ނިމި އެތަން ތަނަށް މީހުން ވަނުމަށްފަހު އެހެން ނޫނީ ސަރުކާރަށް އެލިބެނީ ކިހާ ބޮޑު ގެއްލުމެއް
ޢަދރެ
05 February 2025
ބޭންކުން އިދްރީސް ލޯނެއް ނުނަގަންދޯ؟
8
05 February 2025
ތިކަމުގެ ހައްލުއޮތީ އުމަރުއަތުގާ.