ގއ. ވިލިނގިލީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ފެބުރުއަރީ 2025 - 19:03
ސިޒޭރިއަން ހެދި މީހަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވެ ތުހުމަތުތައް އަމާޒުވެފައިވާ، ގއ. އަތޮޅު ހޮސްޕިޓަލަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދޭނީ މިހާރު އެތަނުގައި އަމަލުކުރާ ގޮތްތަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ކަމަށް، އެ ހޮސްޕިޓަލް ހުންނަ ވިލިނގިލީ ކައުންސިލުން މިއަދު ބުނެފި އެވެ.
ސިޒޭރިއަނަށް ފަހު މައިމީނާ އާއި ތުއްތު ފިރިހެން ދަރިފުޅު ނިޔާވި މައްސަލައާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެއީ ކައިރި ރިސޯޓުތަކާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ފަރުވާ ހޯދާ ހޮސްޕިޓަލް ކަމަށް ވާތީ އެއީ އިތުބާރު ލިބިފައިވާ، ޕްރޮފެޝަނަލް ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
ކުޑަކުޑަ ކަމެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ހޮސްޕިޓަލަށް ދިޔަ މީހަކު، އޭގެ 24 ގަޑިއިރު ފަހުން ތުއްތުދަރިފުޅާއެކު ހެން ނިޔާވުމުގައި ބައެއްގެ އިހުމާލެއް އޮތްތޯ ބަލައި ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް، ހަތް ކައުންސިލަރުންގެ ސޮޔާ އެކު ނެރުނު ބަޔާނުގައި ބުންޏެވެ.
ބަނޑަށް އަށް މަހުގައި ޝިއުނާ ތައުފީގު ސިޒޭރިއަން ހެދީ އޭނާގެ ހާލު ސީރިއަސްވަމުން ދިއުމުންނެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ބޯޓަށް އަރުވަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭއާ ހިސާބަށް ގެންދިޔަ ފަހުންނެވެ. ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓުކުރި ވަގުތުން ފެށިގެން ނިޔާވުމާ ހަމައަށް ހޮސްޕިޓަލުން ރަނގަޅަށް ފަރުވާ ނުދޭ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
ކައުންސިލުން ބުނީ އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މުހިއްމު ކަމަށެވެ.
ހޮސްޕިޓަލަކީ އާއްމުން އިތުބާރުކުރާ އަދި އެ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް، ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމާއި ޑޮކްޓަރުން ފަރުވާ ދިނުމުގެ އުސޫލާއި އެޑްމިޓުކޮށްފައި ތިބޭއިރު ދޭންޖެހޭ އަޅާލުމާއި އޯގާތެރިކަން އަދި ފަރުވާއަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފަތުރާއި ރިފަރަލް ޕްރޮސީޖާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ވަކިން ބަލައި މިހާރު އަމަލުކުރާ ގޮތް މުރާޖައާކޮށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ބަޔާނުގައި ބުންޏެވެ.
"ސަރުކާރުން ރައްޔިތުންނަށް އިތުބާރުހުރި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމަށް ބޮޑު ހޭދައެއް ކުރައްވާފައިވީ ނަމަވެސް އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބޭނީ އެކަމާ ހަވާލުވެ ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. މި ހާދިސާއިން، މިހާރު ސިއްހީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން މި ކައުންސިލަށް ފާހަގަކުރެވެ އެވެ،" ބަޔާނުގައިވެ އެވެ.
ކައުންސިލުން ވަނީ ޝިއުނާ އަދި ތުއްތު ދަރިފުޅު ނިޔާވުމި މައްސަލައިގެ ތަހުގީގު އަވަސްކޮށް އެކަމުގައި އިހުމާލުވާ ފަރާތެއް ހުރި ނަމަ ހަރުކަށި ފިޔަވަޅު އަޅައި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްލާބެ
08 February 2025
އައްޑޫ އޭއީއެޗް ހޮސްޕިޓަލް ވެސް އޮތީ ހަމަ ތިހާލުގައި. އިހުމާލު އިންތިހާ. ބެލެހެއްޓުން ވަރަށް ދޯހަޅި. އިހުމާލުން މީހެއްގެ މަރު ޚަބަރު ނޫހަށް އަރާނީ ކޮން އިރަކު ކަމެއް ނޭގޭ. ގއ. އަތޮޅު ހޮސްޕިޓަލަށް ވެސް އައްޑޫ އޭއީއެޗްއަށްވެސް ހިންގުމަށް ބޮޑެތި ބަދަލު ގެންނަންޖެހޭ.
ވަހީދުެ
08 February 2025
ރަށަކުން ތި ހޮސްޕިޓަލަށް ދާ މީހާގެ އެހީތެރިޔާ ބަނޑަށް މަރުވާނޭ. ކައިރި ހިސާބެއްގައި ކެފޭއެއްވެސް ނުހުރޭ. ރަށުގެ މީހުން ވެސް އުޅެގެން ކަންކަން ރަނގަޅު ކުރެވޭނީ!
ގަމާރުހަސަނު
08 February 2025
"ކުޑަކުޑަ ކަމެެެއްގައި...؟؟." ކުދިކަންކަމުގާ މިހެންނުވާނެ. ، ރޯގާއެއްކަމަށް ހީވީ، އޮށޯތީމާ ބޮޑަށް ހާސްވީ. ހޮސްޕިޓަލަށް ދެވުންއިރު ހުރީ އޭއާރުޑީއެސްގަ. ނޫނީ ކޮންމެވެސް ސަަބަބަކާހެދި ހާޓްފޭލިއާ އަކަށްދިޔައީ ކަމަށްވެސް ވެދާނެ، އެކަމު ދެނެނުގަނެވިދާނެ ތަމުރީނުވެފަ ތިބި މީހުން ނެތިއްޔާ. މީހުންތަމްރީން ކުރުން މުހިންމު. ޓެބްލެޓް ބެހުމާއި، މަގުތާރުއެޅުމާއި، ބުރިބުރިއަށް އިމާރާތް އެޅުން އެކަންޏެއްނޫން ސިއްހީނިޒާމު ރަނގަޅުކުރެވޭ ގޮތަކީ.
ގުލްފާމް / ވިލިގިލި
08 February 2025
ތި ޕޭސަންޓަށް އެޓެންޑްވި ޑޮކްޓަރު މިހާރު ރާއްޖޭގައިވެސް ނެތްކަމަށް އަޑުއިވޭ. މިކަން ތަހުގީގު ކުރެވޭނީ ކިހާވަރަކަށްބާ؟
ދިވެހިން އޯލް
08 February 2025
ހޮސްޕިޓަލް ތައް ހަރުދަނާ ކުރެވޭނީ ހިންގަން ތިބެވެރިން ހަރުދަނާ ވެގެން ޙާއްސްކޮއް (އައި ޖީ އެމް އެޗް)
މފއއ
08 February 2025
ހޮސްޕިޓަލް ހިންގަން ޞިއްޙީ ދާއިރާގެ އެއްވެސް ތަޢުލީމެއް ތަޖުރިބާއެއް ނެތް ސިޔާސީ މީހުން ލައިގެން ތިބޭހާ ދުވަހަކު ކިތައްމެ މޮޅު ޑޮކުޓަރުންނާ ސާމާނު ގެނަޔަސް މި ހެޑްލައިންތަކަށް ނިމުމެއް ނާންނާނެ. ކަމެއް މޮޅަށް ރަނގަޅަށް ކުރާނަމަ ޖެހެނީ ރަނގަޅަށް ކަންތައް ކުރާ ތަންތަނުން ކަންތައް ކުރަނީ ކިިނެއްތޯ ބަލަން. އާސަންދަ ދުބާއީ ތަންތަނަށް ހަމަޖައްސާއިރު އަޅެ ބަލާލަބަލަ އެހޮސްޕިޓަލްތައް ހިންގަން ތިބެނީ ސިޔާސީމީހުންތޯ ނޫނީ މެޑިކަލް ޕޮރޮފެޝަނަލް މީހުންތޯ
އައްލޫ ބެއްޔާ
07 February 2025
ކީކޭ ބުނާނީ؟ މީހަކު އެމެޖެންސީ6ގައި ދިޔަސް އަޅައެއް ނުލާނެ؟ ބަޑި ބަޑި ލާފައި ސްޓާފުން ދެ ކޮޅަށް އެނބުރޭ އިރު ސުވާލެއް ވެސް ނުކުރާނެ؟