ބައި-އިލެކްޝަނެއްގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދަނީ.-- ފޮޓޯ: އީސީ
08 ފެބުރުއަރީ 2025 - 10:26
މި އަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފަ އެވެ. އަދި ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށް ގެންދާނެ އެވެ.
ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާފަންނު މަދަރުސާގަ އެވެ.
މިއަދު ވޯޓުލަނީ ދެ ރަށެއްގެ ރަށު ކައުންސިލާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކަށެވެ. އެއީ؛
• ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަން
• ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓު ނެގުން ފެށިގެން ކުރިއަށްދަނީ. ވޯޓު ނެގުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށް pic.twitter.com/dm6Oud5CQh
— Elections Commission (@ElectionsMv) February 8, 2025
ގާނޫނަށް ގެނައި އިސްލާހާ އެކު އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް މިހާރު ބާއްވަނީ އަހަރަކު ދެ ފަހަރު އެވެ.
މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް، އޭގެ ތެރެއިން 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
08 February 2025
ބައި އިލެކްޝަންތައް އެންމެ ގިނައިން ބާއްވަން ޖެހެނީ އަންހެނުންގެ ކޮމިޓީގައި ތިބޭ މެމްބަރުން އިސްތިއުފާދޭލެއް ގިނަކަމުން. އެހެންވީމާ އަންހެނުންގެ ކޮމިޓީތައް އުވާލާފައި ކައުންސިލުން އަންހެނުންގެ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލުން ރަނގަޅުވާނެ ކަމަށް ފެނޭ. އެއީ ކޮންމެހެން ރަށު ރައްޔިތުން ބައިވެރިވެގެން އިންތިޚާބު ކުރާ މަގާމަކަށް ވާކަށް ނުޖެހޭ. އިންޓަވިއުކިރުމަށްފަހު ކައުންސިލުގެ އަޣުލަބިއްޔަތުން ހޮވާ ކަނބަލުންނަށް ފުރުސަތު ދިނުން ރަނގަޅުވާނެ.