ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން ނިޔާވި މައްސަލާގައި އިހުތިޖާޖުކުރަނީ.
08 ފެބުރުއަރީ 2025 - 18:08
ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އިހުމާލުން ދެމައިން މަރުވި މައްސަލާގައި އެ ރަށުގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.
"ގއ. ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މިއީތޯ؟" ގެ ނަމުގައި ވިލިނގިލީގައި ބޭއްވި އިހުތިޖާޖުގައި ކަންބޮޑުވުން ފާޅުކުރީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލައިގަ އެވެ.
އެ އިހުޖާޖުގައި ޝިއުނާގެ ފިރިމިހާ ޝިފާޒު ޒާހިރު ވެސް ވަނީ އެ ރޭ ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ.
ޝިފާޒު ބުނިގޮތުގައި، އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، އެ މީހުން މާލެ ނުގެނެވި ފަރުވާ ލިބުން ލަސްވުމުގެ ސަބަބުންނެވެ. ޝިއުނާ ނިޔާވީ މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
ބަނޑަށް 8 މަހުގައި ކުއްލި ގޮތަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި ޝިއުނާ އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.
ރޮމުން އޭނާގެ ފިރިމީހާ އިހުތިޖާޖުގައި ގޮވައިލީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެންއައިސީޔޫ ގާއިމުކުރުމުގެ އިތުރުން ވިލިނގިލީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ހަރުދަނާ ޑޮކްޓަރުން ގެނެސް، ތަނުގެ ހިދުމަތް ރަނގަޅު ކޮށްދިނުމަށެވެ.
"މަ ބޭނުމީ މަގޭ އަނބިމީހާގެ ހައްގުގައި މި ތަނަށް [ހޮސްޕިޓަލަށް] ރަނގަޅު ގޮތެއް ވުން. ކުޑަކުދިންގެ ޑޮކްޓަރުން ވެސް މިތާ ތިބެން އެބަ ޖެހޭ. މިއީ އާދައިގެ ކަމެއް ނޫން. މަގޭ ހިތުގައި އަޅާ ވޭނާއި މަގޭ ރޯ ރުއިން އެނގޭނެ މީހަކު ނެތް،" އިހުތިޖާޖުގައި ވާހަކަ ދައްކަމުން ޝިއުނާގެ ފިރިމީހާ އަސަރާ އެކު ބުންޏެވެ.
އަންހެނުންނާއި ދަރިފުޅަށް ދިމާވި ހާލަތު އިތުރު މީހަކަށް ދިމާވާން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ މައްސަލަ ބަލައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅައި، ދައުވާ ކޮށްދިނުމަށް ޝިއުނާގެ ފިރިމީހާ އެދުނެވެ.
"ވިލިނގިލީގައި މި ހުރި ހޮސްޕިޓަލުގައި ތަފާތު އެކި ވެރިކަމުގައި ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައި. ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް އެ އަންނަ ބަޔަކު ދައްކަނީ އުއްމީދުތަކެއް. ގއ. އަތޮޅު ހޮސްޕިޓަލު މިހާރު ހުރި ހާލަތުން ބަދަލުވާންޖެހޭ. އިއްުޔެ ހިނގައިދިޔަ ހާދިސާ ދެވަނަ މީހަކަށް ތަކުރާރުވިޔަ ނުދޭން،" އިހުތިޖާޖުގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ https://t.co/o9k3erwWEr
— Mihaaru (@Mihaarunews) January 20, 2024
އެ މައްސަލާގައި ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ވެސް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ.
އެ މަރާ ގުޅިގެން ޝިއުނާގެ އެކުވެރިއަކު ކުރިން "މިހާރު" އަށް ބުނި ގޮތުގައި ޝިއުނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ.
"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،"
އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ އެ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔައީ އެވެ.
މީގެ ކުރިން ވަނީ އެ ހޮސްޕިޓަލާ ގުޅޭ އެފަދަ އެހެން މައްސަލައެއް ވެސް މިދިޔަ އަހަރު ވަރަށް ފެންމަތިވި އެވެ. އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުން ޖެނުއަރީ 20، 2024 ގައި ނިޔާވީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
09 February 2025
ހޮސްޕިޓަލްތަކުގެ ފެންވަރު ރަގަޅުކުރަަން ހުރި ބަޖެޓުން އެއަރ އެމްބިއުލެންސް ހެދީމަ ދެން ފައިސާއެއް ނުހުންނާނެދޯ
ާދަރުބާރު
09 February 2025
ޢިހުސާން ވިސްނަވާ ފެސިލިޓީ އާއި މެދު.އެއާއި ނުލާ ކިހިނެއްތޯ އަޕަރޭސަން ކާމިޔާބު ކުރާނީ.ސަރުކާރުގެ ޒިންމާ ފުރަތަމަ އަދާކުރަމާ ހިންގަވާ.
ޢަބްޑޫޅް +
09 February 2025
އެންމެ އަތޮޅެއްގެ ތެރެއެއް ނޫން. މުޅި ރާއްޖެތެރެ.
ފާނަކޮށި
09 February 2025
އަދިވެސް ރައްރަށުގައި ފުޓަސަލް ދަނޑު ނޭޅިގެންދޯ މިއުޅެނީ.....ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކާއި ސްކޫލްތައްނެތް ރައްތައްވަރަށްގިނަ....
ދިވެހިން މެން
09 February 2025
އެއްވެސް ކަމެއް ނުވާނެ އިހުތިޖާޖު ކުރިޔަސް ތިކަންކުރާމީހުން ފާހަގަ ކޮއްފަ ތިބޭނީ އެބައެއްގެ ފަރާތުން ކަމެއް ފެނޭތޯ ހައްޔަރު ކުރަން
ހުވަދޫ ކުއްދާ
09 February 2025
މުޒާހަރާ ކުރުމުގެ ބޭނުމެއް ނެތް... ތި ރަށުމީހުންވެސް ބޭނުން ވަނީ ވިލިގިނލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅަން.. ކައިރީގައި ޖެހިގެން ކޫއްޑޫ އެއަރޕޯޓް އޮއްވާވެސް... ފުރަތަމަ ރަށްތަކުގެ ރަށްޔިތުންގެ ވިސްނުން ބަދަލު ކުރަން ވީ... މިހާރުވެސް ރައީސް ރަށްތަކަށް ވަޑައިގަތީމަ އެދެނީ ފުޓްސަލްދަނޑު އެއަރޕޯޓް ކުޑަކުދިންގެ ޕާކް އަޅަން... ޑިމޮކްރަސީގައި އޮންނާނީ ރަށްޔިތުން ބޭނުން ވާކަންތަށް ކޮށްދިނުން...
ޝާނީީ
09 February 2025
ކައުންސިލްގެ ޒިންމާގައި ނުހިމެނޭ ކަމެއްތޯ އެއީ ކައުންސިލް ގެ ބެލުމުގައި ޙިދްމަތްތައް ރަގަޅަށް ހުންގާތޯ ބެލުން. އަބަދުވެސް ސަރުކާރަށް އިނގިލި ދިއްކުރުން އިނގެނީ، ލާމަރުކަޒީ ކުރުމުގެ ބޭނުމެއް ނެތެއްނު!
ފދސ
09 February 2025
މީ ހަމަ ސަތޭކަ ޕަސަންޓް ސަރުކާރުގެ ފެއިލާ އެއް. އާއިލާ އަށް ބަދަލުދީ. ރެކެން މާގިނަ ތަހުގީގު ކުރާނެ ކަމެއް ނެތް.
އޭނަ
08 February 2025
އަތޮޅުތަކުގެ ރަށްރަށުަގއި މަސައްކަތްކުރުމަށް ފެންވަރުދަށް ޑޮކްޓަރުން ގެންނަމުން އަންނަތާ އަހަރުތަކެއް ވެއްޖެ. މިނިސްޓްރީން ބަލަނީ އުގުޅޭބާޒާރަށް މުދާގެންނަގޮތަށް އެންމެ އަގުހެޔޮކޮށް މާކެޓުން ލިބެންތިބި ޑޮކްޓަރުން ގެންނަން. އެހެންވީމަ ވާނެގޮތް މިވަނީ. 2024 ވަނައަހަރު ގދ.ތިނަދޫ ހޮސްޕިޓަލުގަ ހުރި ކަށީގެ ޑޮކްޓަރު މީހެއްގެ ކަކުލަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖަހަން އުޅުނުގޮތުން ހީވީ އަލަށް އަޖުމަބަލަން އުޅުނުހެން.
ނާޑުވާ
08 February 2025
ދިވެހިރާއްޖެ ޕްރޮވިންސް ތަކަކަށް ބަހާލާ 7 ބޮޑު ހޮސްޕިޓަލާ ސްކޫލާ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރަން މީހަކު އުޅުނީމަ ބަޤާވާތެއް ކޮށް ބޭރުކުރީ. 2 ދުވަހު މުޒާހަރާ ކޮށްލާފަ ތިޔަކަން ހަނދާން ނައްތާލީމަ ވެރިންނަށް ކަހާތަން ހިތުވާހެންވެސް ހީނުވާނެ.