ސްރީ ލަންކާގައި ވިހަވެގެން މަރުވި ދެ ޓޫރިސްޓުންގެ ތެރެއިން އިނގިރޭސި ވިލާތުގެ އީބޯނީ މެކިންޓޯޝް
08 ފެބުރުއަރީ 2025 - 20:55
ސްރީ ލަންކާގެ ހޮސްޓެލްއެއްގައި ޕެސްޓް މަރަން ޖަހާފައިވާ ހުރި ބޭހެއްގެ ސަބަބުން ވިހަވެ ދެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ވެރިރަށް ކޮލަމްބޯގައި ހުންނަ ހޮސްޓެލްގައި ވިހަވެގެން މަރުވީ އިނގިރޭސި ވިލާތުގެ އުމުރުން 24 އަހަރުގެ އަންހެނާއި ޖަރުމަނުގެ 26 އަހަރުގެ އަންހެނެކެވެ.
އިނގިރޭސި ވިލާތުގެ މީހާގެ އާއިލާއިން ބުނީ މަރުވި މީހާގެ ނަމަކީ އީބޯނީ މެކިންޓޯޝް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީ ހޮސްޓެލްއަށް ދިޔަ، މި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ޖަރުމަނު މީހާ މަރުވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ހޮސްޓެލްގައި ހުރި ޖަރުމަނުގެ ފިރިހެނަކަށް ވެސް އަންނަނީ ވިހަވެގެން ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ކޮޓަރިތައް ފިއުމިގޭޓްކޮށްފައި ހުރުމުންތޯ ކަށަވަރުކުރުމަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހޮސްޓެލްގައި ތަންމަކުނާއި އެކި ފާޑުގެ ސޫފިތައް މަރަން ފިއުމިގޭޓްކުރީ ވަރަށް ފަހުންނެވެ. އަދި އެ ހޮސްޓެލް މިހާރު ފުލުހުން ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މެކިންޓޮޝްގެ ހަށިގަނޑު ގައުމަށް ގެންދިއުމަށް ފައިސާ ހޯދުމުގެ ގޮތުން އޭނާގެ އާއިލާއިން އޮންލައިން ފަންޑްރެއިޒިން ޕޭޖެއް ވަނީ ހަދައިފަ އެވެ.
އާއިލާއިން ބުނީ މެކިންޓޮޝް އާއި ހޮސްޓެލްގައި ތިބި އެހެން މީހުންނަށް ވެސް ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ މައްސަލަ ދިމާވި ކަމަށާއި އީބޯނީގެ ހާލު ގޯސްވޯ ނޭވާލާން އުނދަގޫވެގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
09 February 2025
މިއީ މިގައުމުން ބޭސްފަރުވާއަށް ފޮނުވަން އުޅުނު ތަނުގެ ހާލަތު
ޖަވާހިރުގަނޑު
08 February 2025
އަޅޭ... ހާދަ ދެރަޔޭ... ދިރިތިބީން ޢިބުރަތެއް ހާސިލުކުރާނެ ކަމަށް އުންމީދުކުރަން...