މަޓީގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީ އިފްތިތާހުކުރަނީ. --ފޮޓޯ: ބީއެމްއެލް
09 ފެބުރުއަރީ 2025 - 22:46
ރާއްޖޭގެ ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެއްޓާ ގުޅުން ހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ގްރީން ރިސޯޓް ފައިނޭންސިން" މިއަދު ތައާރަފްކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ޖަލްސާގައި، މި ހިދުމަތް ތައާރަފު ކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ އެކު، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސައިން އަފީފެވެ.
ބީއެމްއެލް އިން ބުނީ ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން، ރިސޯޓު ހިންގާ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދޭނެ ކަމަށެވެ.
މަޓީގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: ބީއެމްއެލް
މިއީ އަހަރަކު 6.5 ޕަސެންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި 50 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ފެސިލިޓީއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރީފް ވަނީ ބޭންކުން ޓޫރިޒަމްގެ ދާއިރާ އަށް އެހީތެރިވުމަށް ދޭ އަހަމިޔަތުކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
"ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެން މި ތިބީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަދަ ބޭންކިން ހިދުމަތްތަކާއި އަދި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ތައްޔާރަށް،" ޝަރީފް ވިދާޅުވި އެވެ.
"ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާ އެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިން އެއް ހޯދައިދިނުމަށް."
މިއަދު ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް ދާއިރާގެ 111 ފަރާތަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ގަވަރުނަރު އަހުމަދު މުނައްވަރާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އރެއރއެ
10 February 2025
އެހެންތޯއު؟ ކޮން އިރަކުން ބީއެމްއެލް ހަލާލް ރިސޯޓް ތަޢަރަްކުރަނީ؟
ޙުސެން4645
10 February 2025
އަދި ކިރިޔާ ގާބިލް ދިވެއްސެއް މިފެނުނީ