ކްރިމިނަލް ކޯޓު: މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު އުމުރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި
10 ފެބުރުއަރީ 2025 - 08:50
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށް، ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ މި ހުކުމް އިއްވީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދުގެ މައްޗަށެވެ. އެ މައްސަލާގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފުގެ މައްޗަށް ވެސް ދައުވާކުރި އެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މީހުން. ބައިވެރިވެގެން ގެއެއްގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ އެވެ.
އެ ތަން ފާސްކޮށްފައިވަނީ ތިން މީހުން ހައްޔަރުކުރުމަށް ފަހު، އެ މީހުންގެ ހާޒިރުގަ އެވެ. އެ ގޭ ތެރެެއިން 265 ގްރާމްގެ ކެނެބިސް ފެނިފައިވެ އެވެ. ތިން މީހުންގެ މައްޗަށް ވެސް އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ލޫތާއި ހަސަން ރަޝީދުގެ މައްޗަށް ކުށުގެ ރުކުންތައް ސާބިތު ކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ގޭ ތެރެއިން ފެނުނު މަސްތުވާތަކެތި އެ ތަނުގައި ހުރިކަން އިސްމާއިލް ޝަރީފަށް އެނގޭ ކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ކަނޑައެޅި އެވެ.
ލޫތު އަދި ހަސަން ރަޝީދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު 100،000ރ. ގެ ޖޫރިމަނާއެއް ވެސް ކޮށްފައިވެ އެވެ. އެ ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
10 February 2025
އުމުރަށް ޖަލަށް, އެއްލައްކަ ރުފިޔާ 12މަސްތެރޭދައްކަންޖެހޭ· އެކައުންޓްގައި އެވަރުނެތިއްޔާ ފައިސާހޯދާނީ ކިހިނެއް·
ގޮނުއަނގަ
10 February 2025
އުމުރު ދުވަހަށް ޖަލަށް ލުމަކީ މެއްސެއްގެ އުމުރުތޯ. މެއްސެއްގެ އުމުރަކީ ތިން ހަތްދުވަހޭ މުސްލުޅިން ބުނެއުޅޭނީ. ތިޔަ މައްސަލަ އިސްތިއުނާފުން ވަރަށް އަވަހަށް ނިމޭނެ. މީ ކުށްވެރިންނަށް ހަމަ މިންގަނޑުން "ފްރީ" މިނިވަން ރިޕަބްލިކް އޮފް މޯލްޑިވްސް އިނގޭތޯ. އަލް މަޙަލްދީބު މިހާރު ނެތި ހިނގައްޖެ.
ތީޗެޓިން
10 February 2025
ރަނގަޅު، ހުރިހާ އެންމެން އުމުރަށް ޖަލަށްލާ، އެކަކުވެސް ދޫވިޔަ ނުދޭތި
ލާމި
10 February 2025
އަހަރެން ދޫކޮށްފަ މިހިރަ ގޮތަށް އެމީހުންވެސް ދޫކޮށްލާނެ 2 އަހަރު ފަހުން
ނަގޫ
10 February 2025
ކީކޭ ލާމި. ލާމިވެސް ދޫކޮށްލީ އުމުރަށް ޖަލަށް ލި ހުކުމެއް ކޮށްފައި ވަނިކޮށްތަ.
އުފަލެއްނެތޭ
10 February 2025
އުފަލެއް ނެތޭ ޖަލަށްލިޔަސް 5 އަހަރު ހަމަނުވަނީސް އޮންނަނީ ދޫވެފައި.
ޑރ ވާންޗޯ
10 February 2025
3 މަސްފަހުން އަލުން ސަރީއަތް މުރާޖާކޮށްފަ ދޫކޮށްލީމަ އެހެރީ އުމުރު ހަމަވެފަ. !!!!
އަހުމަދުއަލޯ
10 February 2025
ކޮބާހޭ ފޮޓޯ. އުމަރަށް ޖެހިޔަސް އުޅޭނެ މަގުމަތީގަ.
ޑރ ވާންޗޯ
10 February 2025
ފޮޓޯއަކަށް ނާރާނެދޯ އުމުރަށް ޖަލަށްހުކުމްކޮށްފަ ދޫކޮށްލާފަ ތިބެންޖެހޭބައެއް ވިއްޔަކާ!!!!.