10 ފެބުރުއަރީ 2025 - 10:09
އިނގިރޭސި ދެވަނަ ޑިވިޝަނުގެ ފުލުގައި އޮތް ޕްލިމައުތު އާގައިލްއިން އެފްއޭ ކަޕުން ވަރުގަދަ ލިވަޕޫލު ކަޓުވާލައިފި އެވެ.
މެޗުގެ ނަތީޖާގެ ފަރަގަކަށްވީ ޕެނަލްޓީއެކެވެ. ޕްލިމައުތަށް ލިބުނު ޕެނަލްޓީއެއް ރަޔަން ހާޑީ ވައްދާލައި ލަނޑަކަށް ހެދި އެވެ.
ހާޑީ އަށް ވުރެ މެޗުގައި ފާހަގަ ވީ ޕްލިމައުތުގެ ކީޕަރު ކޯނޯ ހަޒާޑެވެ. މިވަގުތު މުޅި ޔޫރަޕްގައި ވެސް އޮތް އެންމެ ވަރުގަދަ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.
މިއީ 69 އަހަރަށް ފަހު ޕްލިމައުތަށް ލިވަޕޫލްގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމުން މީގެ ކުރިން ލިވަޕޫލް ބަލި ކުރީ 1956 ގަ އެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ޑޮމެސްޓިކް ކަޕްގެ މެޗަށް ނެރުނީ އާދައިގެ ސްކޮޑެކެވެ. ވަރުގަދަ ނަމަކަށް ފުރަތަމަ 11 އިން އޭނާ ފުރުސަތު ދިނީ ޑާވިން ނުނިއެޒް އަށެވެ. ދެވަނަ ހާފުގެ ކުރީކޮޅު އޭނާ ވެސް ބަދަލު ކުރި އެވެ.
އޭނާ ބުނީ މެޗުން ފުރުސަތު ދިން ކުޅުންތެރިން މަސައްކަތް ނުކުރާކަމަކަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ބުނީ ޕްލިމައުތުގެ ފަރާތުން ވަރުގަދަ މެޗެއް ފެންނާނެ ކަމަށް އޭނާ ކުރިން ވެސް ހީ ކުރި ކަމަށެވެ.
"ވަރަށް ވާންކޮށް ދިޔަ މެޗެއް. މިކަހަލަ މެޗެއްގައި ލިބޭނީ އެންމެ ފުރުސަތެއް. އެ ފުރުސަތު އެ ޓީމަށް އެ ލިބުނީ. އެ ޓީމަށް މި މޮޅު ހައްގުވޭ. އަހަރެން އެ މީހުންނަށް މަރުހަބާ ކިޔަން،" ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ކޯޗު ބުންޏެވެ.
ލިވަޕޫލަށް ކުރިމަތީގައި އޮތީ މާސީސައިޑް ޑާބީގެ މެޗެވެ. އޭގެ ކުރިން ކުޅުނު މެޗުން ބަލިވުމުން ދެރަވި ކަމަށް ފައިނޯޑްގެ ކުރީގެ ކޯޗު ބުންޏެވެ.
"އަހަންނަށް ހީވަނީ ކުޅުންތެރިންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެހެން. މެޗުގައި ފެނުނު ސްޓައިލްގައި ލަނޑުޖަހަން އުނދަގުވާނެ. އެކަން މި ފެނުނީ،" ސްލޮޓް ބުންޏެވެ.
ތައްޓެއް ހޯދުމުގެ އުއްމީދުގައި އޮތް ޓޮޓްނަމް ހޮޓްސްޕާސް ވެސް ވަނީ އެސްޓަން ވިލާ އަތުން ބަލިވެ ކަޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަމީހާ
10 February 2025
ދެވަނަ ތޯ، ތިނެއް ތޯ