އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: އޭނާގެ ވެރިކަމުގައި އިންޑިއާގައި ވަނީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ވާހަކަތައް ގިނަވެފައި. -- ފޮޓޯ: އޭއެފްޕީ
11 ފެބުރުއަރީ 2025 - 06:26
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ނަރެންދުރަ މޯދީ ވަޑައިގެންފަހުން އެ ގައުމުގައި މުސްލިމުންނާ ދެކޮޅު އަމަލުތަކާއި ވާހަކަތައް އިތުރުވެފައި ވިޔަސް މިދިޔަ އަހަރަކީ އެފަދަ ކަންކަން ވަކިން ބޮޑަށް އިތުރުވި އަހަރެއް ކަމަށް އެމެރިކާގެ ތިންކް ޓޭންކެއްގެ ރިޕޯޓެއްގައި ބުނެފި އެވެ.
އިންޑިއާ ހޭޓް ލެބް (އައިއެޗްއެލް) ގެ ރިޕޯޓުގައި ބުނެފައި ވަނީ މި ބިރުވެރި ބަދަލަކީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ހިންދޫ ވަތަނީ ހަރަކާތުގެ ފިކުރީ އެދުންތަކުގެ ސަބަބުން ދިމާވެފައިވާ ގޮތް ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އާންމު އިންތިހާބުގެ ތެރޭ، މޯދީ އަށް ފާޑުކިޔާ މީހުންނާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މޯދީ އާއި އޭނާގެ ބީޖޭޕީން ހިންދޫންގެ ތާއީދު ހޯދުމަށް ކެމްޕެއިންގައި މުސްލިމުންނާ ދެކޮޅަށް ވާހަކަ ދެއްކުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
މޯދީގެ އެއްވުންތަކުގައި މުސްލިމުންނަކީ "ގަދަބާރުން" އިންޑިއާއަށް ވަދެގަނެގެން އުޅޭ ބައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި އިދިކޮޅު ކޮންގްރެސް ޕާޓީން ކާމިޔާބު ހޯދައިފި ނަމަ ގައުމުގެ ވަސީލަތްތައް މުސްލިމުންނަށް ބަހާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިހާބުގައި މޯދީ އަށް ތިން ވަނަ ދައުރެއް ކަށަވަރު ވިޔަސް، ބީޖޭޕީގެ ފުރިހަމަ އަޣުލަބިއްޔަތު ވަނީ ގާނޫނު ހަދާ މަޖިލީހުން ގެއްލިފަ އެވެ.
"ބައި މަދު ދީންތަކަށް އަމާޒުކޮށް ނަފުރަތު އުފެއްދުމުގެ މައްސަލަތައް 2023 ވަނަ އަހަރު 668 ގައި ހުރި އިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 1،165 އަށް އިތުރުވެފައި، މިއީ 74.4 ޕަސެންޓް އިތުރުވުމެއް،" އައިއެޗްއެލްގެ ރިޕޯޓުގައިވެ އެވެ.
މިދިޔަ އަހަރަކީ އިންޑިއާގެ އާންމު އިންތިހާބުގެ އަހަރަށް ވުމުން، ނަފްރަތު އުފެއްދުމުގެ ވާހަކަތައް ބައްޓަންވެގެން ދިޔަ ގޮތް ވެސް ބަދަލުވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ނަފްރަތު އުފެދޭ ވާހަކަތަކުގެ 98.5 ޕަސެންޓް މުސްލިމުންނަށް އަމާޒުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވާހަކަތައް ދައްކާފައިވަނީ ބީޖޭޕީ ނުވަތަ އެ ޕާޓީގެ ބައިވެރިންގެ ކޮންޓްރޯލް އޮންނަ ސްޓޭޓްތަކުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަފްރަތު އުފެދޭ ގޮތަށް ބީޖޭޕީގެ ލީޑަރުން 450 އަށް ވުރެ ގިނަ ފަހަރު ވާހަކަ ދައްކާފައި ވާއިރު، އޭގެ ތެރެއިން 63 ތަގުރީރަކީ މޯދީގެ ތަގުރީރުތައް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މި ރިޕޯޓުގައި ކޮށްފައިވާ ތުހުމަތުތަކަށް ބީޖޭޕީގެ ބަހެއް ހޯދަން އޭއެފްޕީން ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. އެކަމަކު މިއީ ބީޖޭޕީން އަބަދުވެސް އިންކާރުކުރާ ތުހުމަތުތަކެކެވެ.
އިންޑިއާގައި މުސްލިމުންގެ އާބާދީ 220 މިލިއަނަށް އަރާއިރު ހިންދޫ ވަތަނީ ފިކުރުގެ ސަބަބުން މުސްލިމުން އުޅެންޖެހިފައިވަނީ ކުރިމަގާ މެދު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
11 February 2025
މިގައުމުގެ ހާލަކީ އަދި ތިޔައްވުރެ ބިރުވެރި ހާލަތެއް ވަކި ދީނެއްގެ ބަޔަކަށް ނޫނީ ނޫޅެވެނޭ ވަގުތުން ދުވަސް ދުއްވާލާނެ ނޫނީ ގައުމުން ބޭރުކުރާނެ
އެހެނެެއްނޫން އޮތީ
12 February 2025
ކޮންމެ ދީނެއްގެ ބަޔަކަށްވެސް މިގައުމުގަ އުޅެވޭ. މިހާރުވެސް އުޅެމުންދަނީ. އެއްވެސް ގޯނާ އެއް ނުކުރޭ. އަހަރެމެން އެންމެ ކުޑައިރުއްސުރެން ކިޔަވާދޭން އަންނަނީވެސް އެކި ދީންތަކުގެ މީހުން. މިހާރު ސުކޫލް ނިމިގެން ވަޒީފާގަވެސް މިއުޅެނީ އެހެން ދީނުގެ މީހުންނާއެކު. ވަރަށް ގުޅިގެން އިހުތިރާމާއެކު.
އަލިނަރު
11 February 2025
އިސުރޭލުގެ ވިސްނުން ގެންގުޅޭ ބައެއް. ހިންދޫ އިން ފިޔަވައި އެހެން ހުރިހާ ދީންތަކެއްގެ މީހުން އިންޑިޔާއިން ބާލުވަން އުޅޭ ބައިގަނޑެއްތީ.
ާމުސްލިމެއް
11 February 2025
ހަގީގަތަކީ މުސްލިމުންގެ ނަމުގަ އުޅޭ ހައްދުފަހަނައެޅި މީހުންގެ އަމަލުތައް އެއީ އިސްލަަމީއުއްމަތުގެ ހަލާކު،
މުސްލިމެކޭ
12 February 2025
ހައްދުފަހަނަ އެޅި މީހުން ތީ ދެން މާކުރީގެ ބާ ވާހަކައެއް. މިހާރު ޣައިރު މުސްލިމުންވެސް ގަބޫލެއް ނުކުރާނެ މުސްލިމުންނަކީ ހައްދު ފަހަނައެޅި، ޓެރަރިސްޓް ބައެއްކަމަށް. މުސްލިމުންގެ އަގުވައްޓާލާ މުސްލިމުން ދުނިޔޭގައި ކުރިއަރައިގެން ގޮސްދާނެތީ ބަޔަކު ވިއްކި އެއްޗެއްތީ. އޭގެން ސިކުނޑި ދޮވެގެން ތިޔަ ތިބެނީ. މެދު އިރުމަތިން މިހާރު ފެންނާނެ އަސްލު ޓެރަރިސްޓުން. ޔަހޫދީންނަށް މިއަދު މުޅި ދުނިޔެ ނަފްރަތު ކުރޭ.
އަސަރު68
11 February 2025
ކަށަވަރޭ އަންނާނެޔޭ އެދުވަސް ޔަގީން އަންނާނެޔޭ، ބޮނދަބޮނދާ ހޮރުގާ އޮތަސް ގައިމޭ ހުވާ ގެންދާނެޔޭ.
ސިއްތި
11 February 2025
އެހެންވީމާ ގަދައަށް ގުޅުންބަދަހިކުރެވޭތޯ ބާލާންވީ.
މޮޑިއްޓޭ
11 February 2025
ބަލަ ގުޅުންބަދަހި ކުރަނީ އަނގަޔާ އަތާދިމާނުވެގެން އައިސް ކަލޭމެންނޭ
ކޮތަރޭ
11 February 2025
ދެރަކަމަކީ މީނަ ދެންވެސް އިސްލާމީ ކޮންމެ ގައުމަކަށް ދިޔަސް އެގައުމެއްގެ ވެރިން މީނަ ގައިގަ ބައްދައިގެން ސަލާން ކުރަން ތިބޭނެ ކަން. މުސްލިމު އުއްމަތަށް ދިމާވެފައި މިވާ ހުރިހާ ދެރަ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އިސްލާމީ ގައުމު ތަކުގެ ވެރިން
ބްރާންތި ނަމްބަރު1
11 February 2025
ދެރަކަމަކީ ކަލޭމެންގެ އިސްކޮޅަށް ވުރެ އަންގައިގެ ޒައިޒް ބޮޑުކަން އަމިއްލަ ހާލައިގެން ނޫޅެވިގެން ނާށިގަނޑު ހިފައިގެން އަބަދު ތިއުޅެނީ އެތަނަކަށް ގޮސް ދުނިޔެވީ ހަގީގަތް ނުދަންނަ ނުވަތަ ނޭނގޭ އެންމެ ގިނަމީހުން އުޅޭ އެއްގައުމު މި ދިވެހިރާއްޖެއަކީ
ކިރުސައި
11 February 2025
އިންޑިޔާމީހުނަށް ނަފްރަތު އުފެއްދުމުގެ ވާހަކަތައް ދިވެހިރާއްޖޭގައި މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވި.
ޖަބާން
11 February 2025
ހިންދޫ މީހުނަށް އެކަނިތޯ؟