ބަންޑާރަ ނައިބު އަހުމަދު އުޝާމް: ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ގެންދަން އޭޖީ ވަނީ ނިންމަަވާފައި
10 ފެބުރުއަރީ 2025 - 21:09
ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަނބުރާ ނަގައިފި އެވެ.
މި ސަރުކާރުން އައްޔަންކުރި ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ ތަފުސީލް ހޯދަން ރައީސް އޮފީހުގައި އަމިއްލަ މީހަކު އެދުނު ނަމަވެސް އެ އޮފީހުން ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައި އޮތީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިންއިރު، އެ މުއްދަތުގައި އެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ވެސް ކުރި އެވެ.
ނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި މިދިޔަ އަންގާރަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ. ނަމަވެސް، މުއްދަތުގައި މައުލޫމާތު ނުދީ، ސަރުކާރުން ދިޔައީ ކޯޓަށެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
11 February 2025
ވަރިކަން ލިބުނީމަ މިމީސްމީހުންނަށް ހީވާކަހަލަ ތިމަންނާމެންގެ ތަރިކަ މުދަލޭ .. އެކަކުވެސް ވަތްކެއް ނުކުރޭ. ސީޔާސީ މަޤާމު ތަކުގެ އިތުރުން އެސް.އީ.އޯ ތަށް ފުރިގެން ދެން މިހާރު އެމް،އޭ.ސީ.އެލް ތަންތަނުގައިވެސް އެކިނަންނަމުގައި އެބަތިބި ވައްދާފަ.
ވޯލް
11 February 2025
ވަރަށް ލަދުވެތި ކަމެއް. ޤާނޫނުގައި އިސްތިއުނާފު ކުރަން މިއޮންނަނީ، ފަންޑިޔާރުން ކަންޑައެޅިގެން ގޯހެއް ހަދާ ހާލަތުގައި. ދައުލަތުގެ ބަންޑާރަ ނައުބަކީ ހަމައެކަނި ޤާނޫނު އަސާސީއަށް ބޯލަންބާ އެ ޤާނޫނު އަސާސީ އާއި އެހެން ޤާނޫނުތަށް ނަގަހައްޓާ ރައްޔިތުންގެ ހައްޤު ކަށަވަރުކުރަން ޤާނުނު އަސާސީގައި މަތިކޮށްފައި ހުރި ހަމަ އެނި މިހާ. މި މައްސަލާގެ ސަބަބުން މިހާރުގެ ބަންޑާރަ ނައިބުގެ ކިބާގައި އެސިފަނެތް ކަން ޔާޤީންވޭ.
ދައިގަންނަގުރާ
11 February 2025
ޤާނޫނެއް އެއްވެސް ކަމެއް ނޯވެ ޕީއެންސީ ފޯމުތައް ފުރިގެން މީހުންނަށް ނޭގި ޕާޓީ ދަފްތަރުގަ ޖެހޭއިރު. ވަރަށް ފޮރުވާ ސަރުކާރެއް މިއީ. ކުޑަކުދިންނަށްވެސް އެނގޭ މިސަރުކާރު ދައްކާވާހަކައިގެ ޙަޤީގަތެއް ނެތްކަން.
ފެންވަރު
11 February 2025
އެ ފެންނަނީ އޭޖީގެ ފެންވަރު.
ޓިނު
11 February 2025
މިމީހުންނަކަށްނެއިގޭ ލަދުގަންނަކަށްވެސް.
ކަނޑި
10 February 2025
ދެން ކިހިނެއްތަ ވާނީ؟ ވާނެގޮތެއް ނެތެއްނު.
ބޮޑުބެގެ ބެއްޔާ
10 February 2025
ތިޔައީ އަމިއްލަ ކުންފުންޏެއް ނޫނޭ، ބޭނުންވީމަ ހާމަކޮށްފަ ބޭނުންނުވީމަ ފޮރުވަން. އަހަރެމެންގެ ޓެކްސް ފައިސާއިން ކުރަނީ ކޮންކަމެއްކަން އެނގެންޖެހޭ.
ބޮޑުބެގެ ދައިތަ
11 February 2025
ޓެކްސް ފައިސާ ސިޔާސީ އޭ ކިޔާފަ ތިބި ބައިގަނޑަށް މުސާރަ ދީ ހުސް ކުރަނީ