11 ފެބުރުއަރީ 2025 - 12:20
މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުތަކަކީ މިހާރު ކްލެސިކޯ ފަދަ މެޗުތަކެއް ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި މިރޭ މެންޗެސްޓާގައި އަންޗެލޮޓީގެ ރެއާލުން ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މެޑްރިޑްގައި ކުޅޭ މެޗާ އެކު މި ދެ ޓީމު ހަ އަހަރުތެރޭ ފަސްވަނަ ފަހަރަށް ވާދަކުރާނެ އެވެ.
"ހީވަނީ ކްލެސިކޯ މެޗެއް ހެން. ސަބަބަބަކީ އަހަރެމެން ދެ ޓީމު އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ވަރަށް ގިނަ ފަހަރަށް މި މުބާރާތުގައި ކުޅެފިން،" އަންޗެލޮޓީ ބުންޏެވެ.
“އެކަން ވަރަށް ބޮޑަށް ބިނާވެފައި އޮންނާނީ ޓީމުތަކުގެ ވިސްނުމާއި އިތުބާރުގެ މައްޗަށް. އެހާ މަތީ ފެންވަރުގެ ގޭމެއް ދެ ޓީމުގެ ފަރާތުން ވެސް ފެންނާނެ. މި މެޗުގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކު ވެސް ތިމާގެ އެންމެ މަތީ ފެންވަރު ދައްކަން ޖެހޭނެ. އެންމެ މޮޅު ކޯޗާ އެކު މިހާރު އެންމެ ވާދަވެރި ޓީމު އެއީ."
ރެއާލް އޮތީ ލަލީގާގެ ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ޕްރިމިއާ ލީގުގެ ފަސްވަނައިގަ އެވެ.
ލީގުގެ ކުރީގައި އޮތަސް މި ވަގުތަކީ ރެއާލް އަށް އުނދަގޫ ވަގުތެކެވެ. އެ ޓީމުގެ ޑިފެންސް އޮތީ އަންޗެލޮޓީ ސިފަކުރާ ގޮތުން ކުއްލި ހާލަތެއްގަ އެވެ. ދިފާއީ މަގާމުތަކަށް ކުޅެން ތިބަ ސީނިއާ ކުޅުންތެރިން ތިބީ އަނިޔާގަ އެވެ.
ޑެނީ ކާވަހާލް، އެންޓޯނިއޯ ރޫޑިގާ، ޑޭވިޑް އަލަބާ އަދި އެޑާ މިލިޓާއޯ ހުރީ އަނިޔާގަ އެވެ. ސީނިއާ ޓީމުގެ ލިސްޓްގައި އަންޗެލޮޓީ އިތުބާރުކުރާ ސެންޓްރަލް ޑިފެންޑަރަކު ނެތެވެ. ހުރީ ޖީސަސް ވަލޭހޯ އެވެ. މި ސީޒަނުގައި އޭނާ ކުޅުނީ އެންމެ މެޗެކެވެ. އަލަވޭޒްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލުން 3-0 ގެ ލީޑްގައި އޮއްވައި އޭނާ އަށް ހެދުނު ގޯސްތަކަކުން އަލަވޭޒް ދެ ލަނޑު ޖެހި އެވެ. އަލަވޭޒްއިން ނަތީޖާ ހަމަހަމަ ނުކުރީ ކިރިކިރިޔާ އެވެ. އޭގެ ފަހުން އޭނާ އަށް ފުރުސަތެއް ނުދެ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ލިސްޓް ކުރެ އެވެ. ބެންޗު ފަޅުފިލުވުން ނޫން ކަމެއް އޭނާ އަށް ނެތެވެ.
އަންޗެލޮޓީ އަށް މަޖުބޫރު ވީ ރެއާލްގެ ބީ ޓީމުގެ ރައުލް އެސެންސިއޯ އަށް ފުރުސަތު ދިނުމަށެވެ. އެ ކްލަބްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ކޯޗުކޮށް ދޭ ބީ ޓީމުގައި އެސެންސިއޯ އަކީ އެންމެ މުހިންމު ޑިފެންޑަރެވެ.
އުމުރުން 21 އަހަރުގެ އެސެންސިއޯ ވަނީ ސީނިއާ ޓީމުގައި މިހާތަނަށް 19 މެޗު ކުޅެފަ އެވެ. އޭނާ އަށް ފުރުސަތު ދިން ކޮންމެ މެޗެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެސެންސިއޯ މޮޅު ކުޅުމެއް ދެއްކި އެވެ.
ސިޓީ ކަހަލަ ބޮޑު މެޗަކަށް ތައްޔާރުވާން އެތުލެޓިކޯގެ މެޗަކީ ޒުވާން އެސެންސިއޯ އަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ.
ރެއާލްގެ ޑިފެންސް ކުއްލި ހާލަތުގައި އޮތް ނަމަވެސް އެ ޓީމުގެ އެޓޭކް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ސީޒަން ފެށުނު އިރު ހަމަޔަކަށް އެޅެން އުނދަގޫވި ކިލިޔަން އެމްބާޕޭ މިހާރު ދަނީ އޭނާގެ އަސްލު ކުޅުން ދައްކަމުންނެވެ. ލަލީގާގެ މިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އެމްބާޕޭ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނީ ރެއާލްގެ އޭޓޭކާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އެމްބާޕޭގެ އިތުރުން ރެއާލްގެ ހަމަލާތަކުގައި ބައިވެރިވާ އަނެއް ތިން ކުޅުންތެރިން ކަމަށްވާ، ވިނީޝިއުސް ޖޫނިއާ، ރޮޑްރިގޯ ގޮއިސް އަދި ޖޫޑެ ބެލިންހަމްގެ ނުރައްކާތެރިކަން ހުއްޓުވަން ސިޓީ އަށް އުނދަގޫވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
"މި ދެ މެޗުގެ ހުރިހާ ވަގުތެއްގައި މި ކުޅުންތެރިން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން. އެއީ ހާއްސަ ކުޅުންތެރިންތަކެއް،" ގާޑިއޯލާ ބުންޏެވެ.
'... އަހަރެމެން ޖެހޭނީ އެ ކުޅުންތެރިން ބައިވެރިވުން ވީހާވެސް މަދު ކުރުވަން. މެޗުގެ ކޮންމެވެސް ހިސާބަކުން ނަމަވެސް އެ ނުރައްކާތެރިކަން އަންނާނެކަން އަހަރެމެން ޖެހޭނެ ގަބޫލުކުރަން."
އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްޓީ
11 February 2025
ހެހެހެ މެޗް ކުޅެން ފެށުމުގެ ކުރިން ހިތުން މޮޅު ވާހަކައެއް ބުނެލީ. ދެން ބަލިވެއްޖެއްޔާ ބުނަން އޮންނާދޯ، ބުނީމޭ ޑިފެންސް އޮތީ ކުއްލި ޙާލަތުގައޭ. ދެން ރެފްރީވެސް މިހެންނޭ އެހެންނޭ
އަހުމިއްޓޭ
11 February 2025
އާނދެން މިހާރު ބާސާއިން ފަހަރަކު 6އެއްކަގޯލް ޖަހަންޏާ ލަދުންވެސް ނުކެރޭނެދޯ އެއީ ކްލެސިކޯއެކޭ ބުނާކަށް.