އއ. ތޮއްޑޫ ކައުންސިލަށް ވެހިކަލް ހަދިޔާކުރުން.
11 ފެބުރުއަރީ 2025 - 16:28
އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީއެލްއޭސީ) އަށް ތޮއްޑޫ ކައުންސިލްގެ ފަރާތުން ހަތަރު ވެހިކަލް ހަދިޔާކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ތޮއްޑޫގައި އުފެއްދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނިހާދު، "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ހަލުވިކަމާ އެކު، ކުރިއަށް ގެންދިއުމަށް ކައުންސިލުން ހަތަރު ވެހިކަލް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯކްލިފްޓަކާއި ކެރޭނަކާއި އެކްސްކަވޭޓަރެއް ހިމެނެ އެވެ.
އޭނާ ވިދާޅުވީ ތޮއްޑޫ ކައުންސިލުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ ރަށުގައި އުފައްދާ ކުނި ނެގުމާއި ނައްތާލުމުގެ މަސައްކަތާއި ޓޫރިސްޓު ދެ ބީޗު ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ ކަމަށެެވެ.
ތޮއްޑޫގައި ޓޫރިޒަމް ވަރަށް ބޮޑަށް ފައްކާވަމުން އަންނައިރު، ނިހާދު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ ޑިމާންޑު އުފުލިފައިވާ ކަމަށެވެ. އެކަމަކު ތޮއްޑޫގެ ބޯޓުފަހަރު އަޅާ ސަރަހައްދުގެ ގޮތުން ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ނުކޮށްދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފޯޑަބަލް ޕްރައިސެއްގައި ކޮންސްޓްރަކްޝަން މެޓީރިއަލް ލިބޭނެ ގޮތެއް ނެތީމާ އަޅުގަނޑުމެންގެ ކުންފުނި މެދުވެރިކޮށް ވެސް އެ ކަންކަން ކޮށްދެމުން މިދަނީ،" ނިހާދު ވިދާޅުވި އެވެ.
އެހެންވެ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޓީއެލްއޭސީ އޮފީހަށް ގޮސްގެން ޕޭމަންޓު ހެދުމުން، ސައިޓަށް ސީދާ ޑެލިވަރީ ކޮށްދެމުން އަންނަ ކަމަށް ނިހާދު ވިދާޅުވި އެވެ.
ކައުންސިލުން ހަދިޔާކުރި ވެހިކަލްތައް ވެސް ކުއްޔަށް ދޫކުރުން ފަދަ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
ނިހާދު ވިދާޅުވީ ތޮއްޑޫގެ ބަނދަރު ސަރަހައްދަކީ ހުރިހާ ކޮމާޝަލް ސާމާނެއް ވެސް ހުންނަ ތަނަށް ވެފައި އެތަން ސާފުކޮށް ބޭއްވުމަކީ ވެސް ކުރަންޖެހޭ ކަމަކަށް ވާތީ ކެރޭނުގެ ބޭނުން ހިފައިގެން އެ މަސައްކަތް ވެސް ކުރެވޭނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން 2022 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކުން ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ކުންފުނި ހިންގިދާނެ އެވެ. އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ކުންފުނި ރަޖިސްޓަރީ ކޮށްދީފައި ވަނީ ވެސް ތޮއްޑު އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމާ سَعيد
11 February 2025
ކައުންސިލްގެ ސީއެސްއާރު ހާދަ ވަރުގަދައޭ. ޕަބުލިކު/ޕުރައިވެޓް ކުންފުންޏަކަށް ދޫނުކުރޭ.
ޢަލީ ބަލީ
11 February 2025
ބަރާބަރު ކައުންސިލް ތަކުގެ އެކައުންޓް ތަކުގައި ފައިސާ ހުރުމަކުން ރައްޔިތުންނަށް ވާފައިދާއެއްނެތް. ކުންފުނި އުފައްދައިގެން އެކުންފުނިން ރައްޔިތުންނަށް ކަމެއްކޮށްދެވޭތޯ އުޅުން މާރަގަޅު. އަހަރެން ދެންތިރަށައް އެއްޗެއްބާލަންޖެހިއްޖެއްޔާ ކްރޭނާއި ފޯކްލިފްޓް ކުއްޔަށް ހިފާނެ ވާހަކަ ދަންނަވަން
ކައުންސިލް
11 February 2025
ތޮއްޑޫ ކައުންސިލުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެވުނީތޯ، ކުންފުނިތަކަށް ފައިސާ މިބަހަނީ؟