ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާ؛ އާންމު ކޮމިޓީން ވަނީ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ފާސްކޮށްފައި -- ފޮޓޯ: މަޖިލިސް
13 ފެބުރުއަރީ 2025 - 15:17
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލައި އަދި އަންނަ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ހުށަހެޅި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އޭނާ އިސްލާހު ހުށަހެޅުއްވީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށެވެ. އެ ހުށަހެޅުމުގައިވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ މިމަހު ކަމަށްވާތީ، މި ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށްފަހު ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް ވެސް ވަނީ އެ އިސްލާހުގައި ހިމަނައިފަ އެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ދައުރާއި ތިން ވަނަ ދައުރު ހިނގާނީ އިސްލާހުގައިވާ ގޮތަށް ކަމަށް ބޮޗޭގެ އިސްލާހުގައިވެ އެވެ.
މި އިސްލާހު އާންމު ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ނައިބު މުގައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ވީހާ ވެސް ބޮޑަށް އަޅުކަމަށް ފުރުސަތު ދިނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ދީނީ ގޮތުން ކުރެވޭނެ އަޅުކަމެއް ފަދަ ކަމެއް ކަމަށާއި އިސްލާމީ ތާރީހުގައި ވެސް ބޮޑެތި ހަނގުރާމަތައް ރޯދަ މަހު ހިނގާފައި އޮތް ކަން އެނގޭ ކަމަށެވެ.
"ހަމައެކަނި އަޅުކަމަށޭ ކިޔާފައި ރޯދަ މަސް އެއްކޮށް ހުސްކޮށްލައިގެން، އެކަހަލަ ގޮތަކަށް ނޫން އިސްލާމީ ތާރީހުން ފެންނަން އޮތީ. އަޅުގަނޑަކަށް އެއްވެސް ވަރަކަށް ތާއީދު ކުރެވޭ ކަމެއް ނޫން." އަމީން ވިދާޅުވި އެވެ.
ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަސައްކަތަށް ނިކުންނަ ކަން ފާހަގަ ކުރައްވައި، އަމީން ވަނީ ވަގުތު ކުޑަކޮށްގެން ނަމަވެސް ރޯދަ މަހު މަޖިލީހުގެ މަސައްކަތަށް ނިކުންނަން ފެންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ދެކޮޅު ހައްދަވައި ޕީއެންސީގެ މެންބަރުން ވަނީ ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް، އިސްލާހުގައި ދައުރުތައް ހިމަނާފައިވަނީ މަޖިލީހުގެ މަސައްކަތުން އެއްވެސް ދުވަހެއް ނުގެއްލޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
އިސްލާހުގައި އޮތްގޮތުން، ބައެއް މެންބަރުން ވަނީ އެގޮތަށް އޮތުމުން ކޮންމެ އަހަރަކު ވެސް ވަކިން އިސްލާހު ގެނެސްގެން ރޯދަ މަހު މަޖިލިސް ބަންދު ކުރަން ޖެހޭނެތޯ ސުވާލު އުފައްދަވައިފަ އެވެ.
މެމްބަރު އަބްދުއްސައްތާރު ވިދާޅުވީ މިހާރު އިސްލާހު އޮތްގޮތުން 2029 ވަނަ އަހަރާ ހަމައަށް މި ގަވާއިދަށް އަމަލު ކޮށްގެން، ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދެވޭނެ ކަމަށެވެ. އަދި އިސްލާހެއް ގެންނަ ނަމަ ގެންނަން ޖެހޭނީ 2029 ގައި ކަަމަށް އޭނާ ވިދާޅުވި އެވެ.
އެ އަހަރަކީ މަޖިލީހުގެ އާ ދައުރެއް އިންތިހާބު ކުރާނެ އަހަރަކަށް ވާތީ މަޖިލިސް ގަވާއިދު ވެސް ޖެހޭނީ އަލުން އެކުލަވައިލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަންކަން
14 February 2025
މިހިރީ މިމީހުންގެ ހުންނަ އަޑިނުބައިކަން. ނިކަމެތި ރައްޔިތުން ޑިއުޓީއަށްފަހު ޑިއުޓީ ރޯދަމަހު އަދާކުރަންޖެހޭ. ރައްޔިތުން ރޯދަމަހު އަޅުކަން ނުކުރަނީތަ؟ ނުވިތާކަށް އަމިއްލަ ކުންފުނިތަކުގެ އާދައިގެ މީހުނަށް ރޯދަ ހަދިޔާ ލިބޭޔީ އެކަމަާ މޭހިރުވައިގެން މި ސަރުކާރުގެ ޕީސީބީ އިން އެކަން ހުއްޓުވަން އަންގައިފި. ނުވިތާކަށް ސިވިލް ސާވަންޓުމްނަށް ލިބެމުން އައި ސިކްލީވް މަދުކޮށް މެޑިކަލް ހުށަހަޅުއްވަން ޖައްސައިފި މިމަޖިލީހުން. ނިކަމެތި ރައްޔިތުން!
ކޮރަލް
13 February 2025
މަޖްލީހުން އަންނަ މަހުން ފެށިގެން މުސާރަ އަކީ 2 ލައްކަ ރުފިޔާ ކަމަށް ނިންމިއަސް ކުރެވޭނެ ކަމެއް ނެތެވެ. ރައީސް ވެސް ހުންނަން ޖެހޭނީ ކުޅި ބަލާށެވެ. މަޖްލިސް ޖަވާބުދާރީ ކުރުވޭނެ ބަޔަކު ހުންނަން ވާނެ އެވެ.
ކޮތަރޭ
13 February 2025
ގާނޫނު ހަދާ މީހުން ތިބޭނީ ގާނޫނުތަކުގެ މަތީގަތާ. އަހަރެމެން ބުރަ މަސައްކަތް ކުރާ މީހުން ރޯދަމަހުވެސް ހުކުރު ދުވަހުވެސް އީދު ދުވަހުވެސް ތިބެން ޖެހޭނީ ވަޒީފާގައި ޝިފްޓު ޑިއުޓީ ނަގަން. ލިބޭ ކުޑަ އެލަވަންސް ކޮޅަކަށް ވުރެ ގޭގައި ޢާއިލާ އެކީ އަދި އަޅުކަމާއިގެން މުޅި ރޯދަ މަހު ތިބެވޭނެ ނަމަ އަހަރެމެންނަށް ވެސް ހާދަ ރަނގަޅޭ
އަޙާ
13 February 2025
އާއިލާއަށްޓަކައި ކުރާ ބުރަ މަސަތްކަތަކީވެސް އަޅުކަމެށް. ހިއްވަރު ކުރޭ. އެކަމަކު ތި ބުނީ ރަނގަޅު ވާހަކައެއް.
އެންމެން ހެޕީ
13 February 2025
އެނިމުނީނު އެކަން...ބެޑައް ކަޑާލީމަ ނިމުނީނު