ރައްޔިތުންގެ މަޖިލީހުގެ މެންބަަރުން ކުރެއްވި ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ޖަވާބުދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
28 އޮކްޓޯބަރ 2025 - 12:29
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފަހަކަށް އައިސް މަޖިލިހަށް ވަޑައިގަންނަވާ ދުވަސްތަކުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ސިޔާސީ ގޮތުން ރައްދު ދެއްވައި، އެ ޕާޓީގެ ވެރިކަމުގައި ފެއިލްވެފައިވާ ކަންކަން ހަނދާން ކޮށްދެއްވުން ވަނީ އާންމު ކަމަކަށް ހައްދަވައިފަ އެވެ.
މަޖިލިހަށް އެންމެ ފަހުން ހާޒިރުވެވަޑައިގެންނެވި ދުވަހާއި މިއަދު ވެސް ސައީދު ވަނީ ސިޔާސީ ރައްދުތަކާ އެކު، އެމްޑީޕީގެ ދެ ވެރިކަމުގެ ފެއިލިޔާސްތައް ވިދާޅުވެ ދެއްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސައީދު ވަޑައިގަތީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރިން ފޮނުއްވާފައިވާ ސުވާލުތަކަކަށް ޖަވާބު ދެއްވުމަށެވެ. އޭޭގެ ތެރެއިން ފުރަތަމަ ސުވާލެއްގެ ގޮތުގައި މިއަދު ތާވަލުކޮށްފައި އޮތީ ބަންކަރިންގެ ހިދުމަތާ ބެހޭ ގޮތުން އަމީން ކުރެއްވި ސުވާލެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ކުޑޫ، މިނިސްޓަރު ސައީދުއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް މިނިސްޓަރު މަޖިލިހަށް ޖަވާބު ދެއްވާފައިވާ އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު މިއަދު ވިދާޅުވީ ފުރަތަމަ ޓޫރިޒަމް ތައާރަފްކުރި އިރު ވެސް އެކަން ކާމިޔާބުވެދާނެތޯ އެތައް ބަޔަކު ސުވާލު އުފެއްދި ކަމަށާއި ދޯނިފަހަރުގައި އިންޖީނު އެޅި އިރު ވެސް ބައެއް އޮޑިވެރިންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.
"ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ގައި، 72 ގައި ފަތުރުވެރިކަން ފެށުނު އިރުގައި އޭރުގައި ވެސްް ހަމަ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު 2025 އައިސްފައި މިއޮތް ހިސާބަށް ދެވިދާނެތޯ ނޫންތޯ، ވަރަށް އުނދަގޫވާނެ ކޮންކްލޫޝަަނަކަށް ދާން. ހަމަ އެގޮތަށް ރާއްޖޭގައި ފުރަަތަމަ މަހަށް ނުކުތް ދޯނި ފަހަރުގައި ފުރަތަމަ އިންޖީނު އެޅީމާ ލިޔެކިއުންތަކުން ފެންނަން އެބަހުރި، އޮޑިވެރިން ވެސް ބިރުން، މަސްއައިން ފިލައިގެން ހިނގައިދާނެ ވާހަކައާ މިކަހަލަ ވާހަކައެއް ވެސް ހުރި" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިގުތިސާދީ ކޮންމެ އާ ހިދުމަތެއް ފަށާ އިރު ކަންބޮޑުވުންތަކެއް ނުވަތަ ސުވާލުތަކެއް ހުންނާނެ ކަމަށެވެ.
އޭގެ ފަހުން، މަރަަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލުގައި އެއްސެވީ، ބަންކަރިން މަސައްކަތް ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތުން ރާއްޖެ އަށް 400 މިލިޔަން ޑޮލަރު ވަންނާނެ ކަމަށް ސައީދު ވިދާޅުވެފައި ވާއިރު އެކަން ހާސިލުނުވީ ކީއްވެތޯ އެވެ.
"މަނިކުފާނުގެ އެ ފޯކާސްޓް ނޫނީ ޕްރެޑިކްޝަނާ ރިއަލް ފިގާސްއާ މިހާ ބޮޑު ފަރަގެއް ދިމާވެގެން މިއުޅެނީ ކީއްވެގެންތޯ؟ މާކެޓް ނުކުރެވެނީތޯ ނޫނީ ރިސާޗް ނަހައިދައި މި މަސައްކަތް ފެށުނީތޯ؟" އަހުމަދުދީދީގެ ސުވާލުގައި އެއްސެވި އެވެ.
ސައީދު ވިދާޅުވީ 400 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާފައި ވާނީ ބަންކަރިންގެ ހިދުމަތުގެ ތެރެއިން ރާއްޖެ އަށް ޖިއޮގްރަފިކް ގޮތުން އޮތް "ކޮމާޝަލް އެޑްވާންޓޭޖް" ފުރިހަމައަށް ނެގިއްޖެ ނަމަ އިގުތިސާދީ ގޮތުން އުފެދޭނެ ވޮލިއުމްގެ މަފްހޫމުގައި ކަމަށެވެ.
"އެ މާނާގައި އަޅުގައި އެވާހަކަ ދައްކާފައި އެ އޮތީ. ދެން ސިޔާސީ ސަބަބުތަކާ ހުރެ އެކި ފަހަރު އެކި ގޮތަށް، އެކި ޓީވީ ޗެނަލްތަކުން ވެސް އެބަ ރިޕޯޓްތައް ގެނެސްދޭ [އެކަމާ ބެހޭގޮތުން]. ދެން އަޅުގަނޑަށް އެއީ މައްސަލައެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭގެ ފަހުން ސައީދު ތަކުރާރުކޮށް އެމްޑީޕީއަށް ފާޑުވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެ އަށް އާމްދަނީ ވަންނާނެ އެއްވެސް އާ ކަމެއް އެމްޑީޕީގެ ސަރުކާރުތަކުގައި ކޮށްފައެއް ނެތެވެ. އެއާ އެކު، ރާއްޖޭގެ ދަރަނި 125 ބިލިޔަން ރުފިޔާ އަށް އެރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އަމީން، މިނިސްޓަރު ސައީދުއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް
އެ ސުވާލުތަކަށް ގޮން ޖައްސަވައި މެމްބަރު އަމީން ފައިސަލް ސުވާލު ކުރެއްވީ 125 ބިލިއަން ރުފިޔާގެ ދަރަނީގެ އެއްވެސް މިންވަރެއް ސައީދު ކުރިން ވަޒީރަަކަށް ހުންނެވި ޕީޕީއެމްގެ ސަރުކާރުގެ ދުވަސްވަރު އުފެދިފައި ވާނެ ތޯ އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ސައީދު އެހެން ވާހަކަތަކެއް ދެއްކެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އިންޓަވިން ކުރެއްވި އެވެ.
އެމްޑީޕީގެ މެންބަރުންނަށް ސިޔާސީ ގޮތުން ރައްދު ދެއްވަން ސައީދު ދެއްކެވި އަނެއް ވާހަކައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ޒަމާނީ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެ ޕާޓީގެ ވެރިކަމުގައި އެއާޕޯޓް ހަވާލުކުރި ކުރުމެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެގޮތަށް ކަންތައް ކުރީ އެއާޕޯޓް ބޮޑުކުރަން ޖެހޭ ކަމަށް އޭރުގެ ސަރުކާރަށް ގަބޫލު ނުކުރެވިގެންނެވެ.
"މި ބޭފުޅުންނެއް އެ ދުވަހު ގަބޫލެއް ނުކުރިއޭ ދެވަނަ ރަންވޭއެއް ހުޅުލޭގައި އޮންނަ ޖެހޭނެ ކަމަކަށް. އެހެންވީމާ ނޫންތޯ ކުރިން އައި ޖީއެމްއާރުން އައިސް އެ ތާނގައި ކުނި ވަޅުލާފައި އޮތީ. އެ ދުވަހު އަޅުގަނޑުމެން އެ ވާހަކަ ދެއްކީމާ އެެމްޑީޕީން ބުނީ މި ދިވެހިރާއްޖެ އަށް ކޮން ދެވަނަ ރަންވޭއެއް ހޭ ބޭނުންވަނީ،" ސައީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހއްމަދު ނަޝީދު ފެއްޓެވި ފްލޯޓިން ސިޓީ މަޝްރޫއު އާއި އެ ޕާޓީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވަން އުޅުއްވި ފްލޯޓިން ހޮސްޕިޓަލް މަޝްރޫއު ވެސް ކާމިޔާބު ނުވެ، ފެއިލް ވެފައިވާތީ ސައީދު އެ ކަަމަށް ވެސް ހަޖޫ ޖެއްސެވި އެވެ.
އޭނާ ވިދާޅުވީ ފްލޯޓިން ސިޓީގެ އެއް ރޫމް ހުޅުމާލޭ ފަރަށް މިހާރު އުރިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހެން
29 October 2025
"އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެ އަށް އާމްދަނީ ވަންނާނެ އެއްވެސް އާ ކަމެއް އެމްޑީޕީގެ ސަރުކާރުތަކުގައި ކޮށްފައެއް ނެތެވެ." ސައީދަށް ދަންނަވާލަން އޮތީ އެމްޑީޕީ އިން ރާއްޖެއަށް ތަޢާރަފްކުރި ޓެކްސް ނިޒާމުން ދައުލަތަށް ވަންނަ ފައިސާއިން ސަރުކާރު ހިންގަމުންދާ އިރު، ރޯމާ ދުވާލު އެންމެން ކުރިމަތީ ތިފަދަ ބުހުތާނު ދޮގު ހަދަން ހަމަ ޖެހިލުން ނުވަނީތޯއެވެ؟
1206
28 October 2025
ސިޔާސީ މީހުން ކުރާ ސިޔާސީ ސުވާލުތަކަށް ވަޒީރު ބޭފުޅުން ސިޔާސީ ރައްދު ދެއްވުން އެއީ ހަމަ ޖާއިޒް ކަމެއް.
ހަމްދާ
28 October 2025
ކޮބާ ސިޔާސީ ސުވާލަކީ
ދޫރެސް
28 October 2025
ސިޔާސީ ވައުދުތަކަށް ކުރާނީ ސިޔާސީ ސުވާލެވެ. އެހެނެއްނޫން، ވައުދުތަކާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި އަދި އެކަން ތަންފީޒުކުރާނަމަ، އެ ސިޔާސަތުތަކާއި ގުޅޭގޮތުން އޮށްޓަރުހުރި ސުވާލުކުރެވިދާނެއެވެ. ހަގީގަތަކީ، ސިޔާސީ ވައުދުތައް ނުފުއްދެއެވެ. ސިޔާސަތެއްނެތެވެ. ތަންފީޒެއްނުވެއެވެ. އެހެންވީމާ، ސިޔާސީ ސުވާލުނޫން އެހެން ކޮން ސުވާލެއްތޯ ކުރާނީ ޖަވާބުދާރީކުރުމަަށް؟ ބަންކަރިންގ އަދި ތިޔަ ބޭންކަކީ އެތައް ހާސް ހޮޅި ވައުދުތަކުގެ ތެރެއިން އެންމެ ދެކަމެވެ.
ބްރޯކަން ސިޓީ
28 October 2025
ކުރީ ދުވަހަކު ޔޫޓިއުބުން މި ފެންނަނީ ދުނިޔޭގެ ބިޔަ ޕްރޮޖެކްޓްތަކޭ ކިޔައިފަ މީހަކު ހުށަައަޅައިދޭ ސީރީސްތަކެއްގެ ތެރެއިން މޯލްޑިވްސްގެ ފްލޯޓިންގ ސިޓީ ޕްރޮޖެކްޓް. މަހުރީ ހަމަ ކޮސްވެފަ. އާނފަހެ އަހަރެމެން މިތާ އުޅެ މުސްކުޅިވާ މީހުނަށް އަދިވެސް ނުފެނޭ އެބުނާ ސިޓީއެއް. އެނގޭ މީހަކު އަޅެ ބުނެދީބަލަ އެ އޮންނަ ތަނެއް.
ލެއްގިކޮމިޝަނަރ
28 October 2025
މިނިސްޓަށ ސައީދުގެ ވާހަކަވަރަށް ބަރާބަރު. ދަނގަޑު ކެޑޭނީ ދަނގަޑުންނޭ ބުނާހެން އެމްޑީޕީ ސައިޒުކުރެވޭނީ ވެސް އެމީހުނަށް ވުރެއް ބޮޑަށް ނުލަފާވެގެން. މުޅި ދިވެހިރާއްޖެ ދަަރުވާލާ، ކަނޑުފަޅުން ގޯތިބަހާލާ، އިންދިރާ ޕުރޮޖެކުޓުން ލިބުނު ލާރިގަނޑު ޕަކަޅާ ކޮށްލި ގުރޫޕަކީ އެމްޑީޕީ. ގޭދޮށު މަސްފެކްޓަރީއޭ، އޮފްޝޯ ޕުލެޓްފޯމޭ ކިޔާ ބައިސާކަނޑާފަ، މަސްވެރިންގެ ލާރިކޮޅުވެސްނުދީ ވެރިކަމުން ފައިބައިގެންދިޔަ ދޮގުވައުދު ޕާތީއަކީ އެމްޑީޕީ.
ކުޑޫސް
28 October 2025
މި ވަޒީރަކީ މުސާރަޝީޓަށް ވިޔަފާރި އާމުދާނީ އަދި ހަރަދުލާ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ދެން ތިޔަ ބޭފުޅުން ވިސްނާލައްވާ އިގްތިސޯދާއި އަދި މާލީކަންކަމާއި ގުޅޭގޮތުން މި ވަޒީރަށް ކަންކަން އިނގިވަޑައިގަންނަވާނޭ މިންވަރު.
އިސްމާލު2.0
28 October 2025
އާމުދަނީ ހޯދާނެ އިތުރުގޮތެއް މިދިޔަ ސަރުކާރުން ކޮށްފައި ނެތޭ ވިދާޅުވާއިރު، މި ސަރުކާރަށް މިއަދު ލިބޭ ހަމައެކަނި އާމުދަނީ އަކީ އޭރު ބޮޑުކުރި ޖީއެސްޓީ، ޓީޖީއެސްޓީ އަދި އެއަރޕޯޓު ފީތަކުން ލިބޭ ލާރިއެވެ. އިމްޕޯޓު ޑިއުޓީ ދުވަހަކު ނުދާހާ ދަށަށްގޮސްފިއެވެ. ވިޔަފާރި އާމުދަނީ ލިބޭ ޓެކްސް ހުރީ މިދިޔަ އަހަރަށްވުރެ ދަށުގައިއެވެ. އިމްޕޯޓު ޑިއުޓީން ބޮޑު ބައެއް ގެއްލެނީ އަމިއްލައަށް ފޭހުން އިލޮށްޓަކާއޮ ހެދިއެވެ. ކަނޑަލާނަމޭ ބުނި ކޮތަޅު ޓެކްސް އަދިވެސް ނަގައެވެ.
ކޮމޮޑަސް
28 October 2025
މިވެނިކަމެއް އެވެނިކަމެއް ކުރާނެކަމަށް އަދި ވާނެކަމަަށް ބުނުމަށްފަހު، އެކަމެއް އެގޮތަށް ނުވަނީ ކީއްވެގެންތޯ ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެންބަރުން ސުވާލު ކުރީމާ، އޭގަ އޮތީ ސިޔާސީ ސުވާލެއްތޯ ނޫނީ ޖަވާބެއްތޯ ބެލުމަކީ މުހިންމުކަމެއް ނޫނެވެ. ސިޔާސަތުތަކާއި ގުޅޭގޮތުން ކުރާނީ ސިޔާސީ ސުވާލެވެ. ޕޭޕަލް އާއި ފައިނެންޝަލް ސެންޓަރާއި، ޑިވެލޮޕްމަންޓް ބޭންކާއި އަދި ބަންކަރިންގ އަކީ މެންބަރުން ރައްޔިތުންނަށް ދައްކައިގެން އުޅޭ ހުވަފެނެއް ނޫނެވެ.
ޢެޑްމުންޑޯ
28 October 2025
ސިޔާސީ ސުވާލުތަށް ހަމަ ދޭންޖެހޭނީ ސިޔާސީ ރައްދު ، އެކަމަކު މިސައީދަކީ ބޭކާރު ފޮނިސަޅިބައިސާ ކަނޑާ ވަޒީރެއް
ދާލު
28 October 2025
ސަރުކާރުގެ މިނިސްޓަރަކީ ސިޔާސީ މީހެއް އޭނަޔާ ކުރާނީ ސިޔާސީ ސުވާލު، އޭނާ ކުރަނީ ސިޔާސީ މިސައްކަތް ބުނެދޭނީ ސިޔާސީގޮތުން އެކަމެއް އޮތް ގޮތް