ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނައި ކަމަށް ޚަލީލް ވިދާޅުވީ ނަފްރަތު އުފައްދަން: ނަޝީދު

ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ދެއްކެވީ ފިތުނަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އިސްލާމް ދީނަށް ފުރައްސާރަކުރާ ޖަމިއްޔާއަކުން ހދ. ހަނިމާދު އާއި ސ. ހިތަދޫގައި ވޯކްޝޮޕްތަކެއް ބާއްވައި، އޭގެ ބައިވެރިންނަށް ލާދީނީ ވާހަކަތަކެއް ވިސްނައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޖަމިއްޔާ ގެނައީ ނަޝީދުގެ އެހީތެރިކަމާ އެކުގައި ކަމަށް ޚަލީލް ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޚަލީލްގެ ތުހުމަތުތަކާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާ އަކުން މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ މަނިކުފާނުގެ އެހީތެރިކަމާ އެކު، އެ ފަދަ ޖަމިއްޔާތައް ގެންނަ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ޚަލީލް ހެއްދެވީ ދޮގެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ޓުވީޓް

އޭގެ ބޭނުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފެއްދުމެވެ.

ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ހުށަހެޅުމުން އެކަން އިސްލާމިކް މިނިސްޓްރީން ވަނީ ބަލަން ފަށައިފަ އެވެ. އެކަމަކު، އަދި އެކަމާ މެދު އެ މިނިސްޓްރީން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ދީނާ ޚިލާފު ވާހަކަ ދެއްކި ކަމަށް މަހެއްހާ ދުވަސް ފަހުން ފާޑުކިއުން އަމާޒުކުރިއިރު، އެ ބައްދަލުވުމުގައި ފުލުހުންނާއި ކައުންސިލަރުންނާއި ޓީޗަރުން ވެސް ބައިވެރިވި އެވެ.

މި ވޯކްޝޮޕްގެ ވާހަކަ ތިލަކުރުމުން، އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ މަޖިލީހުން ބަލައި ނުގަތުމަށް، މަޖިލީހުގެ ރައީސް ނަޝީދު ނިންމެވުމުން، އިދިކޮޅު ޕީޕީއެމުން ބުނެފައި ވަނީ މަޖިލީހުން ދެކެނީ އެ މައްސަލަ އަކީ ހަރުކަށި ވިސްނުމުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ މައުލޫ އަށް ވާހަކަ ދައްކަން، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުން ބޭނުން ނުވާ ކަމަށެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، އިސްލާމްދީނާ ގުޅުން ހުރި ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގައި މިހާރު ނުދެއްކޭ ކަމަށެވެ.