ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ހުދުމުހުތާރު، ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް ކަމަށާއި އެހެންވެ އެކަން އިސްލާހު ކުރެއްވުމަށް އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.


އެ ސިޓީގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ ގޮތުގައި އިދިކޮޅު ކޯލިޝަން އޮތް އިރު، އެ ބޭފުޅުންގެ އަޑު ކަނޑުވައިލައި، ނަޝީދު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާތީ ކަންބޮޑުވާ ކަމަށެވެ.

އިދިކޮޅުން ވަނީ މަޖިލީހުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ބައެއް މެމްބަރުން ލައްވައި، އެކި ކަހަލަ ޖެއްސުން ކުރުމާއި އިދިކޮޅުގެ އަޑު އިއްވަމުން ގެންދަވާ މެމްބަރުންނަށް ހަމަލާދިން ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. މި ކަންކަން ހުއްޓުވައި އިދިކޮޅު މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދުމުން ވެސް އެކަމަށް ނަޝީދު ހައްލެއް ހޯއްދަވައި ދެއްވާފައި ނުވާ ކަމަށް ވެސް ސިޓީގައި އިދިކޮޅުން ބުންޏެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން، ރިޔާސަތުން ނަޝީދު އިއްވެވެމުން، ޝިޔާމް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން އޭނާ ނެރުނީ އެމްޑީޕީގެ މެމްބަރުން އިސްވެ ތިއްބަވައިގެންނެވެ. އެ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާކޮށްފައިވާ ކަަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ބަލަން އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ނިންމައިފަ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ނަޝީދު ވަނީ ގާނޫނު ހެދުމުގެ އިތުރަށް ތަންފީޒު ކުރުމުގެ ބާރު ވެސް މުށުތެރެއަށް ލައްވައިފަ އެވެ. މުޅި ޝަރުއީ ނިޒާމާއި ކޯޓުތައް ވެސް އެ މަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، ފުލުހުންގެ މުއައްސަސާއާ މެދު ވެސް އެގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު އެ ދެ ޕާޓީން ނަޝީދަށް ކުރެ އެވެ. އެހެންވެ، އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ވެ އެވެ. މި ހުރިހާ ކަމެއް ވެސް އިދިކޮޅުން ސިފަކޮށްފައި ވަނީ ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި އަދި ވަރަށް ހުދުމުހުތާރު އަމަލުތަކުގެ ގޮތުގަ އެވެ.

މުޅި ޝަރުއީ ނިޒާމާއި ކޯޓުތައް ވެސް އެ މަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، ފުލުހުންގެ މުއައްސަސާއާ މެދު ވެސް އެގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅުން ނަޝީދަށް ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލާ ގުޅޭ ގޮތުން އިދިކޮޅުން ބުނީ، އެ ބިލުން ފުލުހުންނަށް ރަނގަޅު ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކޮށްދެއްވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ފުލުހުންގެ ބިލެއް މަޖިލީހަށް ހުށަހަޅައިގެން، އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން މަސައްކަތް ކުރަނީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ދިޔަ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އޮއްބައި ލުމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ދިވެހި ދެ ފިރިހެނަކު ކުރިން ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލާފައިވާއިރު، އެ ތަނުން އެކަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރެއްގެ ފިރިމީހާ އެވެ. އެހެންވެ، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމުގެ ތުހުމަތު އިދިކޮޅުގެ އިތުރުން ބައެއް އާންމުން ވެސް ދަނީ ކުރަމުންނެވެ.

އިދިކޮޅުން ބުނީ ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ނުކުޅެދި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ފުލުހުންގެ ބިލަކީ މި ހުރިހާ ކަމަކުން ރައްޔިތުންގެ ސަމާލުކަން ގެއްލުވާލަން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.