ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބާގެ ތާރީޚުތައް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 މާޗް 2020 - 07:46
ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާ އަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް އަބޫބަކުރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސައީދު ވަނީ، ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމް ދީނާ ހިލާފު ވޯކްޝޮޕްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލާފައިވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެ މައްސަލަ މަޖިލީހަށް އިއްޔެ ފޮނުވީ، ހދ. ހަނިމާދު އާއި އައްޑޫގައި، ދީނާ ހިލާފު ވޯކްޝޮޕްތަކެއް ނަގައިދިން ކަމަށް ބުނެ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށެވެ. އެކަމަކު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް، ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ.
މި އަށް ވުރެ ކުދިކުދި މައްސަލަތައް ވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު، މަޖިލީހަށް އެޖެންޑާކޮށް، ބަހުސް ކުރިޔަސް ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނާ މައްސަލަ އެޖެންޑާ ނުކުރުމުން ނަޝީދަށާއި މަޖިލީހަށް ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ.
ދީނާ ޚިލާފު ވާހަކަތަކެއް ދައްކައި، ރަށްރަށުގައި ވޯކްޝޮޕްތަކެއް ބޭއްވިކަމުގެ ޝަކުވާ ލިބުމުން އެކަން އިސްލާމިކް މިނިސްޓްރީން ވަނީ ބަލަން ފަށައިފަ އެވެ. އެކަމަކު، އަދި އެކަމާ މެދު އެ މިނިސްޓްރީން ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ރޭ ވިދާޅުވީ، އެމްޑީޕީގެ ބާރު އޮތް މަޖިލީހަކުން، ދީނާ ގުޅޭ އެ ފަދަ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މާދަމާ ނޫނީ އަނެއް ދުވަހުން އެ މައްސަލަ ހުށަހެޅިޔަސް ބޭރުކޮށްލާނެ ކަމަށެވެ. އަދި އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ހުށަހެޅުމުން އެ ބޭރުކޮށްލަން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ކުރިން ވެސް އޮތީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ހަނު ހުންނަވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސައީދު ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "ކިތަންމެ ބާރަށް ބަޔަކު އެއްޗެއް ކިޔަސް، އެ މަނިކުފާނު ކަހާތަން ވެސް ހިރުވާ ނުލައްވަ" އެވެ.
"ރައީސަށް ހީނުވޭ ކަމެއް ވެގެން އުޅޭހެން ވެސް. ބޮޑު މައްސަލައަކަށް ވެގެން އެ ވާހަކަ ބަޔަކު ދެއްކިޔަސް، ނުދެއްކިޔަސް ވާކަމެއް ނެތް،" ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނާ މައްސަލަ މަޖިލީހުން ދެކެނީ ހަރުކަށި ވިސްނުމުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ މައުލޫ އަށް ވާހަކަ ދައްކަން މެމްބަރުން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް މިހާރު ރާއްޖޭގައި އޮތީ، ދީނާއި ދައުލަތް ވަކިވެފައި ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ.
"ރައީސަށް ހީނުވޭ ކަމެއް ވެގެން އުޅޭހެން ވެސް. ބޮޑު މައްސަލައަކަށް ވެގެން އެ ވާހަކަ ބަޔަކު ދެއްކިޔަސް، ނުދެއްކިޔަސް ވާކަމެއް ނެތް،" ސައީދު
ސައީދު ގަބޫލު ކުރައްވާ ގޮތުގައި އެކަމަށް ހައްލު ގެނެވޭނީ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީން މިނިވަން ކޮށްގެންނެވެ. އެހެންވެ، އެ މަނިކުފާނުގެ ދިފާއުގައި އެންމެން ވެސް ތެދުވުމަށް އެދިވަޑައިގަތެވެ.
އެނގިފައިވާ ގޮތުގައި، ހަނިމާދު އާއި އައްޑޫގައި އެ ވޯކްޝޮޕްތައް ބޭއްވީ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުންނެވެ. އެ ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. ވޯކްޝޮޕްތަކުގައި ސްކޫލް ކުދިންނާއި ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލަޑައިވް
04 March 2020
ތީ ހަމަ ހުސް ދޮގު. އައްނި ވަރެެއް އަދިވެސް ނެތް. އިރާދަ ކުރެއްވިއްޔާ ރައްޔިތުންނަށް މިނިވަން ކަން ހޯދާދޭނެ. ބޯދާ އިހުޒަމާނުގެ ވިސްނުމުން ދިވެހިން ހޭވެރި ކުރުވާ ފިކުރުގަ ހުރި ބޯދާ ތަޅުތައް ނައްޓާ ދިވެހިންނަަށް ހަގީގީ މިނިވަން ކަމާ ހަމަޖެހުން ހޯދަދޭނެ ވެރިޔަކީ އައްނި
އިބުރާ
04 March 2020
އިސްލާމީ ވެރިކަމެއްގައި އެތަނެއްގަ ދީނީ ވާހަކަ ނުދައްކާ އެއްވެސް ތަނެއްގައި ބަރަކާތެއް ހެވެއްނުވާނެ!
މޯޑް
04 March 2020
ކޮންމެ އިންތިހާބަކަށް މި ބައިގަނޑް ނަގާނެ ދީން. އެކަމް ނޭގެ މީން މީހަކު މިސްކިތަށް އަރާ ނަމާދެއް ކޮށްލި ދުވަހެއް ހަނދާން ހުންނާނެ ކަންވެސް.
އާރީ
04 March 2020
ކަލޭމެން ދޮގާ މަކަރާ ހަދައިގެން ބޭނުންހާ ވާހަކައެއް ދަށްކަށް އޮތް ތަނެއް ނޫނޭ މަޖިލީހަކީ. ތިހާ ދަށްކާ ހިތްވަންޏާ ފީފީއެމް އޮފީސް ތެރޭ އިންނަ ފިނިކޮޓަރީ ތިވާހަކަ ދަށްކާ.
ދޮންދީދީ
04 March 2020
ސްޕަރ މެޖޯރިޓީއަކަށްވެސް ބޭނުންހާ ވާހަކައެއް ނުދެއްކޭނެ
ޙުސަންބޭ
04 March 2020
މަޖިލީހަކީ ދީނީވާހަކަ ދައްކަންއޮންނަތަނެއްނޫނޭ ސައީދޫ.
ފޮނިކަ
03 March 2020
ކޮބާ ހީވެ ކަމެއްހން
ބޯވަ
03 March 2020
ދެ ބަހުން އެއްބަހަށް ދީނޭ ގައުމޭ ކިޔައިގެން ކޮން ކަމެއްތޯ؟ ދީން ވަރަށް ރަގަޅަށް މި މީހުން ހިމާޔަތްކުރިތޯއެވެ. އެތައް ބަޔަކު ސީރިޔާ ގޮސް ދުނިޔެ ދޫކޮށްދާން ދޫކޮށްލުމަކީ ދީން ހިމާޔަތްކުރުން ހެއްުޔެވެ.
މަލާކާ
04 March 2020
ދީން ހިމާޔަތް ނުކޮއް އަހަރުމެންނަށް ހިމާޔަތެއްނެތް. ﷲ އަހަރުމެން ދީންމަތީ ލަހައްޓަވާށީ
ކާސިމު
03 March 2020
އެމްޑީޕީ ވެރިކަމެއްގައި މިނޫން ވަރެއް ހަމަ ނުވަނީތަ. ދީން ބަދަލުކުރުމާއި އެހެންދީންތައް ގެނައުން ނޫންކަމެއް ނޭންގެނީތަ... ތަނުގެ ހަމަ ޖެހުމަށް އަރައިގަންނަން މަސަކަތްކރުން ކަމަކީ
ކަތްދައްތަ
03 March 2020
ސިޔާސީ އެއްވެސް މީހަކީ "ދީން" ދެކެ ލޯބިވާނެ އަދި ވެވޭނެ ބައެއްވެސް ނޫން. އެމީހުންގެ މަސައްކަތް ބިނާ ކުރަނީ "ދުނިޔެ"އަށް. އެހެންވެގެންތާ ރޭގަނޑެއްގެ ބަކުޅަބައެއްގައި ޕީޕީ މެންބަރުން ރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުކޮށް ބޭރުމީހުންނަށް "ފްރީ ހޯލްޑް"އަށް ބިން ދޫކުރަން ނިންމީ. ދީން ހިމާޔަތް ކުރަން އުޅޭ ބަޔަކު ޤައުމުގެ ބިމަކާ ނުކުޅޭނެ. ފަލަސްތީނު ކަޝްމީރު ޗައިނާ ބޯލްކަން އަދި އެނޫންވެސް ތަންތަނުގައި މުސްލިމުން ނިކަމެތިވީ ބިން ދޫކޮށްލުމުން.
ހަމަ އަހާލީ
03 March 2020
ވަރަށް ގިނައިން އިވޭ ބަހެއް (ކަހާތަން ހިރުވާވެސްނުލާ) މިބަސްމީ (ހިރުވާތަން ކަހާވެސް ނުލާ) މިއެއްނޫންތަ ރަނގަޅުގޮތަކީ؟ މިކަން ސާފުކޮށްލަދީބަލަ