މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބު މަރުކަޒު ދޮށަށް މިއަދު އެއްވެ، އަޑުގަދަކުރަމުން ދަނިކޮށް އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން، އެ ސަރަހައްދުގެ މަސްރަހު ހޫނުވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުންްނަވައި، "މިހާރު" އަށް މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ހުށަހަޅާ ޝަކުވާތަކަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވޯޓު އަލުން ގުނަނީ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށެވެ. އެކަމަކު، ގާތްގާތުން ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވަނިކޮށް، މިފަހަރު ވޯޓު އަލުން ގުނަން މަސައްކަތް ކުރަނީ ވަގުތީ ނަތީޖާ އިއުލާންނުކޮށް ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރަން އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު ކައިރިއަށް އިދިކޮޅުން މިއަދު އެއްވާން ގަޑި ކިޔައިފައިވަނިކޮށް، ނަޝީދާއި އެމްޑީޕީގެ އިސްވެރިން އެ ސަަރަހައްދަށް ވަޑައިގަތުމަކީ މަސްލަހަތު ގެއްލުވައިލަން ކުރެއްވި ކަމެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.
އިންތިހާބީ މަރުކަޒަށް ނަޝީދު ވަޑައިގެންނެވިއިރު އެ މަނިކުފާނާ އެކު ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ހުންނެވި އެވެ.
މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު އެތަނަށް ވަޑައިގަތީ ޓީ4 ގެ ވޯޓުފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީގެ އިދާރާ ތެރެއަށް ވަދެގަނެ ބައިގަޑިއިރު ވީ އިރު ވެސް ނުނުކުންނެވުމުން ކަމަށެވެ.
"އީސީގެ އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީގެ އިދާރާ އަށް ވަދެވިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވާގޮތުން އެ މަނިކުފާނު ހުންނެވީ އިންތިހާބާ ބެހޭ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައްވައިގެންނެވެ.
ހަމަނުޖެހުމަށް ފަހު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގި ކަމަށް ވެސް ބުނެފައިވެ އެވެ.
"އެއީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް މިޕާޓީން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އީސީން ވޯޓު އޮޅުވައިލިކަމުގެ ތުހުމަތު އިދިކޮޅުން ކުރަނިކޮށް، އެ ސަރަހައްދަށް ނަޝީދު ވަޑައިގަތުމާ އެކު އިދިކޮޅުގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް ކުރިމަތިވި އެވެ. އެ ސަރަހައްދު ހޫނުވުމާއެކު ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައި ކަމަށް އެނގިފައިވެ އެވެ. އެސްއޯ ފުލުހުން ތިބީ އިންތިހާބީ މަރުކަޒުގެ ތެރެއަށް މީހުންނަށް ނުވަދެވޭ ގޮތަށް ގޭޓް ކައިރީ ސަފު އަތުރާލައިފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ކުރިން ތާއީދު އޮތް ބައެއް ދާއިރާތަކުގެ ގޮނޑިތައް ވެސް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވަނީ ގެއްލިފަ އެވެ. ހާއްސަކޮށް މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނީ ޕީޕީއެމަށެވެ. މީގެ ކުރިން އެއީ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކައުންސިލެކެވެ.