ލައިފްސްޓައިލް / ދީން

ކައިވެނީގެ އަގުދުގައި އިތުރު ޝަރުތުތައް ހިމެނުން

ކައިވެންޏަކީ ވަރަށް މުހިންމު އަދި އެހާމެ މުގައްދަސް ގުޅުމަކަށް ވާތީ އިސްލާމް ދީނުގައި ކައިވެންޏާ ގުޅޭ ވަރަށް ގިނަ ހުކުމްތައް ޖުމްލަކޮށް ނުވަތަ ތަފުސީލުކޮށް ބަޔާންކޮށްފައި ވެއެވެ. މިފަދަ ބައެއް ކަންކަމަށް ކުރީގެ ބައެއް ލިޔުންތަކުގައި އަލިއަޅުވާލާފައި ވާނެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ކައިވެނީގެ އަގުދުގައި އިތުރު ޝަރުތު ހިމެނުމުގެ ހުކުމްތަކުގެ މައްޗަށެވެ.

ހުއްދަ ވާނެ އަދި ނުވާނެ ޝަރުތުތައް

ކޮންމެ އަގުދެއްގައި ވެސް އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުވާ ޒިންމާތަކެއް ހުރެ އެވެ. އެ ޒިންމާތައް ވަނީ ދެން ތިބި ފަރާތްތަކުގެ ހައްގުތަކެއްގެ ގޮތުގަ އެވެ. ކައިވެނީގެ އަގުދު ކުރުމުންވެސް ޝަރުއީ ގޮތުން ލާޒިމުވާ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ދެފަރާތުން ވެސް އަނެއް ފަރާތަށް އަދާކުރަން ޖެހޭ ޒަވާޖީ ހައްގުތައް ހިމެނެ އެވެ. މި ހައްގުތައް އަދާކުރުމަކީ އަނެއް ފަރާތަށް ލާޒިމުވެގެންވާ ކަމެކެވެ. މިސާލަކަށް ކައިވެނީގެ ޚަރަދުބަރަދު ދިނުން ފިރިންގެ މައްޗަށް ލާޒިމު ވެ އެވެ. ﷲ އަށް އުރެދުމެއް ނުވާ ގޮތުގައި ފިރިމީހާ ކުރާ އަމުރުތަކަށް ކިޔަމަން ވުމާއި ފިރިމީހާގެ އިޒުނަޔާ ނުލައި އެހެން މީހަކު ގެޔަށް ނުވެއްދުން އަނބިމީހާ އަށް ލާޒިމުވެ އެވެ. އެއްދާން ކުރަން ފުރުސަތު ދިނުމާއި ހެޔޮގޮތުގައި އަނެކާ އަށް މުއާމަލާތު ކުރުމާއި އަނެކާގެ ހައްގަކަށް އަރައިނުގަތުން ދެމީހުންގެ މައްޗަށް ވެސް ލާޒިމުވެ އެވެ. މި ނޫން ވެސް ޒަވާޖީ އެހެން ހައްގުތައް ވެ އެވެ. މި ހައްގުތައް ހޯދުމަށް ކައިވެނީގެ އަގުދުގައި ޝަރުތު ކޮށް ކޮންމެހެން ލިޔާކަށް ނުޖެހެ އެވެ. ޒަވާޖީ ހަޔާތެއް ކުރިއަށް ގެންދިއުމަށްޓަކައި ދެން އިތުރު ކަންތައްތަކެއް އަގުދުގައި ނުހިމެނިޔަސް ކައިވެނި ކާމިޔާބު ވެސް ކުރެވިދާނެ އެވެ.

މިކަން މިހެން އޮތް ނަމަވެސް ދެމަފިރިން ކުރެ ކޮންމެ މީހަކަށް ވެސް ޒަވާޖީ ހަޔާތުގައި ރާހަތާއި ހަމަޖެހުމާއި އުފާވެރިކަން އިތުރަށް ލިބިގަތުމަށްޓަކައި ނުވަތަ ޒަވާޖީ ހައްގުތައް އިތުރަށް ކަށަވަރު ކުރުމަށްޓަކައި ދީނީ ގޮތުން މަނާ ނުވާނެ ކަންކަން، އިތުރު ޝަރުތު ތަކެއްގެ ގޮތުގައި އަގުދުގައި ހިމެނިދާނެ އެވެ. އިތުރު ކުރެވިދާނެ ޝަރުތުތަކާއި ނުކުރެވޭނެ ޝަރުތުތައް އޭގެ ހުކުމް ތަކާ އެކު އިލްމުވެރިން ބަޔާން ކުރައްވާފައި ވެ އެވެ.

ކައިވެނީގެ އަގުދުގެ ސަބަބުން ލާޒިމުވާ، ކުރިން އިޝާރާތް ކުރި ޒަވާޖީ ހައްގުތަކުން ވަކި ހައްގެއް ލިބިގަތުން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އޭގެ ތެރެއިން ކަމެއް ނުވަތަ ކަންތައް ތަކެއް އަގުދުގައި ވަކިން ލިޔެ ޝަރުތު ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. މި ބާވަތުގެ ޝަރުތުތަކަކީ އަގުދުގައި ނުހިމެނިޔަސް އަދާކުރުން ލާޒިމުވާ ކަންކަމެވެ. އެހެންކަމުން މިފަދަ ޝަރުތުތައް އަގުދުގައި ކޮންމެހެން ހިމެނުން ބޭނުން ނުވާނެ ކަމަށް އަނެއްބައި އިލްމުވެރިން ވިދާޅުވެ އެވެ. މިއީ ޝަރުތުތަކުގެ އެއް ބާވަތެވެ.

ޝަރުތުތަކުގެ ދެވަނަ ބާވަތަކީ ކައިވެނީގެ އަގުދުގެ ސަބަބުން ލާޒިމުވާ ކަމެއް މަނާކުރަން ނުވަތަ ދީނީ ގޮތުން ހުއްދަ ނޫން ކަމެއް ކުރަން ޝަރުތު ކުރުމެވެ. މިސާލަކަށް އެއްދާން ކުރުން މަނާކުރަން ނުވަތަ ކައިވެނީގެ ޚަރަދުބަރަދު ނުދޭން ނުވަތަ ފިރިމީހާއާ އެކު، ފާހިޝް ކަމެއް ކުރަން ނުވަތަ ކުރިން މީހަކާ އިނދެގެން ހުރި ނަމަ އޭނާ ވަރިކުރަން ފަދަ ކަންކަން ޝަރުތު ކުރުމެވެ. މިފަދަ ޝަރުތެއް ކައިވެނީގެ އަގުދުގައި ކޮށްފި ނަމަ އެއީ ބާތިލު ޝަރުތެއް ކަމަށް އިލްމުވެރިން އެއްބަސްވެ އެވެ. ނަމަވެސް މީގެ ސަބަބުން ކައިވެނީގެ އަގުދަށް އެއްވެސް އުނިކަމެއް ނުލިބޭނެ ކަމަށް އެބޭކަލުން ވިދާޅުވެ އެވެ.

ޝަރުތުތަކުގެ ތިންވަނަ ބާވަތަކީ އިސްލާމް ދީން މަނާ ނުކުރާ ކަންކަމުގެ ތެރެއިން އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ނުވަތަ ވަލީވެރިޔާ އަށް އެ އިން މަސްލަހަތެއް ލިބި ޒަވާޖީ ހަޔާތަށް އިތުރު ކާމިޔާބާއި ހަމަޖެހުން ލިބިދާނެ ފަދަ ކޮންމެ ކަމެއް ޝަރުތު ކުރުމެވެ. މިސާލަކަށް އަނބިމީހާ އަށް ވަރިކުރުމުގެ ވަކާލަތު (ފިރިމީހާގެ އެ ހައްގު ނުގެއްލޭ ގޮތަށް) ދިނުމަށް ނުވަތަ ދެމީހުން ކުރެ ވަކި މީހެއްގެ ގެއެއްގައި ދިރިއުޅުމަށް ނުވަތަ އަނބިމީހާގެ އިޒުނަޔާ ނުލައި ދެވަނަ އަންބަކާ ކައިވެނި ނުކުރުމަށް ނުވަތަ އަނބިމީހާ (ގޭގެ ވާޖިބުތަކަށް ހުރަސް ނޭޅޭ ގޮތަކަށް) މަސައްކަތް ކުރުމަށް ނުވަތަ މިގޮތަށް އިތުރު ކުރާ ޝަރުތަކާ ޚިލާފުވުމުން އޭގެ ޖަޒާއެއްގެ ގޮތުގައި ވަކި ކަމެއް ކަނޑައެޅުމަށް ފަދަ ކަންކަން ޝަރުތު ކުރުމެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު މިފަދަ ޝަރުތު ހިމެނުން ހުއްދަވާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

ނަމަވެސް މިފަދަ ބައެއް ޝަރުތުތަކުގެ ތެރޭގައި ދީނީގޮތުން ބަލާއިރު ހުއްދަ ކަމެއް ވަކި މިންވަރަކަށް ގައިދު ކުރާ ގޮތަށް ޝަރުތެއް އޮތް ކަމަށް ވާ ނަމަ އެގޮތަށް ޝަރުތު ކުރެވިދާނެ ކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފު އޮވެ އެވެ. ޙަންބަލީ މަޒުހަބުގެ އިލްމުވެރިންނާއި ބައެއް އަޞްޙާބުން ދެކެލައްވާ ގޮތުގައި މިފަދަ ގައިދު ކުރުމެއް ޝަރުތެއްގައި އޮތަސް އެކަމަކީ ދީނީ ގޮތުން މަނާ ކަމަކަށް ނުވާތީ މިފަދަ ޝަރުތު ވެސް ކުރެވޭނެ އެވެ. ނަމަވެސް މިފަދަ ޝަރުތަކުން ހުއްދަ ކަމެއް ގައިދު ކުރެވޭތީ ހަނަފީ މަޒުހަބާއި ޝާފިއީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވަނީ މިފަދަ ޝަރުތު ސައްހަ ނުވާނެ ކަމަށެވެ.

އަގުދުގައި ހިމަނާ އިތުރު ޝަރުތުތަކަށް ވަފާތެރިވުމުގެ ހުކުމް

ކައިވެނީގެ އަގުދުގައި ހިމަނާ ޝަރުތުތަކުގެ ތެރެއިން ފުރަތަމަ ބާވަތުގެ ޝަރުތުތަކަކީ ކައިވެނީގެ އަގުދާ ގުޅިގެން ނުވަތަ މުސްލިމަކަށް ވާތީ ކުރުން ލާޒިމުވާ ކަންކަމެވެ. އެހެންކަމުން އަގުދުގައި މިފަދަ ޝަރުތެއް ހިމެނިޔަސް ނުހިމެނިޔަސް އެއީ އޭގެ ޒާތުގައި ވެސް ކުރުން ލާޒިމު ވާނެ ކަންކަމެވެ. މިފަދަ ޝަރުތު އަގުދުގައި ހިމެނިދާނެ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ގާތުގައި މި ލާޒިމުކަން އިތުރަށް ބޮޑުވެގެން ވެ އެވެ. ސަބަބަކީ ދެ ހައިސިއްޔަތުން އެކަން ލާޒިމުވާނެތީ އެވެ. ޝަރުތުތަކުގެ ދެވަނަ ބާވަތުގެ ގޮތުގައި ފާހަގަކުރި ފަދަ ޝަރުތުތަކަކީ ބާތިލު ޝަރުތު ތަކެއް ކަމަށް ވާތީ އަގުދުގައި އެފަދަ ޝަރުތެއް ހިމެނިޔަސް އެޝަރުތު ފުއްދާކަށް ނުޖެހޭނެ އެވެ. އަދި ކިއެއްތަ، ދީނުގައި އެކަމުގެ ހުކުމަކީ ޙަރާމް ކަމެއް ނަމަ އެ ޝަރުތު ފުއްދުން ހަރާމް ވެސް ވާނެ އެވެ.

ތިންވަނަ ބާވަތުގެ ޝަރުތުތައް ފުއްދުމުގެ ހުކުމަށް ބަލާއިރު، ކައިވެނީގެ އަގުދުގައި މިފަދަ ކޮންމެ ޝަރުތެއް ވެސް ހިމެނިދާނެ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ގާތުގައި މި ޝަރުތުތަކަށް ވަފާތެރިވާން ލާޒިމުވާނެ އެވެ. މީގެ ދަލީލަކީ "ފަރުޖުތައް ހަލާލު ކުރުމަށް (އެބަހީ ކައިވެނި ކުރުމަށް) ކުރެވޭ އަގުދާ އެކު ހިމެނޭ ޝަރުތުތަކަށް ވުރެ އެ އަށް ވަފާތެރިވުން އައުލާވެގެންވާ އެހެން ޝަރުތުތަކެއް ނުވާ" ކަމަށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވުމެވެ. (އަޙުމަދާއި ބުޚާރީ އާއި ހަތަރު ބޭކަލުން). އަދި މުސްލިމުންނަކީ އެ މީހުންގެ ޝަރުތުތަކުގެ މަތީ ތިބޭ ބައެއް ކަމަށް އުމަރުގެފާނު ވިދާޅުވެފައި ވުމެވެ. (ބުޚާރީ). ނަމަވެސް މި ބާވަތުގެ ޝަރުތުތަކުގެ ތެރެއިން ދީނީގޮތުން ހުއްދަ ކަމެއް ގައިދު ކުރަން ލާޒިމުކުރާ ޝަރުތުތައް ކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާ އިލްމުވެރިން (ހަނަފީ އަދި ޝާފިޢީ މަޒުހަބު) ގެ ނަޒަރުގައި މިފަދަ ޝަރުތެއް ކުރުމުން ކައިވެނީގެ އަގުދުގެ ސައްހަ ކަމަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް މިއީ ކޮންމެހެން ވަފާތެރިވާން ޖެހޭނެ ޝަރުތުތަކެއް ނޫނެވެ.

ކޮންމެއަކަސް މި އިޚުތިލާފުތައް އޮތުމުން އެ މީހަކު ތަބާވާ މަޒުހަބެއްގެ ގޮތުން ވަކި ރައުޔެއް ނެގިދާނެ އެވެ. ނަމަވެސް ދަލީލުތަކަށް ބަލާއިރު ފުރަތަމަ ރައުޔަށް (އެބަހީ މިފަދަ ޝަރުތު ކުރުން ހުއްދަ ކަމާއި އަދި އެއަށް ވަފާތެރިވުން ލާޒިމު ކަމަށް ބުނާ ރައުޔަށް) ބޮޑަށް ބުރަވެ އެވެ. ވަކިން ޚާއްސަކޮށް މިފަދަ ޝަރުތަކުން ކަމެއް ގައިދު ކުރަނީ ދިރިއުޅުމުގެ ހަޔާތަށް އިތުރު ބާއްޖަވެރިކަން ގެނައުމަށް ކަމުގައި ވާނަމަ މިފަދަ ޝަރުތު ކުރުން ހަމަ ބޭނުންތެރި އެވެ. އެއީ ކައިވެނި ކާމިޔާބު ކުރުމަށްޓަކައި މުހިންމު ކަމެއް ވެސް މެ އެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބެ

16 February 2025

ރާއްޖޭގަ ޚާއްސަކޮށް މާލޭގަ ދިމާވާ އެންމެބޮޑު މައްސަލައަކީ ކައިވެނިކުރާއިރު ޚަރަދުތައް ބަލަހައްޓާނެގޮތުގެ ޕްލޭނެއް ނެތުން. ކައިވެނީގެ ކުރިން އަނބިމީހާ ބުނަނީ ދެމީހުންވެސް ވަޒީފާއަށްގޮސް ރެންޓް ދައްކާނީއޭ. އެހެނަސް ކައިވެންޏަށްފަހު ހުރިހާ ޒިންމާއެއް ފިރިމީހާ ނަގަން ގާނޫނު ބުނެފަ. އަނބިމީހާއަށް ވަޒީފާއަށް ދިއުމުގެ ފުރުސަތު ދިނުމުން ކާއެއްޗެއް ރޯފިލުވާލާނެ މީހަކުނުހުރޭ. ދެންޖެހެނީ އެކަމަށްވެސް ބޮޑު ޚަރަދުކުރަން.

The name is already taken The name is available. Register?

އަލި

19 February 2025

ދެމީހުންވެސް ވަޒީފާ އަދާކުރަންޔާ އަނބިމީހާގެ އެކަނި ޒިންމާއެއްނޫން ގޭ އެންމެނަށް ކާންދިނުމަކީ

The name is already taken The name is available. Register?

ވ ސަޅި

15 February 2025

މިކަހަލަ ލިޔުން ގިނައިން ނެރުން އެދެން

The name is already taken The name is available. Register?

ލަތީފާ

15 February 2025

ކައިވެނި އަދި އާއިލީ އެހެނިހެން ގުޅުންތަކަކީ ދައުލަތުގެ އެކިއެކި ސިޔާސަތުގެ ސަބަބުން އެ ގުޅުންތަކަށް ހަރުދަނާކަން ނޫނީ ހަލާކު މެދުވެރިވާ ކަންކަމެވެ. މިސާލަކަށް ގެދޮރުގެ ސިޔާސަތު، މަސައްކަތުގެ ވަގުތުގެ ސިޔާސަތު. ގިނަ ދިވެހިން އަދި ސިޔާސީ ވެރިންގެ މިއަދު މިފަދަ ކަންކަމަށް ހަރުދަނާ ވިސްނުމެއް ނެތް. ބާރު، ފައިސާ، މަގާމް، ބިން، އެޕާޓްމެންޓް، ދަރިން، އަނބިން ހޯދުމުގެ ކަނު ރޭހެއްގަ ދިވެހިން ތިބީ ތާށިވެފަ. ކައިވެނި، އާއިލާ ހަރުދަނާކުރަނީ މަދުބަޔަކު.

The name is already taken The name is available. Register?

ކުރުނބާ

15 February 2025

ވަރަށް ރަނގަޅު ލިޔުންތެރިއެއް، މަޛްހަބުތަކުގަ އޮތްގޮތަށް ސުންނީ މުސްލިމުން އުޅުން ވަރަށް މުހިންމު. ކޮންމެ މީހަކީ ޤުރުއާނާއި ހަދީޘް އަމިއްލައަށް ބަލައިގެން ޙުކުމް ނެރެވޭވަރުގެ މުޖްތަހިދު ޢިލްމުވެރިންނެއްނޫން.

The name is already taken The name is available. Register?

އާއްމު މީހާ

15 February 2025

ރާއްޖޭގަ ނެތް މުޖުތަހިދު އިލްމުވެރިޔެއް...ސޮރީ

The name is already taken The name is available. Register?

ޓީންއެއް

15 February 2025

ޝައުބާން މަހުގެ މާތްކަމާއި ބެހޭގޮތުން އާޓިކަލް އެއް ގެނެސްދިނުން އެދެން

The name is already taken The name is available. Register?

ތިނަދޫ ޝައުފާ

15 February 2025

ވަރަށް ރަނގަޅު ލިޔުންކޮޅެއް! ވަރަށް އެއްޗެހި ދަސްވެއްޖެ ކައިވެނިއާ ގުޅޭ ގޮތުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454