އުމަރު މާމޫޝް
16 ފެބުރުއަރީ 2025 - 12:01
ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އުމަރު މާމޫޝްގެ ހެޓްރިކުން 4-0 ން މޮޅުވެ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
އައިންޓްރަކްޓް ފްރެންކްފާޓުން، މިދިޔަ މަހު ސިޓީ އަށް ބަދަލުވި މިސްރުގެ ފޯވާޑް ހެޓްރިކް ހަދައި ސިޓީގެ ސަޕޯޓަރުންްނަށް މިވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. ފުރަތަމަ ހާފު ނިމި ބްރޭކަށް ނުކުތް ސިޓީގެ ސަޕޯޓަރުން ބުނީ މި ސީޒަނުގައި އެވަރުގެ މޮޅު 45 މިނެޓް ސިޓީގެ ފަރާތުން ނުފެންނަ ކަމަށެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ 84 ވަނަ މިނެޓްގައި ޖޭމްސް މެކަޓީ އެވެ.
"މިއީ މުޅި ސީޒަނުގައި ވެސް ފެނުނު އެންމެ މޮޅު 45 މިނެޓް،" ޓީވީގެ މައިކު ދިއްކޮލުމުން ސިޓީގެ ސަޕޯޓަރަކު ބުންޏެވެ.
ފްރެންކްފާޓްގައި ވެސް 20 ލަނޑު ޖެހި ފޯވާޑްގެ ކުޅުމާ މެދު ކޯޗު ގާޑިއޯލާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
އުމަރު މާމޫޝް
"އަހަރެމެންނަށް ކުރިން ވެސް އެނގޭ އޭނާގެ ފެންވަރު. ޖަރުމަނުގައި އޭނާގެ ގޯލްގެ އަދަދުތައް ވެސް ރަނގަޅު. އޭނާގެ އެ ހުރި ފެންވަރުގައި އަހަރެމެންނަށް އެނގޭ ތަފާތު ދައްކާނެކަން. އަހަރެން އުއްމީދު ކުރަނީ ބޮޑެތި މެޗުތަކުގައި ވެސް ތަފާތު ގެނެވޭނެ ކުޅުންތެރިޔަކަށް އޭނާ ވުން،" ގާޑިއޯލާ ބުންޏެވެ.
ޖެނުއަރީ ޓްރާންސްފާގައި ސިޓީ ސޮއި ކުރުވި ނިކޯ ގޮންޒާލޭޒް ވެސް ސިޓީގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުވުން ގެނެސްދިނެވެ. ރޭގެ މެޗުގައި ޓީމުގެ މެދުތެރޭގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.
ބާސެލޯނާގެ އެކަޑަމީގެ ކުރީގެ ކުޅުންތެރިޔާ ނިކޯ ގޮންޒާލޭޒްގެ ކުޅުމާ ރޮޑްރީ ހެނާންޑޭޒްގެ ކުޅުމުގެ ސްޓައިލްއާ ދާދި އެއްގޮތް ކަމަށް ގާޑިއޯލާ ބުންޏެވެ.
"އޭނާ [ނިކޯ ގޮންޒާލޭޒް] އަކީ ކުޑަކުޑަ ރޮޑްރީއެއް،" ގާޑިއޯލް ބުންޏެވެ.
"ރޮޑްރީއާ އޭނާއާ ދެމެދު މޭލެއްހާ ދުރުމިން އެބަހުރި. އެކަމަކު އަހަރެން އުއްމީދު ކުރަން ސީޒަނުގެ ފަހުކޮޅަށް ދާއިރު އޭނާ އަހަރެމެންނަށް އެހީވާނެކަން."
އާސެނަލުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކުރި އެވެ. ދެ ވަނައިގައި އޮތް އާސެނަލްއިން މިހާރު ވަނީ ލިވަޕޫލާ ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.
މިރޭ ލިވަޕޫލުން ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދު ކާޑާ
16 February 2025
ލިވަ 57 ، އާސެނަލް 53 . 4 ޕޮއިންޓް ދޯ.