އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ގުދުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
17 ފެބުރުއަރީ 2025 - 06:40
އީރާނުން ކުރިމަތިވާ ނުރައްކަލުން ސަލާމަތްވާން ކުރަންޖެހޭ "ކަންތައް ނިންމާލާނެ" ކަމަށާއި އެކަން ކުރާނީ އެމެރިކާގެ އެހީ އާއި ތާއީދާ އެކު ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
"އީރާންގެ ޓެރަރިޒަމްގެ ނާރެހަށް މިދިޔަ 16 މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވާނީ ބޮޑު ގެއްލުމެއް ދީފައި. އެމެރިކާގެ ރައީސް [ޑޮނަލްޑް] ޓްރަމްޕުގެ ވަރުގަދަ ޒައާމަތުގައި އަދި ތިޔަ އެންމެންގެ ފުރިހަމަ ތާއީދާ އެކު މި ކަންތައް ނިންމާލެވޭނެ ކަމާ މެދު ޔަގީންކަން އެބަ އޮތް،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ގުދުސްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނަތަންޔާހޫ ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިޒްރޭލުން ވަނީ އީރާނުގެ ތާއީދު އޮންނަ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
ހަމަ މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް އީރާނުން ވެސް ވަނީ ދެ ފަހަރަކު ހަމަލާ ދީފަ އެވެ.
"އީރާނުގެ ނުރައްކަލާ ކުރިމަތިލުމުގައި އިޒްރޭލާއި އެމެރިކާ ތިބީ ކޮނޑާއި ކޮނޑު ޖައްސައިގެން،" ބޮޑުވަޒީރު ބުންޏެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް، ކުރިއެކޭ އެއްގޮތަށް ކުރާނެ ކަމަށް ވިދާޅުވާ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އަލުން އިންތިހާބުވުމާ އެކު ނަތަންޔާހޫ ވަނީ އެކަމާ އުފާ ފާޅުކޮށްފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނަތަންޔާހޫއާ އެކު ވިދާޅުވީ އީރާނަކީ ދުވަހަކުވެސް ނިއުކްލިއާ ބާރަކަށް ނުވާނެ ކަމަށާއި މެދުއިރުމަތީގެ ހަމަނުޖެހުން އުފެދޭ އެންމެ ބޮޑު ސަބަކަކީ އީރާން ކަމަށެވެ.
"ނިއުކްލިއާ އީރާނެއް، ޕްރެޝަރުން ސަލާމަތްވެ، ފިޔަވަޅުތަކުން ރެކެވޭނެ ނިއުކްލިއާ އީރާނެއް ނޯންނާނެ. އެއީ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން،" ގުދުސްގައި ނަތަންޔާހޫއާ އެކު ބޭއްވި ނިއުސް ކޮންފަރެންސްގައި ރޫބިއޯ ވިދާޅުވި އެވެ.
ޣައްޒާއަށް ދެމުން ދިޔަ ހަމަލާތަކާ އެކު ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އީރާނާއި އިޒްރޭލުން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އީރާނުން 200 އެއްހާ މިސައިލް އިޒްރޭލަށް ފޮނުވާލުމުން ރައްދުގައި އެ މަހުގެ 26 ވަނަ ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ ތަންތަނަށް ބޮން އަޅައި، ހަތަރު ސިފައިން މަރާލި އެވެ.
އަދި ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އީރާނުން ވަނީ އިޒްރޭލަށް ޑްރޯން އާއި މިސައިލް ފޮނުވައިގެން ހަމަލާ ދީފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
17 February 2025
އެންމެ ބޮޑީﷲ. މިދުނިޔޭގެ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ހަމަ ﷲ. ﷲ ގެ ކުޑަމިންވަރަކަށްވެސް ތިމީހުނަށް ކެތެއްނުކުރެވޭނެ. ދާދި އިހަކަށްދުވަހު އެމެރިކާގެ ލޮސްއެންޖަލިސްގެ އިބުރަތުން އިބުރަތް ހާސިލްކޮށްބަލަ ކަމެއް ކުރަންޏާ. ބޮޑުބަސްބުނެ ބޮޑާވާމީހުނަށް ހަލާކާ ގެއްލުންހުރި.
ކައުންސެލަރު..
17 February 2025
ކަލޭ ތިޔަހާ މޮޅުނަމަ އެއްވެސް ހަތިޔާރެއްނެތް ފަލަސްޠީނު ރައްޔިތުންގެ ގެދޮރެއް ހަލާކެއް ނުކުރީސް. ކަލޭ ތިޔަހާ މޮޅުނަމަ ޣައްޒާއޭ މިކިޔޭބައި (އެންމެ 345 އަކަކިލޯމީޓަރު ގާތްގަނޑަކަށް ވ. ފޮއްތެޔޮމުލިން ފެށިގެން އަތޮޅުގެ ހުޅަނގުބިތާހަމައަށް) ގެ ކުޑަކުޑަ އޭރިޔާއިން ހަމާސްޖަމާއަތުން ގެންދިޔަ ތަނުން ބަޔަކުނަމަވެސް އަތުވީސް. ތެޅިތެޅިފަވެސް ޖެހޭނީ ހުންނަން. އީރާނަކާ ނުކުޅެވޭނެ. މޮޔަނުވޭ. އެކަންއޮތީ ފެނިފަ
ޖާމިނު.
17 February 2025
އިރާނަށް ހަމަލާދެވޭނީ ޢަރަބި ވެރިންގެ މަދަދު ލިބިގެން. އިރާނަށްދެވޭ ހަމަލާއެއްގެ ސަބަބުން ޢަރަބި ދުނިޔެ އަލިފާންގުޅަޔަކަށްވާނެ. ތިއަ ހަމަލާއެއް ދޭނެކަމާމެދަކު މިހާރު ޝައްކެއް ނެތް. ކުރީދައުރުގަ ވެސް އެކަންނުކުރެވުނީ އެމެރިކާގެ އޭރުގެ ޗީފު އޮފް ސުޓާފް ޖެނެރަލް މާކުމިލޭ އެއްބަސްނުވުމުން. މިހާރުވެސް މާކުމިލޭ މިކަމުގެ ނުރައްކަލާގުޅޭ ވަރައްގިނަ ވާހަކަތައް ތަފާތު ޗެނަލްތަކުގަ އެބަދައްކާ.
ބުރަތޭރީ
17 February 2025
ދުނިޔޭގެ އެންމެ ބޮޑު ދެ ޓެރަރިސްޓް، ނަތަންޔާހޫ ޢާއި ޓްރަމްޕް ގެ ބަސްމަގަކީ މުޅިދުނިޔެއަށްހުރި ނުރައްކަލެއް...އެމެރިކާއާއި އިޒްރޭލުގެ ހުރިހާ އެޖެންސީތަކެއްގެ މަދަދާއި އެހީހޯދުން ހުއްޓާލާ، އެމީހުންގެ އުފެއްދުންތަށް ދޫކޮށް އެހެންގޮތެއްހޯދަމާތޯ. ގައުމީ ފެންވަރުގައިވެސް އަދި ފަރުދީ ފެންވަރުގައި މިގޮތަށް އަމަލްތަށް ބެހެއްޓޭތޯ ބަލަމާ ހިންގަވާ.
އަޅި އަލީ
17 February 2025
ނިންމާލެވޭނެ ނަމަ މިހާރުވެސް އޮންނާނި ނިންމާފަ!
raajje
17 February 2025
ގައްޒާ ސުންނާފަތިކޮށް އެތަނުގެ ރައްޔިތުންގެ އެތައްހާސްބައެއްގަތުލުކޮށްގެންވެސް ބޭނުންވާ އެއްވެސްކަމެއް ހާސިލުނުވެ އިތުރަށްހަނގުރާމަކުރެވެންނެތިގެން މަޖުބޫރުވެގެން ހަނގުރާމަހުއްޓާލަންޖެހުނީމާ ގަތްލަދުފޮރުވަންވެގެން ދަށްކާކޮސްވާހަކަތީ! އެމެރިކާގެ ރައީސްކަމަށް ކަނޑުކޮހެއްއަރާ ކިޔޭނުކިޔޭއެއްޗެއްނޭންގިގެންއުޅުނަސް، ޓުރަންޕު ކުރާނަމޭއެކިޔާއެއްކަމެއްވެސްނުކުރެވޭނެ، މިހާރުވެސް ޓުރަންޕުގެ ސަބަބުން އެމެރިކާގެއެތެރޭގެ ބައިބައިވުންދަނީ އިތުރުވަމުން
ޝަކުވާ
17 February 2025
'ތިންވަނަ ބޮޑު ހަނގުރާމަ' އަށް ތި ޖަހަނީ ބެރު... ސީދާސީދާ އިޢުލާނު ތި ކުރަނީ އިނގޭ...