ދިރާގު ގޭމާސް ގިލްޑްގެ ބައިވެރިން --- ފޮޓޯ/ދިރާގު
17 ފެބުރުއަރީ 2025 - 11:54
ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ގޭމް ކުއެސްޓް ސީސަން 1 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ގޭމިން ފެސްޓިވަލުގައި 400 އަށް ވުރެ ގިނަ ގޭމަރުން ބައިވެރިވި އެވެ. ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ ކޮށްގެން ބޭއްވި ވާދަވެރި އެ ހަރަކާތުގައި ރޮކެޓް ލީގް، އީއެފްސީ 25 ފަދަ ގޭމްތައް ވަނީ ހިމަނައިފަ އެވެ.
ޑީޖީޖީއިން ބުނީ އެ އިވެންޓު ފަރުމާކޮށް ކުރިއަށް ގެންދިޔައީ އަލަށް ގޭމް ކުޅެން ފަށާ ގޭމަރުންނާއި އެންމެ ތަޖުރިބާކާރު ގޭމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ.
ޑީޖީޖީގެ ގޭމް ކުއެސް ސީޒަން 1 ކުރިއަށް ދިޔައީ 30،000ރ. ގެ ޕްރައިޒް ޕޫލްއަކާ އެކު އެވެ. އެ ހަރަކާތަށް އެހާ ބޮޑު ޕްރައިޒް ޕޫލެއް ހުށަހެޅުމަކީ އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމެއްގެ ގޮތުގައި ޑީޖީޖީއިން ސިފަކުރެ އެވެ.
ޑީޖީޖީއިން ބުނީ މިއަހަރަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ފެށުން ވަރަށް ކާމިޔާބު ކަމަށެވެ. އަދި މިއަހަރު އެފަދަ ކުލަގަދަ ގިނަ ހަރަކާތްތަކެއް ރާވާފައި ހުރި ކަމަށް ބުންޏެވެ.
ޑީޖީޖީއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ގޭމާސް ގިލްޑް ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy