ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ: ޓޫރިޒަމާއި އެންވަޔަރްމަންޓް އެއްކޮށްލައި، މިނިސްޓަރަކަށް އޭނާ އައްޔަންކުރަން މަޖިލީހުން ވަނީ ރުހުން ދީފައި --- ފޮޓޯ/މިހާރު
17 ފެބުރުއަރީ 2025 - 11:38
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީ އެއްކޮށްލުމަށްފަހު ގެނައި ބަދަލަށް ރައްޔިތުންގެ މަޖިލީހުން މިއަދު ދީފި އެވެ.
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީ އުފައްދަވައިފަ އެވެ.
އެއްކޮށްލެއްވި މިނިސްޓްރީއަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވަނީ އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހިމެވެ.
މި ބަދަލަށް ރުހުން ހޯދުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރުހުން އޮތް ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެންވަޔަރްމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ތޯރިގު އައްޔަން ކުރެއްވީ ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް ފައިސަލް މިދިޔަ މަހުގެ 28 ގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަކަށް ނުބުނެ އެވެ.
އެންވަޔަރްމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން މި ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 20 އަށް ވަނީ ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy