އިމްތިޔާޒު ފަހުމީ: ގާނޫނުއަސާސީ ހަދައި އިސްލާހު ކުރެވޭނީ މަޖިލީހަށް އެކަނި ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
17 ފެބުރުއަރީ 2025 - 19:54
ގާނޫނުއަސާސީ ހަދައި، އެ އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ޑިމޮކްރެޓްސް ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން ދެއްކި ވާހަކަތަކަށް ތާއިދު ކުރައްވާ މޭރަމަކުން އިމްތިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހެދުމާއި އެ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
އެކަމަށް ބާރު ދެއްވުމުގެ ގޮތުން އެމެރިކާގެ މިސާލެއް ވެސް ގާނޫނީ ވަކީލް އިމްތިޔާޒު ދެއްކެވި އެވެ. އެއީ ބަނގުރާ މަނާކޮށް، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 18 ވަނަ އިސްލާހަށް ފަހު ކަންވީ ގޮތެވެ. ބައެއް ރައްޔިތުންނަށް އެއީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބެލެވުނު ނަމަވެސް، އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގަ އެވެ.
އެކަން ބަދަލުކުރީ ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގާނޫނު ހަދާ މަޖިލީހުން ގެނެސް، ބަނގުރާ ބޭން އުވާލުމުންނެވެ.
"...މާނައަކީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް ކަން،" އިމްތިޔާޒު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން
ނަމަވެސް، މިއީ މުޅި ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމެއް ނޫނެވެ.
އެ މައްސަލައިން ބޭރުވާން ނިންމީތޯ "މިހާރު" އިން ސުވާލުކުރުމުން އިމްތިޔާޒު ވިދާޅުވީ އެގޮތަށް ރަސްމީކޮށް ނުނިންމާ ކަމަށެވެ.
އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު ނިންމަވާފައި އޮތީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށެވެ. އެ ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށާއި ބަދަލުނުކުރާ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފަ އެވެ. އަދި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ތާއިދުކުރާ ކަން ވެސް ހާމަކޮށްފައިވެ އެވެ. އެކަމަކު، މިއަދު އޮތް އަޑުއެހުމަށް އެ ޕާޓީން ހާޒިރުވެފައެއް ނުވެ އެވެ.
މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ވެސް މައްސަލައަށް ތަދުއްހުލުވެފައިވަނީ އިދިކޮޅު އެމްޑީޕީން އެކަންޏެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.
ވަކީލް އެހެން ވިދާޅުވުމުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލޭނީ ކޮން ކޯޓަކަށްތޯ ފަނޑިޔާރު އައިޝާ ޝުޖޫން ސުވާލު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުންބު
18 February 2025
ޤާނޫނު އަސާސީގައި ހުރި މަފްހޫމުތައް ހިނިވާގޮތަށް ނުވަތަ ވެރިކަމުގެ ބާރު ގެއްލޭގޮތަށް ގެންނަ އިސްލާޙުތަކަކީ އެއީ މުޅި ޤާނޫނީ ނިޒާމާއި ދައުލަތް ފުނޑޭފަދަ އިސްލާޙުތަކަށްވެސް ވެދާނެ، ގެންނަ އިސްލާޙެއްގެ ނަމުގައި ޤާނޫނުއަސާސީގެ މާއްދާއެއް މާނަކުރެވޭ ބީދައިން ގެންނަ އިސްލާޙަކީ އެއީ އިސްލާހެއްގެ ގޮތުގައި ބަލައިގެންފިނަމަ ގާނޫނު އަސާސީގެ ބޭސިކް ފީޗަރސްތައް އެއްކޮށް ދުއްވާލެވިދާނެ.
ކަލީމް
18 February 2025
ރައްޔިތުންގެ މަޖުލީހެ ސުޕަ މެޖޯރިޓީޏް ފާސްކުރީޔޯ ރާއްޖޭގައި ދެން އޮންނާނީ ރަސްކަމެއްކަމަށް. ދެން އެކަން ނުކެރެވޭނެކަމަށް ސްޕްރީމް ކޯޓަށް ނުބުނެވޭނެޔޭތަ ތިބުނަނީ؟ މަޖުލީހުން ގާނޫނުއަސާސީ އިސްލާހުކޮށްގެން ބައިތުލްމާލުވެސް ވަކި މީހަކަށް ދިނަސް މިކަމުގަ ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނެތޭތަ ތިބުނަނީ؟
އޮނަރަބަރު
18 February 2025
މީގަ ދިމާވެގެން މިއުޅޭ މައްސަލައަކީ ގާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭގޮތް ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާއިރު އެގޮތާއި ހިލާފަށް ބަދަލެއް ގެނެސްގެން އުޅުން. ރައްޔިތުންގެ ސީދާ ވޯޓަކުން ގެންނަންޖެހޭ ބަދަލެއް ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަދަލުކޮށްގެން އުޅުން. މިވަރުސާފުވާނެ ކަމަށް އުންމީދު ކުރަން.
ސިއްބަތް އަޒީޒް
18 February 2025
އެމްޑީޕީ މީހުން ހީކުރީ ރައީސް މުއިއްޒްއަށް 30 ގޮޑިވެސް ނުލިބޭނެކަމަށް. އެމީހުން ވެރިކަން ބަދަލްވިތަނުން މި ގާނޫން ގެނައީ. ސީދާ މިހާރު އޮތް ގޮތަށް ނޫނަސް. މިއަދު އެކަން އެހެން ނުވީމަ ހަޖަމް ނުވެގެން މިއުޅެނީ.
އަފާފް ސައީދު
18 February 2025
އިމްތި ތި ވިދާޅުވީ ހަމަ ރަނގަޅަށް. ގާނޫން ތަންނުދޭ އެހެން ބަޔަކު މިކަން ހައްލު ކުރާކަށް.
ކަލީމް
18 February 2025
ސްޕަމެޖޯރިޓީ އޮތް ވަގުތު ރަސްކަމަކަށް ބަދަލުކޮށްލާ މަޖުލިސްވެސް އުވާލަން ފާސްކުރިޔަސް ދެން ރައްޔިތުންގެ ފަރާތުން އެކަމަކީ ގާނޫނުއަސާސީއާ ހިލާފުކަމެކޭ ބުނާނެ ފަރާތެއް ދެން ނެތޭތަ ތިބުނަނީ؟ ކޮބާ ވެރިކަން ވެށިގެން އަންނަނީ އަދި ދެމިއޮންނާނީވެސް ރައްޔިތުންއަތުގައޭ ބުނެވޭނެ ޖާގައަކީ؟
ނިކަމެތި
18 February 2025
ކުޅޭ އެޗެއްތަ އެއީ؟
ކިރިބަތި
18 February 2025
ގޮތެއް ނިންމަން ނޭނގޭކަންކަމުގައި އެކަމަކަށް ގޮތެއް ކަނޑައެޅޭނެ އެންމެ ފަހު ބަސްބުނާތަނަކަށްވާނީ ޝަރުއީ ކޯޓްތައް ކަމުގައި ދެކެން /
ގުނބޯބެ
18 February 2025
މަޖިލިހުން އެއޮތީ ގާނޫނު އަސާސީ އަށް އެ ބަދަލު ގެނެސްފަ. ގޮތް ކަނޑައެޅިފަ. މީހަކު ގާނޫނަށް ގެންނަ އިސްލާހެއް ކަމުނުދާހާ ފަހހަރަކު ކޯޓަކުން އެ އުވައެއް ނުލެވޭނެ. ޢެ ކޯޓަކީވެސް ގާނޫނު އަސާސީން އުފައްްދާފަ އޮތް ތަނެއް. އޭގެ މައްޗަށް ނޭރޭނެ.
ސަރާހ
18 February 2025
މަޖުލީހަކަށްވެސް ގާނޫނު އަސާސީ ބިނާވާ އަސާސްތަކާ ހިލާފަކަށް ގާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ. މާނައަކީ ރައްޔިތުންގެ ބާރު ހަނިވާ އިސްލާހެއް ނުގެނެވޭނެ. މިސާލަކަށް ރަސްކަމަކަށް ބަދަލުކުރުން. ރައްޔިތުން ހޮވާ މެމްބަރެއް ވަކިކުރުމުގެ ބާރު ގާނޫނު އަސާސީން އެއްވެސް ބާރެއްދީފައިނުވާ ސިޔާސީ ޕާޓީއަކަށް ވަކިކުރެވޭ ގޮތަށް ބަދަލުކުރުން
ޤާނޫނުގެ ބާރު
18 February 2025
ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖްލީހަށް މަތިކުރެވިފައިވާ ބާރެކެވެ. ނަމަވެސް ބައެއް ކަހަލަ ހާލަތްތަކުގައި ކޯޓުތަކުންވެސް ޤާނޫނު ހަދައެވެ. މިސާލަކަށް ދުސްތޫރީ މައްސަލައެއް ފެންމަތިވުމުން އެކަން ހުށަޅަނީ ކޯޓަށެވެ. އެހެންކަމުން އެކަމުގައި ފަހުބަސް ބުނާނީ ކޯޓުތަކުންނެވެ. ރައްޔިތުންގެ މަޖްލީހަކުން ނޫނެވެ. އެހެކަމުން އެހާލަތުގައި ކޯޓުތަކުންވެސް ޤާނޫނު ހަދާނީއްވެ.
ދުސްތޫރުބެ
18 February 2025
ގާނޫނަށް ގެންނަ ބަދަލު ގާނޫނޫ އަސާސީއާ ޙިލާފް ނަމަ އެއީ ދުސްތޫރީ މައްސަލަ. ގާނޫނު އަސާސީއަށް ގެންނަ ބަދަލު ގާނޫނު އަސާސީއާ ޙިލާފް ކަމަކަށް ނުނިންމޭނެ. ޢެއީ ދުސްތޫރީ މައްްސަލަ އެއް ނޫން.
ޢިންތި
18 February 2025
ގާނޫނު އަސާސީ ހެދުމާއި އިސްލާހު ކުރުމަކީ މަޖިލީހުގެ ބާރެއް އަދި ޒިންމާއެއް ކަން ސްޕްރީމް ކޯޓަކަށް އޮޅިގެން އުޅޭހެނެއް ހީނުވޭ. ސުޕްރީމް ކޯޓުގެ ސުއާލަކީ ގާނުނު އަސާސީގެ އަސްލު ގެެއްލޭފަދަ، މިސާލަކަށް ގައުމުގެ ދީން ނޫނީ ރަސްމީ ބަސް ނޫނީ ވެރިކަމުގެ ދައުރުގެ މުއްދަތު ބަދަލު ކުރެވޭފަދަ އިސްލާހެއް އެއަށް ގެނެސްފިއްޔާ އެކަން ގޯހޭ ބުނާނީ ކޮންތަނަކުންހޭ ؟ އެޝަކުވާ ހިފައިގެން ރައްޔިތުން ދާނީ ކޮންތަނަކަށްހޭ ؟ އެއަށް ދައުލަތުން ޖަވާބު ނުދެވިގެން މިއުޅެނީ.
މާއްދާބެ
18 February 2025
ސުޕް ކޯޓަށް އެ މާއްދާތަށް ބަދަލު ކުރަން އޮންނަ އިޖުރާއަތު ނޭނގުމަކީ ވަކީލުގެ މައްސަލައެއްތަ؟
ލައިޓް
18 February 2025
މަގޭ ރައުޔު: ދެންފަހެ ދުސްތޫރީ ކަންކަމުގައި ރެފެރެންޑަމް އަކަށް ނުގޮސް މަޖިލީހަށް ހަމަ ހިތަށްއެރި ބަދަލެއް ކޮންސްޓިޓިއުޝަނަށް ނުގެނެވޭނެކަމަށް ހުކުމް ކޮށް މިގަސިއްޔާ ނިންމައިފީމެވެ. ސަލާމް!