18 ފެބުރުއަރީ 2025 - 09:08
ރަޔޯ ވަޔެކާނޯ އަތުން 1-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ.
ބާސެލޯނާ އަށް މި ފުރުސަތު ލިބުނީ ކުރިން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މި ހަފުތާގައި ކުޅުނު މެޗުތަކުން މޮޅުނުވެވުމުންނެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ ވެސް އެ އަދަދަށް ޕޮއިންޓް އެއްކޮށްގެންނެވެ. އެކަމަކު ބާސެލޯނާ އަށް ކުރި ލިބެނީ ގޯލު ތަފާތުންނެވެ. އެތުލެޓިކޯ ތިން ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ.
ސީޒަން ފަށައިގެން ކުރީކޮޅު ބާސެލޯނާ ބޮޑު ތަފާތަކާ އެކު އެއް ވަނައިގައި އޮތެވެ. އެކަމަކު ވަކި ހިސާބަކުން ފޯމު ދަށްވެ، އަނެއްކޮޅުން ރެއާލުން ނަތީޖާ ރަނގަޅުކުރަން ފެށުމުން، އެއް ވަނަ ގެއްލުނީ އެވެ. މީގެ ތިން ހަފުތާ ކުރިން އެ ޓީމު އޮތީ އެއް ވަނައާ ހަތް ޕޮއިންޓް ދުރުގަ އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރަޔޯ ކޮޅަށް ހަމައެކަނި ގޯލް ޖެހީ ޕެނަލްޓީއަކުން 28 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ އެވެ. ރަޔޯގެ ޖޯޖް ޑި ފްރުޓޮސް ލަނޑެއް ޖަހައި އެއްވަރުކުރި ނަމަވެސް ވީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ. ސުވާލު އުފެދުނު މި ނިންމުން ރެފްރީ ނިންމީ އޭނާ ގޯލަށް ބޯޅަ ފޮނުވާލިއިރު ބާސެލޯނާގެ ޑިފެންޑަރަކަށް ހުރަސް އެޅޭ ފަދަ އޮފްސައިޑް މަގާމެއްގައި ރަޔޯގެ ރެންޑީ އެންޓެކާ ހުރުމުންނެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އަލުން އެއް ވަނަ މަގާމަށް އެރުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށާއި މި ނަތީޖާއާ މެދު އެންމެން ތިބީ ހިތްހަމަޖެހިފައި ކަމަށެވެ.
"އަހަރެމެންގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު އަދިވެސް މިއަށް ވުރެ ރަނގަޅު ކުރެވިދާނެ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy