ބަންގްލާދޭޝްގައި މިދިޔަ އަހަރު އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ދެކޮޅަށް މުޒާހަރާކުރަނީ: ހަސީނާގެ ވެރިކަން ވައްޓާލި ފަހުން ބަންގްލާދޭޝް އާއި އިންޑިއާގެ ގުޅުން ގޯސްވެ ބަންގްލާދޭޝް މީހުންނަށް އިންޑިއާއިން ވިސާ ވަނީ ދަތިކޮށްފައި. -- ފޮޓޯ: އޭއެފްޕީ
20 ފެބުރުއަރީ 2025 - 05:44
ބަންގްލާދޭޝް މީހުން ބޭސްފަރުވާއަށް އެންމެ އާންމުކޮށް ދާ ގައުމު ކަމަށްވާ އިންޑިއާއާ އޮންނަ ގުޅުން، މިދިޔަ އަހަރު ބަންގްލާދޭޝްގެ ވެރިކަމުން ޝައިހް ހަސީނާ ދުރުކުރި ފަހުން ގޯސްވެފައި ވަނިކޮށް ޗައިނާއިން ބަންގްލާދޭޝް މީހުންނަށް ތިން ހޮސްޕިޓަލެއް ހާއްސަކުރަން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަވާ ޗައިނާގެ ސަފީރު ޔާއޯ ވެން ވިދާޅުވީ ބަންގްލަދޭޝްގެ ބަލި މީހުންނަށް ހާއްސަކޮށް ތިން ހޮސްޕިޓަލެއް ކަނޑައަޅާފައިވާ ކަމަށާއި ސިއްހީ ހިދުމަތްތަކާއި ވިސާގެ ކަންކަން ބަންގްލާދޭޝް މީހުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖައްސައިދޭނެ ކަމަށެވެ.
ބަންގްލަދޭޝްގެ ބިޒްނަސް ސްޓޭންޑަޑް ނޫހުން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ހަސީނާ ވެރިކަމުން ދުރުކުރުމުގެ ކުރިން އަހަރަކު ބަންގްލާދޭޝްގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބޭސްފަރުވާއަށް އިންޑިއާއަށް ދެ އެވެ.
ނަމަވެސް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ދެ ގައުމުގެ ގުޅުން ގޯސްވެފައި ވާއިރު ބަންގްލާދޭޝް މީހުން މިހާރު ގެންދަނީ އިންޑިއާއިން ވިސާ ލިބުން ދަތިކަމުގެ ޝަކުވާކުރަމުންނެވެ.
މުޅި ދުނިޔޭގައި ވެސް އާބާދީ އެންމެ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަމުގައި، ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އިންޑިއާ ފާރަވެރިވެ އެވެ.
އަންގާރަ ދުވަހު ޔާއޯ ވެން ވިދާޅުވީ ސިއްހީ ފަރުވާގެ ކަންކަމުގައި އެހީވުމަކީ ހަސީނާގެ ވެރިކަމަށް ފަހު އެކުލަވާލާފައިވާ ވަގުތީ ސަރުކާރާ އެކު ޗައިނާގެ ބަދަހިވަމުން އަންނަ ގުޅުމުގެ އެއް ބައި ކަމަށެވެ.
"އިންތިގާލީ ސަރުކާރެއް އުފެދުނު ފަހުން ބަންގްލަދޭޝްގައި އެންމެ ބޮޑު އިންވެސްޓަރަކީ ޗައިނާ،" ޔާއޯ ވިދާޅުވި އެވެ.
"އޮގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ކުންފުނިތަކުން ބަންގްލަދޭޝްގެ ބައިވެރިންނާ އެކު އިންވެސްޓްމަންޓް އެގްރީމެންޓްތަކުގައި ސޮއިކޮށްފައިވާއިރު، ޖުމްލަ އިންވެސްޓްމަންޓުގެ އަގު 230 މިލިއަން ޑޮލަރަށް އަރާ."
ބަންގްލާދޭޝްގައި 15 އަހަރު ވެރިކަންކުރެއްވި ފަހުން ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުވީ ދަރިވަރުން އިސްނަގައިގެން ފެށި މުޒާހަރާތައް ބޮޑުވެ ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުންނެވެ. އެ ހިސާބުން ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިގެން ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. ހަސީނާއާ ދެކޮޅަށް ބަންގްލާދޭޝްގެ ކޯޓުތަކުގައި އުފުލާފައިވާ ބޮޑެތި ދައުވާތަކާ ގުޅިގެން ހާޒިރުކުރަން އޭނާ ހަވާލުކުރަން އިންޑިއާގައި ތަކުރާރުކޮށް އެދުމުން ވެސް އިންޑިއާއިން އެކަމަށް އިޖާބައެއް ނުދެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
23 February 2025
އިންޑިއާ އަކީ ކިރިޔާ ކަމެއް ވާއިރައް ބޮޑާހާކައި ޖެއްސުން ކުރުމަށް މަޝްހޫރުބައެއް. ބިގް ބްރަދަރ އޭ ނެއިބަހުޑް ފަސްޓް އޭ ގޮވައި އުޅެނީ ހުސް ދަޅައަށް. މި ރާއްޖޭގެ ދިވެހިންނަށްވެސް އެހާ ޖެއްސުން ކުރޭ.
ކޮތަރޭ
20 February 2025
ދިވެހިންނަށްވެސް ސަރުކާރުން އިންޑިއާ ނޫން ގޮތެއް ބޭސްވެރިކަމުގައި ހޯދައިދޭންޖެހޭ. ސަބަބަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ގޮސް އުޅޭ ކޮޗިންގައި ދިވެހިންނަށް ސިމް ކާޑު ނުލިބޭ ގޮތް ހެދުމާއި، އެއާޕޯޓު ތެރެއިން ޖެއްސުން ކުރުމުގެ އަމަލުތައް ވަނީ ވަރަށް އިތުރުވެފައި. ދަބަސްތައް ސްކޭން ކުރުމަށްފަހުވެސް އެންމެންގެ މެދުގައި ދަބަސް ހުސްކޮށް އެބަ ބަލާ. ހީވަނީ ޖެއްސުމަކަށް ކުރާ ކަމެއްހެން. އެއްވެސް ތާކު މަޑުނުކޮށް ޑިޕާޗާ ހޯލަށް ވަންނަން މަޖުބޫރު ކުރޭ