ރިޕޯޓް

ރާއްޖެ އިން ބޭރުގައި ކައިވެނި ކުރުމުގެ ނިޒާމު ހަރުދަނާ ނުކޮށް ވާކަށް ނެތް!

ފެމިލީ ކޯޓް: ރާއްޖެއިން ބޭރުގައި ކުރާ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓްރީ ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެ، އިތުރު މައްސަލަތަކެއް ނިކުމޭ --- ފޮޓޯ/މިހާރު

ރާއްޖޭގައި ކައިވެންޏާއި ވަރި އާއި ދަރިންގެ ހަރަދުގެ މައްސަލައަކީ އަބަދުވެސް ޝަކުވާ ބޮޑު ކަމެކެވެ. ދެ ފަރާތުގެ ހައްގާއި މަސްލަހަތު ބިނާވެފައި އޮންނަ އެފެދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ބޮޑެވެ. މިފަދަ މައްސަލަތަކުގެ ތެރެއަށް އިތުރުވާ އަނެއް ބޮޅަކީ ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތަކުގެ މައްސަލަ އެވެ. އެހެން ގައުމެއްގެ ގާނޫނު ހިނގާ ތަނެއްގައި ކުރާ އެފަދަ ކައިވެނިތައް ރާއްޖޭގެ ގާނޫނުގެ ތެރެއިން ރަޖިސްޓަރީ ކުރުމާ ހިސާބުން މައްސަލަތަކެއް ދިމާވެ އެވެ.

ރާއްޖޭގައި ކައިވެންޏެއް ކުރާ ނަމަ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ކޯޓުތަކުން ބަލާ ބެލުންތަކެއް ހުރެ އެވެ. ކުރިން ކޮށްފައި ހުރި ކައިވެނިތަކުގެ ރެކޯޑާއި އެއް އަންބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރާ ނަމަ ދޮށީ އަނބިންނަށް ހަރަދު ކުރޭތޯ އާއި ލިބިފައިވާ ދަރިންނަށް ހަރަދު ކުރޭތޯ އާއި އެ ނޫން ވެސް ވަރަށް ގިނަ ކަންކަން ކޯޓުތަކުން ކަށަވަރު ކުރެ އެވެ. ދަރިންގެ ހަރަދު ނުދައްކާ އޮތް ނަމަ ކައިވެންޏެއް ނުކޮށްދެ އެވެ. ނަމަވެސް މި ހުރިހާ ކަމެއް ބަދަލުވަނީ ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކާ ހިސާބުންނެވެ.

ބޭރުގައި ކުރާ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ނުކުރެވި، ބޮޑެތި މައްސަލަތަކެއް

ރާއްޖެ އިން ބޭރުގައި ކައިވެނި ކުރަނީ ރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ކަމަށް ނުވާތީ މި ކަންކަމެއް ނުބަލަ އެވެ. އެހެންވެ، ރާއްޖޭގެ ގާނޫނުގައި ކައިވެނި ސައްހަވުމަށްޓަކައި ބަލާ ޝަރުތުތައް ފުރިހަމަ ނުވާ ގޮތަށް ވެސް ބައެއް ގައުމުތަކުގައި ކައިވެނި ކުރެ އެވެ. ދަރިންގެ ހަރަދު ނުދީ ވެސް ބައެއް ދިވެހިން މިގޮތަށް ބޭރުގައި ކައިވެނި ކުރެ އެވެ. ނަމަވެސް ގާނޫނީ މައްސަލަތައް ދިމާވާނީ މި ގޮތަށް ބޭރުގައި ކުރާ ކައިވެނިތައް ރަޖިސްޓަރީކުރަން ފެމިލީ ކޯޓަށް ހުށަހެޅުމުންނެވެ.

"ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ފިލުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގެން ކައިވެނި ކުރައްވާ."

މިހާރު ގަވާއިދު އޮންނަ ގޮތުން ބޭރު ގައުމެއްގެ ސަރުކާރުން ގަބޫލުކުރާ މުސްލިމް ޖަމާއަތެއް މެދުވެރިކޮށް ކައިވެނި ކޮށްފައިވާ ނަމަ އަދި އެ ކައިވެންޏެއް ފެމިލީ ކޯޓުން ރަޖިސްޓަރީ ކޮށްދޭނެ އެވެ. ނަމަވެސް ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަ ކޮށްފައި އޮތުމަކީ ޝަރުތެކެވެ. އެކަމަކު، ބައެއް ފަހަރު މި ޝަރުތުތައް ފުރިހަމަ ނުވާއިރު، ބޭރުގައި ކައިވެނިކުރި ކަމަށް ބުނެ ފޭކު ލިޔުންތައް ވެސް ކޯޓުތަކަށް ހުށަހަޅާފައި ހުރި ކަމަށް ވެ އެވެ.

ކައިވެނީގެ ހަފްލާއެއްގައި އަންހެނެއްގެ އިނގިލީގައި އަނގޮޓިއެއް އަޅުވަނީ --- ފޮޓޯ/އޭއެފްޕީ

އެހެންވެ، ދެން ނުކުންނަނީ ގާނޫނީ މައްސަލަތަކެކެވެ. ރާއްޖެ އިން ބޭރުގައި ކޮންމެވެސް ސިފައެއްގައި އޮންނަ ކައިވެންޏެއް އޮވެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވުމުން ކައިވެނި ރަޖިސްޓަރީ ނުކުރެވޭތީ، ދެ މީހުންގެ ހައްގުތަކެއް ގެއްލުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް އެފަދަ ކައިވެނީގެ މައްޗަށް ލިބޭ ދަރިންގެ ނަސަބުގެ މައްސަލަ ކުރިމަތިވާއިރު، އެފަދަ ކައިވެންޏެއްގައި ތިބެފައި ވަރިކުރަން ބަލައި، ރަޖިސްޓަރީ ނުވާ ކައިވެންޏެއްގައި ކޯޓަށް ވަރި ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ނޯވެ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ މިހާރު ނިޒާމު ރޭވިފައި އޮތް ގޮތުން ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކަކީ ރާއްޖޭގެ ގާނޫނަށް "ފިލުމަށްޓަކައި" ބޭނުން ކުރެވިދާނެ އުކުޅެކެވެ. ފެމިލީ ކޯޓުން ވެސް ދާދި ފަހުން ފާހަގަކުރީ އެ މައްސަލަ އެވެ.

"އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައި ހުރި އުސޫލުތަކަށް ފިލުމަށްޓަކައި ރާއްޖެ އިން ބޭރަށް ވަޑައިގެން ކައިވެނި ކުރައްވާކަން،" ފެމިލީ ކޯޓުގެ އޮފިޝަލަކު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އެ ކޯޓުން ބުނިގޮތުގައި ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތަކަކީ ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނާ އެއްގޮތަށް ކުރާ ކައިވެނިތަކަކަށް ވުން ލާޒިމް ކޮށްފައިވީ ނަމަވެސް، އެގޮތަށް ބައެއް މީހުން އަމަލެއް ނުކުރެ އެވެ. އޭގެ ސަބަބުން ނަސަބު އޮޅުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށް އެ ކޯޓުން ވެސް ދެކެ އެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. މިއީ މުޖުތަމައުގެ ތެރޭގައި ނޭދެވޭ ވަރަށް ގިނަ ކަންކަން އުފެދިގެން ހިނގައިދާނެ ކަމެއް،" ފެމިލީ ކޯޓުގެ އޮފިޝަލް މަޖިލީހުގައި ވިދާޅުވި އެވެ.

"ބައެއް މީހުން ބޭނުންވާނެ ޕްރައިވެސީ. އެހެންވީމަ ގިނަ މީހުން ބޭރަށް ދަނީ ކައިވެނިކުރަން. އެކަމަކު ރަޖިސްޓްރީކުރަން ވީމަ ދެން ހުންނަ އުނދަގޫތައް މާ ބޮޑުވޭ ބައެއް ފަހަރު."

ކުރިން މިފަދަ މައްސަލަތަކެއްގައި މަސައްކަތް ކުރެއްވި ވަކީލަކު ވިދާޅުވި ގޮތުގައި ގާނޫނީ މައްސަލައެއް ނެތަސް، ދެމަފިރިން ކުރެ އެކަކު އެއްބާރުލުން ނުދީގެން ވެސް ކައިވެނިތައް ރަޖިސްޓަރީ ނުކުރެވޭ މައްސަލަ ދިމާވެ އެވެ. އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ނިކުންނަ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ބައެއް ފަހަރު އަންހެން މީހާ ކައިވެނި ރަޖިސްޓަރީކުރަން މަސައްކަތް ކުރީމާ ފިރިހެން މީހާ އެކަމާ ހަވާލުނުވެ އަދި އެއްބާރުލުން ނުދީފައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ކައިވެނިކުރަން ދަނީ ކީއްވެ؟

ބައެއް މީހުންގެ ކަންބޮޑުވުމަކީ ފެމިލީ ކޯޓުގައި ކައިވެންޏާއި ވަކި ރަޖިސްޓަރީ ކުރުމުގެ އިޖްރައާތުތައް އުނދަގޫވުމެވެ. ރާއްޖެ އިން ބޭރުގައި ދިވެހިން ކައިވެނިކުރާ އެއް ސަބަބަކީ އެއީ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ކައިވެނި ކުރަން ބައެއް މީހުން ދަނީ ޕްރައިވެސީ އާއި އެ ނޫން ބައެއް ސަބަބުތަކަށްޓަކަ އެވެ. ނަމަވެސް އެނބުރި ރާއްޖެ އައިސް ކައިވެނި ކުރަން މަސައްކަތް ކުރުމުން ރަޖިސްޓަރީ ކުރުމުގައި ހުންނަ ދަތިތައް ބޮޑު ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިސާލަކަށް ބޭރުގައި ކައިވެނި ކޮށްދިން ޖަމާއަތަކީ ފެމިލީ ކޯޓުން ގަބޫލުކުރާ އިސްލާމީ ޖަމާއަތަކަށް ނުވާތީ ކައިވެނި ރަޖިސްޓަރީކޮށް ނުދީފާނެ. އެކަމަކު ފެމިލީ ކޯޓުން ގަބޫލުކުރާ ޖަމާއަތްތަކުގެ ލިސްޓެއް ވެސް އެންމެ ކުޑަމިނުން ނުހުރޭ އިއުލާންކޮށް ނުވަތަ ވެބްސައިޓްގައި އާންމުކޮށްފައެއް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ކޮމެޓީގައި ކަމާބެހޭ ފަރާތްތަކާއެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުން --- ފޮޓޯ/މަޖިލިސް

"ބައެއް މީހުން ބޭނުންވާނެ ޕްރައިވެސީ. އެހެންވީމާ ގިނަ މީހުން ބޭރަށް ދަނީ ކައިވެނި ކުރަން. އެކަމަކު ރަޖިސްޓަރީކުރަން ވީމަ ދެން ހުންނަ އުނދަގޫތައް މާ ބޮޑުވޭ ބައެއް ފަހަރު،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފެމިލީ ކޯޓުން ބުނާގޮތުގައި ރާއްޖެއަކީ ވަރަށް ފަސޭހައިން ކައިވެންޏާއި ވަރީގެ ކަންކަން ނިންމޭ ގައުމެކެވެ.

"އަޅުގަނޑަކަށް ފެނިފައެއް ނެތް ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމެއްގައި ވެސް އަދި އެ ނޫން ވެސް ގައުމުތަކުގައި ވެސް، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަށް ވުރެ ފަސޭހައިން ކައިވެނި ކުރެވޭނެ އެހެން ތަނެއް،" ފެމިލީ ކޯޓުގެ އޮފިޝަލް މަޖިލީހުގައި ވިދާޅުވި އެވެ.

އެމްބަސީތަކުގައި ކޯޓުން ކައިވެނިކޮށް ދިނުމަކީ ހައްލަކަށް ވެދާނެ

ރާއްޖެ އިން ބޭރުގައި ކުރާ ބައެއް ކައިވެނިތައް ރަޖިސްޓަރީ ނުވެ، އިތުރު މައްސަލަތަކެއް ގިނަ ފަހަރަށް ނުކުންނަނީ ކުރިން ވެސް ފާހަގަކުރި ފަދައިން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކުރި ކައިވެންޏެއް ކަން ކަށަވަރު ނުކުރެވޭތީ ކައިވެނި ރަޖިސްޓަރީކޮށް ދިނުމަށް ގާނޫނީ ހުރަސް އޮންނާތީ އެވެ.

އެ ހާލަތުގައި، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނިތައް ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ފެމިލީ ކޯޓުގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެކެވެ. ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ދިވެހިން އާންމުކޮށް ގޮސް އުޅޭ ވިއްސަކަށް ގައުމުގައި މިހާރު ވެސް އެބަހުއްޓެވެ. މިހާރު ވެސް ރާއްޖޭގެ އެމްބަސީތަކަށް މީހުން ހާޒިރުކޮށްގެން އޮންލައިންކޮށް ޝަރީއަތް ކުރެވޭއިރު، ކައިވެނި ނުކޮށްދެވެންވީ ސަބަބެއް ވެސް ނެތެވެ.

"އެމްބަސީތަކަށް ވެސް ހާޒިރުކޮށްގެން ކުރެވިދާނެ"

އޭރުން ކައިވެނީގެ ކުރިން ގާނޫނީ ގޮތުން ކަށަވަރު ކުރަންޖެހޭ ކަންކަން ބެލުމުގެ ފުރުސަތު ކޯޓަށް ލިބި އަދި ފަހުން ކައިވެނި ރަޖިސްޓަރީ ކުރަން ޖެހުމުން ދިމާވާ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.

ނަމަވެސް އެމްބަސީތައް މެދުވެރިކޮށް ފެމިލީ ކޯޓުން މިހާތަނަށް ކައިވެނިކޮށް ދިންކަން އެނގިފައެއް ނުވެ އެވެ. ފެމިލީ ކޯޓުގެ ގަވާއިދުގައި ވެސް ރާއްޖެ އިން ބޭރުގައި ކައިވެނި ކުރުމާ ބެހޭ އުސޫލުގައި އެފަދަ ވާހަކައެއް ބަޔާންކޮށްފައެއް ވެސް ނުވެ އެވެ.

ކުރިން ވާހަކަ ދެއްކެވި ވަކީލް ވެސް ވިދާޅުވާ ގޮތުން އެމްބަސީތަކަށް މީހުން ގޮސްގެން ފެމިލީ ކޯޓު މެދުވެރިކޮށް ކައިވެނިކޮށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެކެވެ. ނަމަވެސް ހާރިޖީ މަސައްކަތްތަކެއް ހިނގާ އެމްބަސީތަކުގައި އެކަން ކުރެވޭނެ ވަސީލަތްތައް ހުރިތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްބަސީތަކަށް ވެސް ހާޒިރު ކޮށްގެން ކުރެވިދާނެ. އެކަމަކު ދެން ދިމާވެދާނެ މައްސަލައެއް ޑިޕްލޮމެޓިކް އިމާރާތެއް ބޮޑު ކައިވެނީގެ ހަފުލާ ބާއްވާ ތަނަކަށް ބަދަލުވީމަ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ކައިވެނި ކުރެވޭނެ ފަދަ އިންތިޒާމްތައް ހަމަޖެހިފައި ހުރިއިރު، ރާއްޖެ އިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓަރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ ދެން އޭގެ ސަބަބުން އިތުރު ބޮޑެތި މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު އެބައޮތެވެ.

13 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިޔަވަޅު

27 February 2025

ދިވެހި ފިރިހެނުން ބޭރުއަންހެނުންނާ 2 އަންބައް އިންނަން . ޢަދި ދިވެހިންނާވެސް 2 އަންބައް ވަގައް އިންނަން ވެގެން ބޭރުގާ ކާވެނި ކުރަނީ . ރިސޯޓް ތަކުގާ އުޅޭ ސްޕާ އަންހެނުންގަނޑު ފޮނުވާލަން އެބަޖެހެ . ސްޕާތަކުގާ ގިނައީ ބުޑިސްޓުން . ޢެ އަންހެނުން ތަކުގެ ސަބަބުން ދިވެހި އަނބިން ނިކަމެތިވެ ދަރިން މަގުމަތިވެ. އަދި ދިވެހި ޒުވާނުން ދީނާދުރުވެ .

The name is already taken The name is available. Register?

ބޭރުގައި ކައިވެނި ކުރަނއ

27 February 2025

ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިންވެސް ގިނަ، އެމީހުން އެތާ ހުރެ ކައިވެނި ކުރަން މާ ފަސޭހަ ވެދާނެ، ނޫނީ ރާއްޖޭގެ ކައިވެނީގެ ދިގު އިޖުރާއަތްތައް ފުރިހަމަ ކުރަން 2-3 މަސް ރާއްޖޭގައި ހުރުމުގެ ވަގުތާއި ފައިސާގެ ތަނަވަސްކަން ނެތިދާނެ. ހަމައެހެންމެ އިންނަ ކުއްޖާ އަކީ ބޭރު ގައުމެއްގެ މީހެއް ނަމަ އޭނަގެ ގައުމުގައި އޭނަގެ އާއިލާއާއެކު ކައިވެނި ކުރަން ބޭނުން ވެދާނެ

The name is already taken The name is available. Register?

ގެދޮރުވެރިޔާ

26 February 2025

ޗޫޤީގެ ވާހަކައަށް ވަރަށް ތާއީދު. ރައްޔިތުންގެ މަޖިލީހަށް ބިލެއްވެއްދީޔާ އޭގަ އޮންނާނީ އަންހެނުން ބާރުވެރި ކުރުވުން, އަންހެނުން މަތިވެރި ކުރުން, އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުން. ބަލަ އަންހެނުންގެ ހައްގުތަށް ކަށަވަރުކުރަން އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގަ ހިފާބަލަ. އޭރުން ކައިވެނިތައްވެސް ސަލާމަތްވާނެ. ދަރިންނާ އަންހެނުން ބިކައެއްވެސް ނުވާނެ. ހުޅަނގުގެ ތަރައްގީދޯ މިތާގަ މި އޮތީ. މި ބުނީ ހުރިހާ އަންހެނުން މޫނުބުރުގާ އަޅައިގެން ގޭގަ ތިބޭށެކޭ ނޫން.

The name is already taken The name is available. Register?

ޭއިފުރީތު

26 February 2025

އިސްލާމީ ދައުލަތެއް އޮތް ތަނެއްގައި ނޫނީ ކައިވެނި ނުކުރެވެންވީ. ވީކްއެންޑް ކައިވެނި ހުއްޓުވަންޖެހޭ

The name is already taken The name is available. Register?

ސަނަމް

26 February 2025

ރާއްޖޭގައި ކޮންނިޒާމެއް ހަރުދަނާކޮށް އޮތީ. ހުރިހާ ނިޒާމުތަކާ ގަވާއިދުތައް އޮތީ އެހެދި މީހުންނަށް ނޫނީ އެމީހުން ބޭނުންވާ ބަޔަކަށް ހޫޕްސް ތަކުން ފުންމާލެވޭ، ލޫޕް ހޯލްތައް ފަސޭހައިން އެކްސްޕްލޮއިޓްކޮށްލެވޭ ގޮތައް. ހުރިހާކަމެއްވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތައް! ކަޓް ނެގޭ ގޮތައް، ޝޯޓްކަޓް ނެގޭގޮތައް. ކުރުކޮށް ބުނާނަމަ ކޮންމެ ނިޒާމެއް އޮތީ އެތަ ތިބިބަޔަކަށް ކަޓް ޖެއްސޭގޮތައް.

The name is already taken The name is available. Register?

‫ކަލަހާނު މަހާރަދުން

26 February 2025

‫އެންބަސީގައި ކައިވެނި ކުރިއަސް، ކައިވެނި ހަފްލާ ވަކިން އެހެން ތަނެއްގައިވެސް ބޭއްވިދާނެ.

The name is already taken The name is available. Register?

ލައިޓް

26 February 2025

ސީރިޔާ ގައި ކުރި ކައިވެނިތަކާ ލިބުނު ދަރިންނަށް ކިހިނެއް ސަރުކާރުން ނިންމީ؟

The name is already taken The name is available. Register?

ނާދިޔާގެ ބުޅާ

26 February 2025

މަންމަ އާ ދަރިގެ ޑީއެންއޭ ހަދައި މަންމަގެ ދަރިއެއްކަން ކަށަވަރުކޮށްފަ ގެނައި ރާއްޖެ

The name is already taken The name is available. Register?

ަސާއިރާ

26 February 2025

ބޭރުގަ ވެސް ރަނގަޅަށް ކައިވެނި ކުރާ މީހުން އުޅޭ ހަމަ

The name is already taken The name is available. Register?

ޗޫޤީ

26 February 2025

އެންމެ ފުރަތަމަ ދިވެހި އަންހެނުންނަށާއި ފިރިހެނުންނަށް ގައުމީ ފެންވަރުގައި ކައިވެނީގެ މުޤައްދަސް ގުޅުމުގެ މަތިވެރިކަން ކިޔައިދީ ހޭލުންތެރި ކުރުވަންވީ. އޭގެ ފަހުގައި ރާއްޖެއިން ބޭރުގައި ދިވެހިން ކައިވެނިކުރާ ނިޒާމު ހަރުދަނާ ކުރަންވީ.

The name is already taken The name is available. Register?

ފަޅުމަސް

26 February 2025

އެއީ ހަރުދަނާ ނުވެގެން ވާ ކަމެއް ނޫން.. އެއީ އޮޅުވާލުމެއްގެ ތެރެއިން ކުރާ ކަމެއް.. ރާއްޖެއިން ބޭރުގައި ކުރާ ގިނަ ކައިވެނިތައް ކުރަނީ ޝަރުއީ ނިޒާމަށް ވަގަށް ކައިވެނި ކުރަންވެގެން.. ގިނަ ފަހަރަށް ދަރިންގެ ޚަރަދު ނުދީ ކައިވެނި ކުރަން ވެގެން.. ރާއްޖެ އައިސް ކޯޓުގައި ރަޖިސްޓްރީ ކުރެވެނޭއޭ ކިޔައި އޮޅުވާލައިގެން އެކަން ކުރާ މީހުން އުޅޭ..

The name is already taken The name is available. Register?

ޢަލީގެ ދަރި

26 February 2025

ވަރަށްބޮޑު ތެދެއް. އަދި ގިނަފަހަރަށް އެފަދަ ކައިވެނިތަކަކީ ދިވެހިރާއްޖޭގެ ކޯޓްތަކަށް ގޮންޖަހައި ކުރާ ކައިވެނިތަކެއް. އެހެނީ ރާއްޖޭގެ ގާނޫނުގެ ތެރެއިން ކުރެވެން ނެތް ކައިވެނި ބޭރުގަ ކޮށްގެން އައިސް ރާއްޖޭގައި ރަޖިސްޓްރީ ކުރުމުކީ ވަރަށް ގިނައިން މަކަރުވެރިން ކުރާ ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454