ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން - ފޮޓޯ:މިހާރު
23 ފެބުރުއަރީ 2025 - 21:50
ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 661 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
ކްރޮސްރޯޑްސްގައި ބޭއްވި ދިރާގުގެ 36 ވަނަ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި 661 މިލިއަން ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 151 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު ފަރާތުން އެކަމަށް ތާއީދު ކުރުމުންނެވެ. އެއީ ހިއްސާއަކަށް 8.70ރ އެވެ. މިއި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި އަދަދަށް ވުރެ 16 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ދިރާގުން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 7.50ރ. ގެ މަގުން 570 މިލިއަން ރުފިޔާ އެވެ.
މިރޭގެ ޖަލްސާގައި ފާސްކުރީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66ރ. ގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 7.04ރ ގެ މަގުން 535 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ މިއަހަރުގެ މިމަހުގެ 17 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކެވެ.
މިދިޔަ އަހަރު އެކުންފުންޏަށް 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަަށް ވުރެ 5.9 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 5.5 ޕަސެންޓުގެ ކުރިއެރުމެކެވެ. ދިރާގަށް 2023 ވަނަ އަހަރު ލިބުނީ 896 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅުކަމެއްތަ
24 February 2025
އިންވެސްޓްމަންޓް ލިބެން ވެސް 10 ވަރަކަށް އަހަރު ނަގާ
އާމިރު އަހްމަދު
24 February 2025
ދުނިޔޭގަވެސް އޮތް އެންމެ ޚިދުމަތުގެ އަގުތައް ބޮޑު ތަން. އަސާސީ ޚިދުމަތެއް ނަމަވެސް ކަންކުރަނީ ކިހިނެއްތޯ؟ ކޮންމެ ރައްޔިތެއްގެ އަތުން އެތައް ފައިސާއެއް ނަގާފަ ފައިދާ މިވެނި އެވެނިވަރޭ ބުނެ ޚަބަރު ހަދާލުން. މަހަކު 1000 ނަގާއިރުވެސް މަހުގެ ފަހުކޮޅަށްދާއިރު ގޫގްލްވެސް ހުޅުވާނުލެވޭ އެހާވެސް ފާސްޓް. މިދެން ވަރަށް ހައިސްޕީޑް އަދި ވަރަށް ހެޔޮއަގުގަ އިންޓަނެޓް ދެއްވާ ކުންފުޏެއްނެއް
ހިއްސާދާރު
23 February 2025
ދިރާގު އަހަރީ ޖަލްސާ ބާއްވާކަންވެސް ނޭނގި ، ޖަލްސާ ނިމުނު ފަހުން ނޫހުން މިއެނގުނީ. ދިރާގަކީ ހިއްސާރުދާރުންނަށް މިއަށްވުރެ ފާޅުކަން ބޮޑުގޮތަކަށް އެންމެ ފަސަެހައިން ކަންކަން ހިއްސާދާރުންނަށް އެންގޭނެ ކުންފުނި. ވަރަށް ސިއްރުސިއްރުން މިކަން ނިންމާލީހެން ހީވަނީ. ދިރާގަށްވުރެ އެސްޓީއީވެސް މާ ރަނގަޅު….އެސްއެމްއއސް ޒަރިއްޔާއިން ހުރިހާ ހިއްސާދާރުންނަށް ކަންކަން އަންގާ…. ނަމޫނާއަކަށް ބަލަން ރަނގަޅު!!!