ރާއްޖެ އާއި ފިލިޕީންސް މީގެ ކުރިން މާލޭގައި ކުޅުނު މެޗެއްގެ ތެރެއިން: އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފިލިޕީންސާ ދެކޮޅަށް އަންނަ މަހު ކުޅެން ހަމަޖައްސާފައިވާ މެޗު މިހާރު ކުޅޭނީ ފިލިޕީންސްގެ ވެރިރަށް މެނީލާ ގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
24 ފެބުރުއަރީ 2025 - 15:53
އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ރާއްޖޭގައި ކުޅެން ތާވަލުކޮށްފައިވާ މެޗު ފިލިޕީންސްގައި ކުޅެން ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ ރާއްޖެ އާއި ފިލިޕީންސްގެ ފުރަތަމަ ލެގް މެޗު އެ ގައުމުގައި ކުޅެން ހަމަޖެއްސީ ރޯދަ މަހުގެ ފަހު 10 އަކާ ދިމާވާތީ ރާއްޖޭގައި މެޗު ކުޅެން ބޭނުން ނުވާތީ ކަމަށެވެ.
ކުރިން އޮތް ގޮތުން ފުރަތަމަ ލެގް މެޗު ކުޅޭނީ ރާއްޖޭގަ އެވެ. މިހާރު ގެނައި ބަދަލާ އެކު ރާއްޖޭގައި ކުޅޭނީ ދެ ޓީމު ބައްދަލު ކުރާ ދެވަނަ ލެގް މެޗެވެ. އެ މެޗު ކުޅޭނީ ނޮވެމްބަރު މަހު އެވެ.
ފުރަތަމަ ލެގް މެޗު ކުޅެން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 25 ގަ އެވެ. އެއީ ރަމްޟާން މަހުގެ ފަހު 10 އެއްގެ ތެރޭގަ އެވެ.
"ފަހަރެއްގައި ރަމްޟާން މަހުގެ 27 ވަނަ ރެޔަށް ނުވަތަ އޮނަހިރި ރެޔަކަށް ވެސް ދިމާވެދާނެ. ރާއްޖޭގައި އާންމުކޮށް އެ ރޭތަކުގައި ކުޅިވަރުގެ ހަރަކާތްތައް ނުބާއްވާތީ ފިލިޕީންސް އެފްއޭ އާއި އޭއެފްސީއާ ވާހަކަ ދައްކައިގެން މެޗު ސްވޮޕް ކުރީ،" ޝުޖާ ވިދާޅުވި އެވެ.
އެ މެޗު އެހެން ތާރީހަކަށް ބަދަލު ކުރެވޭތޯ ވެސް އެފްއޭއެމުން މަސައްކަތް ކުރި އެވެ. އެކަމަކު މެޗެއް ފަސް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ ފިލިޕީންސާ އެކު ރާއްޖޭން އެއްބަސްވީ މެޗު ބަދަލު ކުރުމަށެވެ.
ޝުޖާ ވިދާޅުވީ އޭއެފްސީގެ ސިސްޓަމުން ވެސް މެޗު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންވެ ދަނޑުގެ އިންތިޒާމުތަކުގައި ވެސް އުނދަގޫ ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ މަހުގެ މެޗުގައި ޓީމު އޭ ގެ ގޮތުގައި ވެސް ލިސްޓް ކުރާނީ ފިލިޕީންސެވެ. ރާއްޖޭގެ ކުޅޭ މެޗުގައި ޓީމު އޭ އަށް ވަނީ ދިވެހި ޓީމެވެ. އެ މެޗު ކުޅޭނީ ނޮވެމްބަރު 18 ގަ އެވެ.
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ހިމެނެނީ ގުރޫޕް އޭ ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ ލެސްޓޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނބހނޖު
25 February 2025
އުހުން ހަމަ ސީދާ ހޮލިޑާ ހަދަން ދާންވެގެން ބޭރަށް ދާ ގޮތަށް ހެދީ
ޙެހެހެހެހެ
24 February 2025
އެކޮޅުގަ ކުޅުނީމަ ވާނީ ޝައުބާން މަހުގެ ފަހު ދިހަޔަށް؟ ސަޅި.
މައްކު
24 February 2025
ކާން ފަސޭހައަކަށް ދޯ ދުވާލުގަޑިގަ، ކީކޭ ބުނާނީ
ދަނޑުން
24 February 2025
ޥ ރަނގަޅު ނިންމުމެއް. ތިމެޗުން ރާއްޖެ މޮޅުވެސް ވެދާނެ....
ބޮޑުބެގެ ބެއްޔާ
24 February 2025
އޭޝިޔާގައި އެތައް މިލިއަން މުސްލިމުންނެއް ދިރިއުޅޭއިރު އޭ.އެފް.ސީން ވެސް ވިސްނަންޖެހޭ ދީނީ މުހިއްމު މުނާސަބުތަކާ ދިމާނުވާނެގޮތަށް ޝެޑިއުލް ކުރަން. ޤައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާ ކްލަބް ޖަމިއްޔާތަކާ ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަށްވެސް މިކަމަށް ބާރުއަޅަންޖެހޭ. އެކަމަކު ހީވަނީ އެންމެން ހަނުތިބޭހެން. އެއްޗެއް ބުނާއަޑެއްނީވޭ. މަސްދަޅުކޭހުގެ ކަންތަކާ ދުވާލަކު 10 ފަހަރު ހެޑްލައިން އަޅާ އެބަ.
ހަމްދާ
24 February 2025
ފިލިޕީންސްގަ ކުޅުނީމަ ފަހު ދިހައެއް ލިބެނީތޯ