އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ފޮރިން މިނިސްޓަރު ހަލީލް މިއަދު ތަގުރީރު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
24 ފެބުރުއަރީ 2025 - 21:22
އިޒްރޭލުގެ ލާއިންސާނީ އުދުވާނުތަކުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތައް އަލުން ބިނާކުރުމަކުން އެކަނި ނުފުދޭނެ ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއ، އިންސާނީ ކަރާމަތާއި، ދިރިއުޅުން އިޔާދަކޮށްދޭން ރާއްޖޭން މިއަދު ދުނިޔެއަށް ގޮވާލައިފި އެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށް ގެންދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގުރީރުކުރައްވަމުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާއަށް 15 މަސް ދުވަސް ވަންދެން ދިން ލާއިންސާނީ އުދުވާނުތައް ކުށްވެރިކުރުމުން ނުފުދޭ ކަމަށެވެ.
ހަލީލް ވިދާޅުވި ގޮތުގައި، މިއަދު ދުނިޔެއިން އަމަލު ކުރާ ގޮތަކީ، މުޅި ދުނިޔެ ތަބާވާންޖެހޭ އދ.ގެ އުސޫލުތަކާއި އިންސާފާއި އިންސާނީ ކަރާމަތް ނަގަހައްޓައި، ހިމާޔަތް ކުރުމުގެ އެންމެ ވަރުގަދަ އިމްތިހާނެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓައިލަން މިހާރު އަމަލުކުރަމުންދާ އެއްބަސްވުމަށް ރާއްޖޭ މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެއީ މި ކަމުގެ ދާއިމީ ހައްލެއް ނޫން ކަން ވެސް ހަލީލް ފާހަގަކުރެއްވި އެވެ.
"ސުންނާފަތިވެފައިވާ އިމާރާތްތައް އަލުން ބިނާކުރުމުގެ އިތުރަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން އެބަޖެހޭ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، އިންސާނީ ކަރާމާތާއި ދިރިއުޅުން ވެސް އިޔާދަކޮށްދޭން،" ހަލީލް ގޮވާލެއްވި އެވެ.
އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ފޮރިން މިނިސްޓަރު ހަލީލް މިއަދު ތަގުރީރު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖޭން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެ ތަގުރީރުގައި އޭނާ ދެއްވި އެވެ.
އަދި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖޭން އަދާކޮށްފައިވާ އިސް ދައުރު ހަލީލް ފާހަގަކުރެއްވި އެވެ. މިނިސްޓަރުގެ ތަގުރީރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގަ އެވެ. ރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެމްބަރު ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ11
25 February 2025
ދެން އިޒުރޭލު ޕާސްޕޯޓު މަނާކޮށް އެމެރިކާއާ ގުުޅުންކަނޑާލާނީ ކޮންއިރަކުތަ؟؟
ބަދަލުތައް
25 February 2025
އެމެރިކާ އާއި އިޒުރޭލުން މެރި މީހުންގެ މަރުގެ ދިޔަވެސް ދޭންޖެހޭނެ.
ޝަރަފުގެ ސަރަފު
25 February 2025
ބޮޑާ ކަމާ ކިބުރު ވެރި ކަމާ ފޮނި ކެނޑުމާ ހީލަތާ މަކަރާ ދޮގު ހެދުމާ ބައިނަލް އަގުވާމީ ގޮތުން މަނާ ހުރިހާ ކަމެއް ކުރުމާ ފާހިސް އަމަލު ތަކުގެ ކުރީ ސަފުގަ ތިބުމާ އަގުބޮޑުހާ ކޯޓު ފަޓުލޫނު ލައިގެން ތިބެ ނާށި ގަނޑު ހިފައިގެން ދުނިޔޭގެ ގަ ސަލާން ޖަހަމުން ދުވުމަކީ މިރާއްޖެ އަށް ލިބިފައިވާ އެންމެ ބޮޑުޝަރަފެވެ.
މުސްތަފާ ކަރީމް
25 February 2025
މީ އަހަރުމެން ދިވެހިންވެސް އެދޭ ގޮތް. ސަރުކާރުގެ ސްޓޭންޑް ހަމަ ވަރަށް ފުރިހަމަ މިކަން.
މުހައިމިން.
25 February 2025
ފަލަސްތީނުގެ ހައްގުގައި އަދުގެ ސަރުކާރުން ކުރާ މަސައްކަތް ހަމަ ސަތޭކަ. ތިގޮތުގައި ހިފަހައްޓާ!
މީދެން އަސްލުކާކުތަ
25 February 2025
މީނަދެން ފޮރިން މިނިސްޓަރުކަމަށް ކުފޫ ހަމަނުވޭ.
2
24 February 2025
ހައްގުތަކޭ އިންސާނިއްޔަތޭ ގޮވާއިރު އަމިއްލަރަށުގާ ކޮށްލެވޭވަރުގެ ކުޑަކުޑަ ކަމެއްވެސް ނުކޮށްލެވޭ. ފުރަތަމަ މިސާލުދައްކާ. ދެން ތިގޮވާއެއްޗެއް ގޮވާ. ދިވެހިންނަކީ އަމަލުން ސުމެއް. އަނގައިން 100 ގެ ބައެއް. ތިމާވެށީގެ މައްސަލައަކީ އޭގެ ފުރިހަމަ ނަމޫނާއެއް.