މިނިސްޓަރު އިހުސާން
25 ފެބުރުއަރީ 2025 - 12:27
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީސް ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ފޯމް ފުރުމުގެ މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގައި ސިޔާސީ މަސައްކަތެއް އިތުރަށް ނުކުރަން އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިހުސާންގެ އިތުބާރު ނެތްކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލާގައި، ޑީއެންއާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތު ނަގައިގެން ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ބުނާ ވާހަކައަށް މަޖިލީހުގައި މިއަދު ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އޭނާ އިސްވެ ހުންނަވައިގެން ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތްކުރީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ލައްވާ ކަމަށެވެ.
ކޮންމެ ވަޒީރަކު ވެސް ވަކި އަދަދަކަށް ފޯމް ހަމަކުރަން ހަވާލުވެފައިވާތީ، އޭނާއާ ހަވާލުވި 500 އެއްހާ ފޯމް ފުރުމަށް ހޯމްލޭންޑްގެ 50 އެއްހާ ސިޔާސީ މުވައްޒަފުންނާ ހަވާލުކުރި ކަމަށާއި އެކަމުގައި ބައެއް މަސައްކަތްތައް ޑީއެންއާރުގެ އޮފީހުގައި ހުރި މީޓިން ރޫމެއްގައި ކުރި ކަމަށް އިހްސާން ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރީ ރަސްމީ ގަޑި ނިމި، ހަވީރުގެ ވަގުތެއްގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިހުސާން ވިދާޅުވީ އެތަނުގައި މައިގަނޑު ގޮތެއްގައި ކުރި މަސައްކަތަކީ ފޮނުވާފައި ހުރި ފޯމުތަކުގައި ހެކިވެރިންގެ ބައި ފުރުމާއި ޑިޖިޓަލްކޮށް ފޮނުވާފައި ހުރި ފޮޓޯތައް ޕްރިންޓު ކޮށްގެން ފޯމުތައް ފުރިހަމަ ކުރުން ކަމަށެވެ.
އެ މަސައްކަތް ޑީއެންއާރުގެ މީޓިން ރޫމުގައި ކުރަމުން ދިޔައިރު އޭނާ ދެ ދުވަހެއްގެ މަތިން އެތަނަށް ވަޑައިގަތް ކަމަށާއި ފުރަތަމަ ދުވަހު ވަޑައިގަތީ ޕިއްޒާ އޯޑަރު ކޮށްގެން ކެއުމަށް ދައުވަތު ލިބުމުން ކަމަށާއި އަދި ދެވަނަ ދުވަހު ވަޑައިގަތީ ފޯމުތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ހިނގަމުން ދިޔައިރު، 50 އަށް ވުރެ ގިނަ މީހުން ތިބި ގުރޫޕަކަށް ހުރިހާ ފޮޓޯތަކެއް ފޮނުވަމުން ދިޔަ ކަމަށާއި "ވަގަށް ސިއްރިއްޔާތުގައި އޮޅުވާލައިގެން ކުރާނަމަ 50 މީހުން ތިބި ގްރޫޕަކަށް ފޮޓޯ ނުފޮނުވާނެ" ކަމަށް އިހުސާން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފު ކަމަކަށް ނުވި ނަމަވެސް، ސިޔާސީ މުވައްޒަފުން އޮފީހުގައި ސިޔާސީ މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމަށް ނުވާތީ އެކަން އިތުރަށް ނުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް އެފަދަ ތަނެއްގައި ކުރެވިގެން ދިއުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ފަދަ ކަމެއް. އެކަން ނުކުރުމަށް ވާނީ އަންގާފައި. އެކަން އެގޮތަށް ދެން ނުހިނގާނެ،" އިހުސާން ވިދާޅުވި އެވެ.
އެހެން ނަމަވެސް މިއީ އަލަށް ހިނގި ކަމެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުގައި ވެސް މިފަދަ ކަންކަން ހިންގާފައިވާ ކަން ވެސް އިހުސާން ފާހަގަ ކުރެއްވި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ
އިހުސާން އިތުރަށް ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭނުން ކޮށްގެން ޕާޓީއަށް މެންބަރުން ވެއްދިނަމަ ހޯމް މިިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހުށަހަޅާނީ އެންމެ 1،700 ފޯމު ނޫން ކަމަށެވެ.
"އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ފޯމު ވެއްދި ނަމަ 1،700 ފޯމެއް ނޫން އަޅުގަނޑު ވައްދާނީ. އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދި ނަމަ އަޅުގަނޑު 40،000 މީހުން ވައްދާނަން،" އިހުސާން ވިދާޅުވި އެވެ.
ތުހުމަތުތަކަށް އިތުރަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީން 500 އަށް ވުރެ ގިނަ ސައްހަ ނޫން ފޯމް ހުށަހެޅިއިރު، މިހާތަނަށް ޕީއެންސީން ސައްހަ ނޫން ފޯމްގެ ގޮތުގައި ހުށަހަޅާފައިވަނީ 183 ފޯމު ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި ޕީއެންސީއަށް 40،000 މެންބަރުން އިތުރުވިއިރު އެމްޑީޕީން 9،000 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ. އަދި އެއީ ވެސް އޭނާ ކުރެއްވި ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އެ ވެސް ހަމަ އަޅުގަނޑު ތޯ އޭ ސުވާލަކީ. އެހެންވީމާ ތަނެއްގައި ކަމެއް ހިނގާއިރަށް އަޅުގަނޑު ބޮލުގައި އަޅުވަން ޖެހޭ ޒިންމާއެއް ނޫންހެން އަޅުގަނޑަށް ހީވަނީ،" އިހުސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުވަހަކަށްވުރެ ދުވަހެއް
25 February 2025
ކިތަންމެ މޮޅުފާހެއް އޮތަސް އަޚްލާގް ނެތް ބަޔަކާ އެކުވާ ހިސާބުން ތިމާގެ ވެސް އަޚްލާގް ދާނީ ގެއްލެމުން.
މެއްކު
25 February 2025
ސިއްރިޔާތުގައި ވިޔަސް ފާޅުގައި ވިޔަސް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި އަމިއްލަ ބޭނުމަށް ބޭނުން ކުރިކަމަށް އަމިއްލައަށް އިއުތިރާފުވެފައި އެވަނީ، އެފަދަ މީހަކު މިނިސްޓަރު ކަމުގައި ބަހައްޓަން ފެންނަ ކަމަށް ވޯޓުދޭނީވެސް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ކެއުމަށް ހިއްވަރުދޭ މެމްބަރުން، ދައުލަތުގެ އިދާރީ ހިންގުމުގެ ބާރުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރާއިރު އެކަންތަައްތައް ބަލައި ފާރަވެރިވާން އޮތް މަޖްލީހުން އެކަމަށް ސަޕޯޓްކުރުމަކީ ދެރަކަމެއް،
މުއްސަބު
25 February 2025
އިހުސާނަށްް ކުރެވުނު ކަމަކަށްވީމަ "އެހާ ރަގަޅު ކަމަކަށް ނުވާތީ" ދެން ނުކުރަން އަންގާލީ. އިދިކޮޅު ފަރާތެއްް ކުރިކަމެއްނަމަ ކޮރަޕްޝަން، ނުފޫޒު ފޯރުވުން، ދައުލަތުގެ ތަކެތި ނަހަމަ ގޮތުގައި ބޭނުންް ކުރުން މިހެން ގޮސް ފޮތުގައި އޮތް ހުރިހާ ތުހުމަތެއް އެޅުވުމަށްފަހު ފުލުހުންްނެރި ތަހުގީގު ހިންގާ ހުރިހާ ކަމެއް ކުރާނެ.
ސުންދުސް
25 February 2025
މިއީ ބޮން ޑްރާމާ ކުޅުނު މީހާ. އައިޑެންޓިޓީ ތެފްޓްއަށް ފަހު ވެސް މަޤާމުގަ!
އަލިބޭބޭ
25 February 2025
ދެން ނުކުރާތި އިނގޭ ހަނދާންކޮށް:
ސިއްބަތް އަޒީޒް
25 February 2025
ކިތަންމެ ވާހަކައެއް ދެއްކިޔަސް މިވަރުގެ މިނިސްޓަރ އެއް ނެތް. އެމްޑީޕީއިން ހަޖަމް ނުވެގެން އުޅެނީ
vީވިއްލިސާ
25 February 2025
ދައުލަތުގެ މުދަލުން ވައްކަންކޮށްގެން އަމިއްލަ ޕާޓީއަށް ލާރިހޯދަންތޯ، ދައުލަތުގެ މުދާ ބޭނުން ކޮށްގެން ފޯމާއި ފޮޓޯ ޕްރިންޓްކޮށް، ކަރަންޓާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށް ކޮރަޕްޝަން ހިންގަން މި ވަރުގެ މީހަކުނެތް ވާހަކަތޯ، އަދި ބެލީމަ އެގޭނީ ތި ޕިއްޒާއެއްވެސް ގެނެއްސަ ހުރެދާނެ އޮފީހުގެ ޚަރަދުގައި
އަޖުނަދު
25 February 2025
ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް އިހްސާނަކީ ނަޒާހާތްތެރި ބޭފުޅެއް.
ޢމޢޣ
25 February 2025
ކުރިން ކުރައްވައިފީމުތާ... ޙަހާހަހާ
ސީޒަން ޖެކްޝަން
25 February 2025
ކޮބާ ލަދު؟ ދެން އެކަން ނުކުރުމެއްނޫން ހައްލަކީ. ހައްލަކީ އިސްތިއުފާދީ މިކަން ރަނގަޅަށް ތަހުގީގީކުރުން. ހާވާފާހުރި ހަޑި އެނގޭނީވެސް ތަހުގީގެއްކޮށްގެން.
ނަށީދު
25 February 2025
ތީ ކުޅެލި ޑްރާމާއެއްނު!