ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަން ވަނީ އަންގާފައި
25 ފެބުރުއަރީ 2025 - 15:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިނުވެ، ވިޕްލައިނާ ހިލާފުވި ޕީއެންސީގެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެކަން އަންގައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް، އެ ވޯޓު އޮތް ގަޑީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވަ އެވެ.
އެކަމާ ހިތްހަމަނުޖެހިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް ބައެއް މެންބަރުން "މިހާރު" އަށް ވަނީ ވިދާޅުވި އެވެ. އެ މެސެޖްގައި، ޕާޓީން ވިޕް ނެރެފައި ވަނިކޮށް އެއާ ހިލާފަށް އެއްވެސް ގޮތަކަށް އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ހިލާފުވި މެންބަރުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
- އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
- ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ވިޕްލައިންއާ ހިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން ޕީއެންސީގެ ލީޑަޝިޕުން އަންގާފައިވާއިރު، މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ މެންވަރުންގެ ވޯޓާ އެކު ގާނޫނުއަސާސީއަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާރުގެ މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަން ކަނޑައަޅައިދޭން ވެސް އެ މައްސަލާގެ ތެރެއިން ވަނީ އެދިފަ އެވެ.
އެ އިސްލާހުގެ ދަށުން މެންބަރަކު ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ހިންގުން މަނާ ކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެ ބިލާ ގުޅޭގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 40 ވަރަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ.
ނަަމަވެސް، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދުކުރަން މެންބަރުންނަށް ރޭ އަންގަވައިފަ އެވެ. އެގޮތުން ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ބިލަށް ތާއީދުކުރަން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
27 February 2025
ޑިކިޓޭޓަރުސިޕު އަނބުރާ ވާސިލުވީ ދޯ؟ ދެންފެންނާނީ ޖަލުގޭގަ މީހުން އަނދަގޮޑިޖަހައި، އެކޮޅުކޮޅުން އެލުވާފަ ތިއްބާ. އަލުންބަލުން، އަނެއްކާ، ދިގުތިރީހަށް ރުޖޫވަވެވުނީ.
ދޮޅި ހުސޭނު
26 February 2025
'ޑިމޮކްރަސީ' ރާއްޖެއަށް ގެނައި ފަހުން ކޮންމެ މީހަކަށްވެސް ވެރިކަން ލިބި އިތްޒަތުގައި އުޅެން ފެށުމުން ރައްޔިތުންގެ މަތިން ހަނދާން ނެތޭ. އެނެއްކާވެސް ފަސް އަހަރު ފަހުން ނުވަތަ އޭގެ ކުރިންވެސް ރައްޔިތުންގެ ވޯޓުން ރައްޔިތުން ތިބީ ކިހިނެއްކަން ބުނެދޭ. އެއަޑު ރަނގަޅަށް ނާހައިފިނަމަ ފަސް އަހަރު ފަހުން އެއަޑު ގަދަކަމުން އިއްވާ. އޭރު ވެރިމީހާއަށް އޮންނަނީ ވަގުތު ފާއިތުވެފަ. ދެން ޖެހެނީ ވެރިކަމުން ފައިބަން. ވަރަށް ސާފު ކަމެއް މީ.... އެހެން ނޫންތޯ؟
މިއޮތީ
25 February 2025
މަޒީ އަނެއްކާވެސް ހަމަ ތަކުރާރުވަނީ. އަމިއްލައަށް ފޭހޭ އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭތަން އަނެއްކާވެސް ފެންނާނެ. އެކަމަކު ބުއްދިވެރިންނަކީ މާޒީން ފިލާވަޅު ލިބިގަންނަ މީހުން
ރުންކުރު
25 February 2025
ރައީސް އަދި ޕާޓީގެ ލީޑަރޝިޕުން ކިތަންމެ ބިރެއް ދެއްކިޔަސް، ޕާޓީއިން ވަކި ކުރިޔަސް، ކޮންމެ މެންބަރަކީވެސް ރައްޔިތުން ހޮވާފަ ހުރި މެންބަރެއް. ރައްޔިތުން ބޭނުމެއް ނުވޭ އަދުލު އިންސާފުގެ ބާރަށް ނަހަމަ ގޮތުގައި ނުފޫޒު ފޯރުވާ ކޯޓުތައް ސައިޒު ކުރާ ވެރިއެއް ނުވަތަ ސަރުކާރެއް. ރައްޔިތުންގެ ބަސް ވޯޓުފޮށިން ރައްޔިތުން އަބަދުވެސް އިއްވާނެ. ރައީސްވެސް ޖެހޭނީ ކިތަންމެ ބޭނުންނޫނަސް އެއަޑު އަހަން
އަކްމެޑް
25 February 2025
ރައޔުތުންގެ މަޖިލީހޯލަ. ޕާޓީތަކުގެ މަޖިލީހޭ މިހާރު ކިޔަން ޖެހޭނީ
އޮނަރަބްލް އަފީފު ދީދީ
25 February 2025
ރާއްޖޭގެ އެންމެކުޅަދާނަ އަންހެން ފަނޑިޔާރު އައިޝަތު ޝުޖޫން އާއި، ފަޙުރުވެރި ދިގު މާޒީއެއްއޮތް ފަނޑިޔާރުން އެއާއިލާއަކަށް ނިސްބަތްވެ ވަޑަައިގަންނަވާ އައްޑޫ މީދޫ ހަސަންކާރިގޭ މަޝްހޫރު ޤާނޫނީ ވަކީލު އަދި ދައުލަތުގެ ބަންޑާރަ ނަައިބު ކަންވެސް ކުރައްވާ މިވަގުތު ދައުލަތުގެ 3 ބާރުގެ ތެރެއިން އެންމެ ޙާއްސަ ބާރު ކަމުގައިވާ ސުޕްރީމްކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު ބޭރުކުރަން ތިއުޅެނީ މުޅި ޝަރުއީ ނިޒާމް ނުކުޅެދުންތެރި ކޮށްލުމަށްތޯ؟!
އަބްޑޫޅް +
27 February 2025
އަފީފު ދީދިއްޔައޮ، ފަނޑިޔާރު ސުޢޫދު އަކީ ޒަމާނޫއްސުރެން ފަނޑިޔާރުކަމުގެ ތެރެޔަށް ލާމެހިގެންވާ، އައްޑު އަތޮޅުގެ އެންމެ ނަންހުރި، އެންމެ ފަޙުރުވެރި، ފަނޑިޔާރުކަމުގެ ދެ އާއިލާއިންކުރެ އެއް އާއިލާގެ އެއް ފަނޑިޔާރު. އަޅުގަނޑު ސުއޫދު އާއި ދެވަނައަށް ބައްދަލުވީ އޭނާގެ އިސްކޯލު ދުވަސްވަރުގެ ދިރާސީ ފަހު ދެ އަހަރުންކުރެ ފުރަތަމަ އަހަރުގެ ފުރަތަމަ ދުވަހު. އޭރުވެސް ސުޢޫދު އަކީ، ވަރަށް ހަރުދަނާ ދަރިވަރެއް. މިހާރު، ސުޢޫދު އަކީ އެންމެ ހަރުދަނާ އެއް ފަނޑިޔާރު.
ނީމާ
25 February 2025
މިކަމާހެދި މެމްބަރުކަމުން ވަކިކުރިޔަސް ހެޔޮ. ރައްޔިތުން އަލުން ހޮވާދޭނެ. ހާސްނުވޭ މެމްބަރުން
އަހްމަދް
25 February 2025
މިވަރަށް ސައިޒުކޮށްގެން މަޖިލީސް މެންބަރުން ގެންގުޅޭއިރު އެހެންމީހުން ތިބޭނެ ހާލަތު އަންދާޒާކުރެވޭ...
ކަލީމް
25 February 2025
ވިޕެއް ނެރެގެން ވެރިކަމުގެ ބާރާ ގާނޫނު ހެދުމުގެ ބާރު މިހާރު އޮތީ އެކެއްގެ އަތް މަތީގައި. މިއީ އިހްލާސްތެރި ބަޔަކު ކަންކުރާނެ ގޮތެއް ނޫން. ދައުލަތުގެ 3 ބާރަކީ ވަކިވެފައި އޮންނަންޖެހޭ އެއްޗެއް.
ހޭބަލި
25 February 2025
ތީ މަތިން ބާވާލައްވައިފަ އޮތް ކަމެއްތަ؟ ވަކި ގޮތަކަށް ވޯޓް ދޭން.