މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި ކަމަށް
25 ފެބުރުއަރީ 2025 - 12:12
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހިގެން ކަމަށާއި އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ހުކުމްތައް ނެރެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ މިއަދު ފެންނަނީ ސިޔާސީ އޮއިވަރުގައި ޖެހިގެން ނުވާނެ ބަޔަކު އެ އޮއިވަރުގައި ޖެހިފައިވާ ތަން ކަމަށެވެ.
"ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ފަނޑިޔާރުން ވާންޖެހޭނީ ސިޔާސީ ކަންކަމުން ބަރީއަވެގެން ތިބެންޖެހޭ ބަޔަކަށް ކަމަށާއި ނަމަވެސް، އެކަން އެގޮތަށް ނުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ފެންނަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ހުކުމްތައް ކުރާ ތަން ކަމަށެވެ.
ނާޒިމް ވިދާޅުވީ ބިލް ބަލައިގަނެ، މިއީ ގެންނަން ފެންނަ ބަދަލަކަށްވާ ނަމަ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރަން ވެސް ކެރޭނެ ކަމަށާއި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒާ މެދު ވެސް ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވާ ކަމަށެވެ.
"މިހާރު މިއޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި ތަން ފެނިގެންދިޔަ. އެ ސުވާލަކީ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނިކޮށް އެ ދީނަކީ އިސްލާމް ދީން ނޫން ކަމަށް މަޖިލީހުން ނިންމައިފި ކަމަށްވާ ނަމަ ދެން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ. އެ ބާބުގައި ވެސް އެބަ ބުނޭ އިސްލާމް ދީނާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމަކީ މަޖިލީހުގެ ބާރެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެފަދަ ސުވާލުތައް ސުޕްރީމް ކޯޓުން އުފެއްދުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނަށް މެންބަރު ސައްތާރު އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރިކޮށް، ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމުމަށެވެ.
ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދުލޭކީ އާގު
26 February 2025
އޭބަލަ ނާޒިމޫ ދިރިތިބީންނަށް އެބައެނގޭ ތިބޭޅާ ތިޔައުޅެނީ ތެޔޮއަރައިގެން ބަދަލުހިފަންކަން.
އަބުރުން
26 February 2025
މީގަ ބަލަން ޖެހެނީ އެމީހާ ހުކުމް ކުރާ ގޮތް، ޤާނޫނުގަ ނޫނީ އިސްލާމީ ޝަރީއަތުގަ އޮންނަ ގޮތާ ހިލާފުނުވާހާ ހިދަކު އެމީހަކު ރަގަޅު، މައްސަލައަކީ ތިބާ ބޭނުން ގޮތަށް ހުކުމް ނުކުރީމަ އެމީހަކު ކަމުނުދާ މައްސަލަ.
ކުރަގަނޑު
25 February 2025
ނަސީބެއްނު، ފަނޑިޔާރުންނަކީވެސް ވައްކަންކުރާ ބައެކޭ ނުބުނިކަން.
ރާވެރިބެ
25 February 2025
ނާޒިމް އަކީ މީގެ ކުރިން ހަމަޖެހޭ ވާހަކަ ދައްކާ މީހެއް. އެކަމަކު މިދެއްކީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއް؟ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ސިޔާސީ ބައެއް މީހުންގެ ބަހަށް އެމީހުން ބޭނުންވާ ގޮތަށް ހުކުމް ކުރަން ކަމަށް "ސިގްނަލް" ދޭވާހަކަ އެއީ ކޮންވައްތަރު ވާހަކައެއްތޯ؟ ހުކުމް ވަކި ގޮތަކަށް ކޮށްފާނެ ކަމަށް ބިރުހީވެ ގައުމުގެ އެންމެ ފަހުބަސް ބުނަން އޮތް ކޯޓު ސިޔާސީ ބޭނުމަށް ބަދަލު ކުރައްވަން އުޅުއްވަނީ ތިބޭފުޅުން ނޫންތޯ؟
ކަނބިލި
25 February 2025
އެންމެ ރަނގަޅުގޮތަކީ އެއިރަކު އެއޮންނަ ސަރުކާރަކުން ފަނޑިޔާރުން އައްޔަންކުރުން. ކޮންމެ ސަރުކާރެއް ވެސް އައުމާއެކު ސިޔާސީ މަގާމުތަކަށް މީހުން ލާ ބީދައިން ސުޕުރީމު ކޯޓަށް ވެސް މީހުންލުން. ބާރުތައް ވަކިކުރުމުންވެސް އެކަން އެގޮތަކަށް އެއްއިރެއްގައިވެސް ނުހިނގާ. ކުރީ ސަރުކާރުން ވެސް ބަދަލުގެނައި. އޭގެ ކުރިން ވެސް ގެނައި. އެންމެ ބޮޑު މައްސަލައަކީ އިތުބާރުނުކުރެވޭ މައްސަލަ. ވަކި ކުލައެއް ކޮންމެވެސް ގޮތަކަށް ޖެހިފައި ތިބެނީ
ހޭބަލި
25 February 2025
މިއޮތް ހުރިހާ ދުވަހު ދެއްކީ ސްޕްރީމް ކޯޓްގެ ރަގަޅު ވާހަކަ ނުފޫޒެއް ނެތް ވާހަކަ. ސްޕްރީމް ކޯޓުގެ ފަޑިޔާރުންނާ ނުކުޅެވޭނެ ކަމަށް، ކުއްލިޔަކަށް މަންޒަރު ބަދަލުވީ ކިހިނެތް. - މުއިއްޒުގެ ކަންތައްވެސް ތިދަނީ. މިއީ ސަރުކާރުގެ ޖެހޭނެ ލައްގަޑެއް އިންތިހާބުގައި ބޭނުން ކުރުމަށް ރަގަޅު ސްލޯގަން އަކަން ބެންޗު ބަދަލުކުރުން ވެގެންދާނެ. ޔާމީނަށްވެސް ދިމާވީ މިކަހަލަ ޅައެއްޗެހި އެޅުން.
ޅަބޯ
25 February 2025
ސިޔާސީގެ މާނަޔަކީ ނުހައްގު/ބޭއިންސާފު/ހަރާމް ބާ؟!
ވަތަންގެ ދަރި
25 February 2025
ހުސްނުސުއޫދަކި ނަނޑައެޅިގެން ސިޔާސީ ގޮތުން ވަކިގޮތެއް ޙިޔާރުކޮށްގެން ހުރި ފަނޑިޔާރު ކަމުގެ މަގާމަށް ކުފޫހަމަނުވާ މީހެއްކަމުގެ ހެއްކަކީ މަބުލީހުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންނޫންކަމަށް ކަނޑައަޅައިފިނަމަ އުފެއްދި ސުވާލު. ބުރަދަނެއްނެއް ސުވާލެޢް.
ސިޔާސީ ކަނޑުކޮހުން
25 February 2025
އެ ސުވާލުގެ ބުރަދަން ހުރި ވަރު އެބައެނގޭ މުޅި މަޖިލިސް އާ ސަރުކާރުވެސް ހެލިގަތީމަ
ނޫސަންގު
25 February 2025
ނާޒިމް ތި ވާހަކަ ދައްކަން ރީއްޗެއް ނޫން. ތިބޭފުޅާ މިހާރު ހުދު ފޮތިކޮޅަކަށް ވެގެން އުޅުނަސް ތިބޭފުޅާގެ މާޒީ ދަންނަ މީހުން އެބަތިބި މިގައުމުގަ.
ކުރުގި
25 February 2025
މިހާރުވެސް އެހެން، މި މައްސަލައަށްވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ތިޔަ މީހާ
އޮނަރަބްލް އަފީފު ދީދީ
25 February 2025
ޤާނޫނުއަސާސީގައި އަމުރުކޮށްފައިވާ އެތައްމާއްދާތަކަށް ޤާނޫނީނަޒަރަކުން ބަލައިފިނަމަ، ސާފުކޮށްއިގޭ އޭގެޒާތުގައި އެއްބާރުން އަނެއްބާރަށް "ނުޙައްޤުބާރުވެރިކަން ފޯރުވައިގެން ނުވާނެކަމަށް" ކަޑައަޅާފައިއޮތް އޮތުމަކީ އެއްވެސް ޙާލެއްގައި ވެރިކަންހިންގުމުގެ އިދާރީބާރު ދީފައިވާ ރައީސުލް ޖުމްހޫރީޔާ އާއި، އަދި ސަރުކާރު ޒިންމާދާރުކޮށް ޤާނޫނުހެދުމުގެ ބާރުކަމަށް ކަޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުން ހަދާގޯސް ހުއްޓުވުމަށް ސުޕްރީމްކޯޓަށް އޮތް ހުރަހެއް ނޫންކަން.
އިސްލާހުބެ
25 February 2025
ސުޕް ކޯޓަކަށް ގާނޫނު އަސާސީއަށް އުނި އިތުރެއް ނުގެނެވޭނެ. އެއީ މުތުލަގުކޮށް މަޖިލިހަށް ދީފަ އޮތް ބާރެއް. ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް ހެވަސް ނުބަޔަސް ބަދަލު ކުރެވޭނީ ހަމަ މަޖިލިހަށް. ސުޕް އިންވެސް ތަބާވާން ޖެހޭ އެއްޗެއް ގާނޫނު އަސާސީއަކީ. އޭގެ މައްޗަށް ބަސް ނުބުނެވޭނެ ސުޕް އަކަށް ވެސް. އެއީ ނެތް ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރުން.
ކުވަރު
25 February 2025
މުޠުލަޤު ބާރެއް އޮންނާނީ ހެއްދެވިފަރާތަށް