ޣަނީ: އުއްތަމަ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި --- ފޮޓޯ/މިހާރު
05 އޯގަސްޓް 2025 - 13:28
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން "ހައިލީ ރެކޮމެންޑެޑް" ބޭފުޅެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވީ ޣަނީގެ ނަންފުޅެވެ.
އެހެންވެ، މަޖިލީހަށް ރައީސް މުއިއްޒު ވެސް ފޮނުއްވީ އެންމެ އިސްކަން ދެއްވާ ނަމެއްގެ ގޮތުގައި ޣަނީގެ ނަންފުޅެވެ.
މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވާ ޣަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރު މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ ރައީސްގެ ކުރިފުޅުމަތީގައި ހުވާކޮށް، މަގާމުގެ ފަތްކޮޅު އެރުވުމުންނެވެ. މިއީ މިހާރު އަމަލުކުރާ ފެހިގާނޫނުގެ އަސާސީގެ ދަށުން އައްޔަން ކުރާ ފަސް ވަނަ އުއްތަމަ ފަނޑިޔާރެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޖޭއެސްސީގެ ރައީސްކަމާއި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން އޭނާ ކުރެއްވި އެވެ.
އޭގެފަހުން 2018 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ޑިސެމްބަރު، 2019 ގައި މަޖިލީހުން އޭނާ މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުން އޭރު ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.
ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ދެން ކުރިމަތިލެއްވި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ޖޭއެސްސީން ދެވަނަ ދިންއިރު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިނީ މޫތަސިމް
05 August 2025
މީހަމަ ސީދާ ކުޑަ މުއުތަސިމް. ބެހޭނެކަމެއްވެސް ނެތް، ނުވެސް ބެހޭނަން، އެއިރަކު އޮތް ސަރުކާރަކުން ބުނިހާ ގޮތެއް. ނިންމާފަ ގެޔަށްދާނީ ރިޓަޔާޑް ޓެގާއި، މުސާރަ ޕެކޭޖާއެކު. އޭގެފަހުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަބަގުވެސް ގޮސް ކަރުގަ އަޅުވާނެ.
ދަރިވަރެއް-2
05 August 2025
އުސްތާޛް ޣަނީ އަކީ ޢިލްމީ ބޭފުޅެއް. ވަކިން ޚާއްޞަކޮށް އިސްލާމީ ޝަރީޢާ ފެންފަދަ. އަޅުގަނޑަށް ބެޗެލަރަސް އަދި މާސްޓާރސްގައި ވެސް އުޞޫލުލް ފިޤުޙު ކިޔަވައިދެއްވީ ޣަނީ. ޤާނޫނު ކިޔަވަން ހޭދަކުރި 6 އަހަރު ދުވަސް ތެރޭ ދިމާވީ އެންމެ ތަފާތު، އަދި އެހައިމެ މޮޅު ލެކްޗަރަރއެއް. އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް
ޒަކަރިޔާ
05 August 2025
ހަތަރެސްކަން ހަމަވީ.
ނާޑުވާ
05 August 2025
މި ވެރިކަން ނިމުމުގެ ކުރިން ވާނެ އިއްޒަތްތެރިކަމާއެކު ރިޓަޔަރ ކުރައްވަން. މުޅި އުމުރަށް 70 ހާސް ރުފިޔާ އާ އެހެނިހެން އިނާޔަތްތައް ލިބޭނެ. ރައްޔިތުން ވަރިހަމަ ބަނޑަށް ތިއްބަސް.
އިއްޒަތު
05 August 2025
މުއިއްޒުއަށް ރައްޔިތުންކުރި އިތުބާރު މުޅިންހެން ގެއްލިއްޖެ ޝަރުޢީދާއިރާއަށް އަތްބާނަން ފެށިހިސާބުން ދައުލަތްދާ މިސްރާބު ގޯސްކަމަށް ރައްޔިތުން ބުނަން ފަށައިފި. މިއަށްވުރެ އަވަހަށް ރައްޔިތުން ފޫހިވި ވެރިއަކު އަދި ވެރިކަމަކަށްނާދޭ!
ރަމަ
05 August 2025
މުއިއްޒު ބުނިގޮތަކަށް ކަންކަންކޮށްދޭނެ ބޭފުޅަކު ތިގެނައީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް ރައްޔިތުންދެން އިތުބާރެއް ނުކުރާނެ! ކުޑަނަމަވެސް ކުރަމުންއައި އިތުބާރު ގެއްލިއްޖެ.
އިސްތަފާ އަލީ މުހައްމަދު
05 August 2025
މަރުހަބާ އުއްތަމަ ފަނޑިޔާރު. ތެދުވެރިކަމާ އަމާނަތްތެރިކަމާ ނަޒާހަތްތެރިކަމުގެ ލާމަސީލު މިސާލެއް ގަނީއަކީ
މިނީތަސިމް
05 August 2025
ވަރަށްބޮޑު ތެދެއް، އެހެންވެ ކުރީގަ ހައިކޯޓުން ބޭރުވީ. އޭގެފަހުން މިސަރުކާރުގަ ހައިކޯޓަށާ، ސުޕްރީމް ކޯޓަށް އެޕްލައިކުރީމަ ނުހޮވުނީވެސް ނަޒާހަތްތެެރިކަމުން ގޮސް.
މޮނޯތަސިމް
06 August 2025
ހައިކޯޓުން ބޭރެެއްނުވޭ. މައުލޫމާތުގެ ކުށެއް. ޣަނީ މިދައުރުގަ ހައިކޯޓަކަށް ކުރިމައްޗެއް ނުލާ. ކުޑަ ބަލާލާފަ ވާހަކ ދައްކާނަމަ މޮޔައެއް ނުގޮވޭނެ. މިނީތަސިމް ޕްލީސް ރީޑް ބިފޯ ޔޫ ސްޕީކް
އަހްމަދު އިޖާޒް
05 August 2025
މަރުހަބާ. މުއުތަސިމާ، އަބްދުﷲ ޑީޑީއާއި ޢަބްދުﷲ ސައީދާ، ފާއިޒުއާ މި އެންމެން އެއްކޮޅަށްލާ އަނެއްކޮޅަށް ގަނީ އެކަނި ލިޔަސް ކިހިއްޔަށް ޖަހާލައިގެންދާނެ ފެންވަރު ހުންނާނެ
ރަންރަން
05 August 2025
މި ސަރުކާރުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމު 2024 ގައި ހަމަޖައްސައި ދޭން ދެން ހުންނެވީ ޔުނިވަރސިޓީ އެއްގެ ސީނައަރ ލެކްޗަރަރ ކަމުގައި. ކިހިނެށް ގާބިލް ބޭފުޅެއް؟
އަސަފަފަ
05 August 2025
ސީދާ ރައީސް ޔާމިންގެ ޝަރީއަތަށް ރެޑީ ވަނީތާދޯ މި