އަނާރާ ނައީމް: ކޮމިޓީގައި ވޯޓު ނުދެއްވައި ތަޅުމުގައި އަނާޒާ ވޯޓު ދެއްވީ ބިލް ފާސްކުރަން
26 ފެބުރުއަރީ 2025 - 11:06
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ފާސްކުރަން ޖުޑިޝަރީ ކޮމިޓީގައި ވޯޓު ނުދެއްވި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އެ ބިލް ފާސްކުރަން ތަޅުމުގައި މިއަދު ވޯޓު ދެއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ގެއްލޭ ގޮތަށް އޮތް ބިލް ފާސްކުރަން މިއަދު އަތް ނަގައިގެން އެހި ވޯޓުގައި އަނާރާ ވޯޓު ދެއްވީ އެ ބިލް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިއްޔެ ބިލް މަޖިލީހުން ބަލައިގަނެ، ކޮމިޓީގައި ދިރާސާ ކުރުމުގެ މަސައްކަތް ކުރިއިރު ކޮމިޓީގެ ނައިބު މުގައްރިރު ކަން ވެސް ކުރައްވާ އަނާރާ ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އެންމެ ހަތް ދުވަހަށް ކުރުކޮށްފައިވާތީ އެވެ. ނަމަވެސް އެ މާއްދާ އަށް އޭނާ އެއްވެސް އިސްލާހެއް ހުށަހަޅުއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
ބިލް އޮތް ގޮތަށް ކޮމިޓީން ފާސްކުރަން ރޭ އެހި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލަށް ތާއިދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ. ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
ރޯލް ކޯލް ވޯޓަކަށް ގޮސްގެން މި ބިލް ފާސްކުރަން ވޯޓަށް އެހީ މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، އެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އަންގައިފަ އެވެ. އަދި ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ރޭ ވަނީ ނެރެފަ އެވެ.
އަޒާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، ވޯޓުގެ ވަގުތު ޖެހުމުން އޭނާ ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެއްކު
26 February 2025
އަޒާން ހާދަހާ ފިޑިއެވެ، ތިއީ ކުރިން މަގުމަތިން ފެނުނު، އަދި ލޯންޗުގައި ރޯހިތު ހޯދަން ދިޔަ އަޒާން ހެނެއް ހިއެއްނުވޭ. އެންމެ ކުޑަ މިނުން ބިލާއި ދެކޮޅުކަން ރައްޔިތުންނަށް އަންގަނވެސް ބިރުން ތިއުޅެނީ،
މުޙުއްމާ
26 February 2025
އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފުނުވާހިދަކު މެމްބަރުން ވޯޓްދޭގޮތަކުން އެއްވެސް ފިޔަވަޅެއް ނެއެޅޭނެ ކަމަށް އޮވޭ. 3 ލައިން ވިޕް ވެސް ވާނީ ޤާނޫނާއި ޚިލާފުކަމަކަށް.
ވަކިފޫ
26 February 2025
ދުނިޔެއަށްޓަކާ ލިބިފައިވާ އިލްމުގެ ބޭނުން ނުހިފި ދިޔުމަކީ ފަހުން ހިތާމަ ކުރަންޖެހޭނެ ކަމެއް! ހަމައެކަނި ފައިސާ ތަކެއް އެއްކުރުމަކުން އާޚިރަތެއް ނުލިބޭނެ! ކިތަންމެ ބިލްޑިންގ ތަކެއް އެޅިޔަސް ކިތަންމެ ގިނަ ގެސްޓް ހެދިޔަސް ކިތަން،މެ ގިނަ ބިމެއް ގަތަސް އެއީ ހަމަ ދުނިޔޭގެ ޒީނަތެއް! ގިނައިން ލިބޭ ވަރަށް ދަހިވެތިވެ އިތުރަށް ފައިސާ ބޭނުންވުމަކީ ބޮޑު ބަލިމަޑުކަމެއް
ކޮސް
26 February 2025
އަނާރާ އިސްތިއުފާ!!!!!
މނފގނގސފ
26 February 2025
ދީނީ ނަސޭހަތް ދީ އުޅޭއިރު ތިމާމެންގެ އަމަލާ ބަސް ސީދާ ކުރުމަށް ދީނުގެ އަލީގަ އަމިއްލަ ނަފްސަށް ނަސޭހަތްތެރި ވުން މުހިއްމު! ފައިސާއާ ޖެހުނީމަ ބަދަލުވަނީ ދެފުށްކެހެރިންނަށް. ގައިމު މި އަނާރާގެ ފިރިމީހާއަކީވެސް މަޖިލިސް މެންބަރެއް! ގައިމު ފައިސާވެސް ލިބޭނެތާ
ސޭކުބެ
26 February 2025
ދީން ކިޔެވި ވަރަކަށް މުނާފިޤުކަންވަނީ އިތުރު. ކަލޭމެން ދޭ ދީނީ ދަރުސު ގަބޫލުކުރާނީވެސް ކިހިނެއް.
ނަޒާހަތަކީ ވަނަމެއް
26 February 2025
ފިއްތާލީ އެ އޯކޭ ވީ. މިވެސް މެންބަރުން؟ މިނިވަން؟
ޖަގޭ
26 February 2025
މީނަ ބުނިކަމަށްވޭ ބައި ބޮޑު ކޮޅަށް ވޯޓްދިނީއޭ، މާދަމާ ރާއްޖޭގައި އޮންނާން ފެންނަނީ ކުރިސްޓިއަންދީން ކަމަށް ބައިބޯ މީހުން ބުނެފިނަމަ މީނަ ވޯޓް ދޭނެކަން ކަށަވަރުވީ މީ މިމީހުން ހާލު ...
ސަންޑޭ
26 February 2025
ފިތަށް އޮއްބާލަން ލިބޭ ވަގުތު އަނާރާ އަށް އިތުރު ކޮށް ދޭން ފެނޭ. އެބޭފުޅާގެ ވިސްނުމަށް އަންނަ އެއްޗެހި ޕްރެސެސް ކުރަން ޢާއްމުކޮށް މީހަކު ހޭދަކުރާ ވަގުތަށް ވުރެ އިތުރު ވަގުތުދޭ. އަނާރާގެ ވާހަކަ ދެއްކުމުގެ ސްޕީޑުންވެސް މިކަން އެނގޭނެ.
އަންދަލޫސިޔާ
26 February 2025
އަނާރާ ބިންތި އެނބުރޭ ވަހުތާނު!