މެމްބަރު ސިނާން: އޭނާގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލާފައި --- ފޮޓޯ/މިހާރު
13 ޖުލައި 2025 - 13:11
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހަމައަށް ހިނގައްޖެ އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޣާލިބް ސަލީމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ފައިސާ ނުދެއްކި އޮތީ ހުކުމްކުރިކަން ނޭނގި އޮތުމުން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް ހުކުމް ކުރިތާ އެއް ދުވަސް ފަހުން ސިނާނަށް ވައިބާ މެދުވެރިކޮށް ކޯޓުން ހުކުމް ފޮނުވި ކަމަށެވެ. އަދި އެ މެސެޖް ލިބުނުކަމުގެ މެސެޖެއް ސިނާން ފޮނުއްވި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭންކުން ސިނާނަށް ސިޓީ އާއި އީމެއިލް ވެސް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިނާންގެ ފަރާތުން ފައިސާ ދެއްކެވީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ހުކުމް ތަންފީޒު މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދެއްކި ކަމަށް ވާނީ ހުކުމުގެ މުއްދަތުގައި ހުކުމުގައި ބުނާ ގޮތަށް ފައިސާ ދެއްކުމުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ގާނޫނުއަސާސީ މާނަކުރަން ޖެހޭ ހާލަތެއް ނެތެވެ. އަދި އެއީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަން ވަރަށް ސާފުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޣާލިބްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަލީ ހުސައިން ވިދާޅުވީ މަހަކު ވަކި މިންވަރެއްގެ ފައިސާ ދައްކަން ހުކުމުގައި އަންގާފައި ވަނިކޮށް އެންމެ މަހަކު ވެސް ފައިސާ ނުދެއްކިއްޖެނަމަ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކީ ކަމަށެވެ. އަދި އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ ހުކުމެއް އޮތްކަން ސިނާނަށް އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު ކަމަށާއި އަދި އީމެއިލް އާއި ވައިބާ މެދުވެރިކޮށް ހުކުމެއް އޮތްކަމުގެ މެސެޖް ލިބުނުކަން ކުރިން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް އާލިމް ވިދާޅުވި އެވެ.
އާލިމް ވިދާޅުވި ގޮތުގައި ހިތަދޫ ކޯޓުން ސިނާނަށް މެސެޖެއް ފޮނުވުމަށްފަހު ގުޅައި، ވައިބާ މެސެޖެއް އޮންނާނެ ކަމަށާއި އެ މެސެޖް ލިބުނުކަން ޔަގީންކޮށް ދިނުމަށް އެދުމުން އެކަން އޭނާ ކުރެއްވި ކަމަށެވެ. ނަމަވެސް އެ މެސެޖްގައި އޮތީ ހުކުމެއްކަން އޭނާއަށް އޭރު އެނގިވަޑައިނުގަންނަވާ އާލިމް ވިދާޅުވި އެވެ.
ސިނާން އެ ފައިސާ ދެއްކެވީ ބޭންކާއެކު ކުރި މަޝްވަރާތަކަށްފަހު ބޭންކުން ދިން ލުއިތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުމް ތަންފީޒު މައްސަލަ އަނބުރާ ގެންދިޔައީ ވެސް ފައިސާ ދެއްކުމުން ބޭންކުން އަމިއްލައަށް ކަމަށް ވެސް އާލިމް ވިދާޅުވި އެވެ. އަދި ހުކުމުގައި ބުނާ ކޮންމެ މަހެއްގެ ތެރޭގައި ފައިސާ ނުދެއްކި ނަމަވެސް ކޯޓުން ދިން ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލީ ވަރަށް އަވަހަށް މައްސަލާގެ ހުކުމް އިއްވަން މަސައްކަތް ކުރާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިކުރި ކުކުޅު
13 July 2025
އެނގިދާނެތާ ހުރި "މިނިވަން"ކަމެއްވެސް. މެންބަރު އަދިވެސް އެ އިންނަނީ ނިދިޖެހިފައި
އަތްބޭނުން
13 July 2025
މިފަހަރު ވަރައްސާފުކޮށް އެނގޭނެ ކޯޓައް އަތްބާނާ މިންވަރު، ވަރަށް ސާފު ކޭހެއް
ހިތަދޫ އުތުރު މީހެއް
13 July 2025
ބެންޗަށް ފެނިވަޑައިގަންވާ ގޮތަކަށް ހުކުމް ކުރަންވީ، އަކުރުން އަކުރަށް ސާފު ހުކުމާއި އެއްގޮތަށް ދައްކާފައިނެތްކަން، ހުކުމް ކުރެވިދާނެ ފިއްޔެގެ މާނައިންވެސް. ދެން މިގޮތަށް ހުކުމް ކުރީމަ މީގެ ފަހުން އެއްވެސް ބަޔަކު މަހުން މަހަށް ދައްކަންޖެހޭ ލޯނާއި އެހެނިހެން ދަރަނިތައް ދައްކާނެކަމެއްނެތް، ކޯޓުގެ މިހުކުމުން ބާރުލިބޭނެ!
ގެއްލުނު ގޮނޑި
13 July 2025
މިފަހަރު ގައިމުވެސް ކޮންމެވެސް އެއްގޮނޑިއެއް ގެއްލޭނެއެވެ. މެންބަރުގެ ގޮނޑި ނޫނީ ގާޒީގެ ގޮނޑިއެވެ. ކުޅިބަލަން ތިބެމާ ހިނގާށެވެ.
ތެފައާސާ.
13 July 2025
މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައި ކޯޓަކުން އެހުކުމެއް އެމީހަކަށް ފޮނުވީމާ އެ ހުކުމުގައިއޮތީ ކީކޭތޯ ތަށަށް ކިޔަނީ މަރިޔަބުތޯވެސް ބަލައިނުލާ 3 މަސްދުވަސް ވަންދެން ހުރެދާނޭކަމަށް ސަލާމަތްބުއްދި ހުރި ސަބަބުވެރި އިންސާނަކު ގަބޫލެއް ނުކުރާނެ. ދެން އެހެންވިޔަސް ސުޕްރީމް ކޯޓުން ހުކުމް ކުރަން ޖެހޭނީ ކޮންގޮތަކަށްކަން އަހަރެމެންނަށްވެސް އެނގޭ!!!
ކަތްދައްތަ
13 July 2025
ސުޕްރީމް ކޯޓުގަތަ؟
ބާރަށު މއކުުު
13 July 2025
އަލީ ހުސައިން ބުނީ ތެދެއް. އޮފްސައިޑް ވީމާ އޮފްސައިޑް. އެ ނިމުނީ. ހުކުމގައި ބުނީ 6 މަސް ދުވަހު ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކާށޭ. އެވަރު ނުދައްކާ 2 މަސްވީމާ ތަންފީޒާށް މައްސަލަ ލީ. އެހިސާބުން ގޮނޑި ގެއްލިއްޖެ.ދެން ފަހުން ބެންކުން އެއްބަހޭ އަނެކައްޗެކޭ ކިޔާކަށް ނުޖެހޭ
ޝިހާމް2
13 July 2025
އަމިއްލަ މީހެއްގެ އަތުން މެމްބަރު ސިނާން ނަންގަވާފައިވާ 3 ލައްކަ ރުފިޔާ އަނބުރާ ނުދޭތީ ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައެއްވެސް އެ ކޯޓުގައި އެބަދޭ ކުރިޔަށް. ސިނާނު އަށް މިކަން ވެސް ނޭނގޭނެ ދޯ؟
ޑރ ވާންޗޯ
13 July 2025
ބަލަންތިބެމާ!! ކޯޓުތަކަށް އަތްއެކަނިތޯ ބާނަނީ ނޫނީ އަތާފަޔާވެސް ބާނަނީތޯ ބަލަންމިތިބީ!!!.
ހައްސާން ރޝދ ހިތަދޫ
13 July 2025
ހުކުމެއް އޮތްކަން ސިނާނަށް އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު ކަމަށް ބުނާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް. ހެޔޮ ނުވާނެ ސިނާނު! ބަލަގަ ތިޔަ ހުކުމުގެ ވާހަކަ ސަރުކާރާއި ސިނާނު ދެއްކެވި ވާހަކަ ހިތަދޫ ކަނދާ ގާޑިޔާގައި ހުރެ ނޫންތޯ ބުނީ.