ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް، އެ މައްސަލާގެ އަޑުއެހުންތައް ނިންމާލިތާ ނުވަ މަސް ފަހުން، އަންނަ އާދިއްތަ ދުވަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާލުމަށްފަހު. އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.